މިއަދުން ފެށިގެން ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރު، އިސްތިސްނާވަނީ ހަތަރު ބައެއް

މިއަދުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އާންމު ތަންތަނުގައި މާސްކުއެޅުން މަޖުބޫރުކޮށްފި އެވެ. ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ...

07 Feb 2021 | 02:14

މިއަދުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އާންމު ތަންތަނުގައި މާސްކުއެޅުން މަޖުބޫރުކޮށްފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން ނެރުނު އެންގުމެއްގައި ބުނެފައިވާ ގޮތުގައި މިއަދުން ފެށިގެން މާލޭ ސަރަހައްދެކެކޭ އެއްގޮތަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގެއިން ބޭރުގައި އުޅޭއިރު ހުރިހާ އެންމެން އުޅެންޖެހޭނީ މާސްކު އަޅައިގެންނެވެ. މާސްކު އަޅާއިރު އަނގަ، ނޭފަތް އަދި ދަތްދޮޅި ނިވާވާން ޖެހޭނެ އެވެ.

މިގޮތަށް އަންގާފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުންނެވެ.

އެ އެންގުމުގައި ބުނެފައިވާގޮތުގައި އާންމު ތަންތަނުގައި މާސްކު އެޅުމުން އިސްތިސްނާވީ ހަތަރު ބައެކެވެ. އޭގެ ތެރޭގައި ހިމެނެނީ:

އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިން

ކަސްރަތު ކުރަން މަގުމަތީގައި އުޅޭ މީހުން ކަސްރަތު ކުރާއިރު

އެހެން މީހެއްގެ އެހީ އާއި ނުލައި މާސްކު އަޅައި، މާސްކު ނުނެގޭ މީހުން

ކެފޭ، ރެސްޓޯރެންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަނެއްގައި ހިދުމަތް ހޯދާ ފަރާތްތައް، ހިދުމަތް ހޯދާ ވަގުތު

މީގެ އިތުރުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި އަންގާ ގޮތެއްގެ މަތިން އަމަލު ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މި އެންގުމަށް އަމަލު ކުރުމަށް ހުރިހާ އިދާރާތަކާއި އާންމުންނަށް އަންގާފައިވެ އެވެ. އަދި އެންގުމާއި އެއްގޮތަށް އަމަލު ކުރޭތޯ ބެލުމަށް ކަމާ ބެހޭ ފަރާތްތަކަށް އަންގާފައިވެ އެވެ.

ފުލުހުން ބުނީ އަތޮޅު ތެރޭގައި ފުލުހުންގެ ހިދުމަތް ނެތް ރަށްރަށުގައި މާސްކު އެޅުމުގެ ގަވައިދަށް އަމަލު ކުރޭތޯ ބަލާނީ ރަށުގައި އެކުލަވާލާފައިވާ ޓާސްކް ފޯސްއާއި ގުޅިގެން ކަމަށެވެ. އަދި މާލެއެކޭ އެއްގޮތަށް އާންމު ތަންތަނުގައި މާސްކު ނާޅާނަމަ1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.

ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރު ކުރަން ނިންމީ މިފަހަކަށް އައި އަނެއްކާވެސް ކޯވިޑްގެ ކޭސްތައް އިތުރުވާން ފަށާފައިވާތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް