ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުގެ މަގު ބަންދުކުރުމަކީ، ކްލަބްތަކަށް ފޫ ނުބެއްދޭނެ ގެއްލުމެއް ލިބޭނެ ކަމެއް ކަމަށް މާޒިޔާ ސްޕޯޓްސް އެންމ ރެކްރިއޭޝަން އިން ބުނެފިއެވެ.
އެ ކްލަބުން ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ، ކޮވިޑްގެ ކޭސްތައް އިތުރުވުގާ ގުޅިގެން، އެޗްޕީއޭގެ ފިޔަވަޅުތަކުގެ ސަބަބުން ފުޓްބޯޅައިގެ ހަރަކާތްތައް ހުއްޓާލަން ޖެހުމަކީ ކްލަބުތަކަށް ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށެވެ.
ފުރަތަމަޑިވިޝަންގެ ކްލަބްތަކުން 2021-2020 ގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރު ވާން ފެށީ އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށާއި ޕްރިމިޔަރ ލީގް ފެށީވެސް އެފްއޭއެމް އިން ހެދި ގައިޑްލައިންއެއްގެ ދަށުން، އެޗްޕީއޭއިން ދިން ހާއްސަ ހުއްދައަކާ އެކުގައި ކަމަށް މާޒިޔާގެ ނޫސް ބަޔާނުގައި ވެއެވެ.
ގިނަ ކުޅުންތެރިންނާއި ކޯޗުންވެސް ފުޓްބޯޅައިން ލިބޭ އާމްދަނީއަށް ބަރޯސާ ވާއިރު، މިއީ އެ ފަރާތްތަކަށް ލިބުނު މާޔޫސްކަމެއް ކަމުގައި މާޒިޔާއިން ބުނެއެވެ. އަދި މިދަފަ ގޮތަކަށް ސީޒަން މެދުކަނޑާލުމަކީ ކްލަބުތަކަށް މާލީގޮތުންވެސް ދަތިކަމެއް ކުރިމަތިވާ ކަމަކަށް ވީ ހިނދު، ފަރިތަކުރުންތައް އެކަނި ނަމަވެސް ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖެއްސުމަކީ މުހިންމުކަމެއް ކަމަށް މާޒިޔާއިން ދެކެއެވެ.
މާޒިޔާއިން އިތުރަށް ފާހަގަ ކޮށްފައި ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ކޮވިޑްގެ ހާލަތުގައި ފުޓްބޯޅައިގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ގޮތްތައް ހޯދާފައި ވާ ކަމަށެވެ. އެހެންކަމުން ދިވެހި ފުޓްބޯޅަ ސީޒަންވެސް ކުރިއަށް ގެންދެވޭނެ އުސޫލުތައް ގަނޑައަޅައި، އަލުން ސީޒަން ކުރިއަށް ގެންގެވޭނެ ގޮތެއް ހަދައިދިނުމަށް ކަމާބެހޭ އިދާރާތަކުގެ ކިބައިން އެދޭކަމަށް މާޒިޔާއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް