ގދ. ތިނަދޫ މޮނިޓަރިން އަށްލައި، ރަށަށް އަރައި ފޭބުން މަނާކޮށްފި

ގދ. ތިނަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ. މިއީ މިމަހުގެ ތެރޭގައި އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައި ދެ ވަނަ ފަހަރެވެ. އެ ރަށަށް ދަތުރު ކުރި ޖެންޑާ މިނިސްޓްރީގެ ޓީމެއްގައި ހިމެނޭ މީހަކު ޕޮސިޓިވ...

07 Feb 2021 | 05:24

ގދ. ތިނަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

މިއީ މިމަހުގެ ތެރޭގައި އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައި ދެ ވަނަ ފަހަރެވެ. އެ ރަށަށް ދަތުރު ކުރި ޖެންޑާ މިނިސްޓްރީގެ ޓީމެއްގައި ހިމެނޭ މީހަކު ޕޮސިޓިވްވެގެން ކޮންޓެކްޓް ޓްރޭސިން ހެދުމަށް މި މަހުގެ ތިން ވަނަ ދުވަހު މޮނިޓަރިންއަށް ލުމަށް ފަހު އެ ހާލަތު އުވާލީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ.

މިއަދު އަނެއްކާވެސް އެ ރަށް މޮނިޓަރިންއަށް ލީ އައްޑޫ ސިޓީ ޕޮސިޓިވް ކޭސް އަކާއި ގުޅުން ހުރި މީހަކު ތިނަދޫއިން ޕޮސިޓިވްވުމުންނެވެ. އެ ރަށުގައި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ މިއަދު ތިނަދޫ ކައުންސިލަށް ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އަދި އެޗްޕީއޭގެ ހުއްދަ ނެތި ތިނަދޫއަށް އަރާ ފޭބުމަކީ މަނާ ކަމެއް ކަމަށް އަންގާފައިވެ އެވެ.

"ދުވަސް" އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކޯވިޑް ފޯކަލް ޕޮއިންޓް ޝަހުޒާ ހުސެއިން ވިދާޅުވީ އައްޑޫ ކްލަސްޓާ އާއި ގުޅުރި ޕޮޒިޓިވް އެ މީހާ މިހާރު ހުރީ ކަރަންޓީނުގައި ކަމަށެވެ. އަދި މިހާތަނަށް ދެނެގަނެވުނު ކޮންޓެކްޓްސްވެސް ކަރަންޓީން ވުމަށް އަންގަމުން އަންނަ ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އައްޑޫ ސިޓީގައި އޮތް ޓްރޭނިންގައި ބައިވެރިވުމަށްފަހު ޕޮޒިޓިވް ވެފައިވާ މި މުވައްޒަފު ޑިއުޓީއަށް ނިކުތެވެ. އެހެންކަމުން އެ މުވައްޒަފާއި، އަތޮޅުގެ އެކި ރަށްރަށަށް ދަތުރުކުރި ފަރާތްތަކާ ދިމާވެފައި ހުރުން އެކަށީގެންވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް