ހަތިޔާރާއެކު ރާއްޖެ ފުރަން އުޅުނު މީހަކު އިންޑިއާ އިން ހިފަހައްޓައިފި

އިންޑިއާގެ ދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ ފުރަން އުޅުނު ޕަސެންޖަރެއްގެ ލަގެޖުން ގިނަ އަދަދެއްގެ ވަޒަންތަކެއް ފެނިގެން އޭނާ ފުރުން ހުއްޓުވައިފިއެވެ. އިންޑިއާގެ މީޑިއާއިން ރިޕ...

07 Feb 2021 | 01:58

އިންޑިއާގެ ދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ ފުރަން އުޅުނު ޕަސެންޖަރެއްގެ ލަގެޖުން ގިނަ އަދަދެއްގެ ވަޒަންތަކެއް ފެނިގެން އޭނާ ފުރުން ހުއްޓުވައިފިއެވެ.

އިންޑިއާގެ މީޑިއާއިން ރިޕޯޓްކޮށްފައިވާގޮތުގައި އެ މީހަކު ފުރަން އުޅުނީ މީގެ ދެ ދުވަސް ކުރިންނެވެ. އޭނާގެ ލަގެޖުން .32bore މަރުކާގެ ފިސްތޯލައަކަށް ލައްވާ ޒާތުގެ ވަޒަން ހިމެނޭ 11 ކާޓްރިޖް ފެނުނު ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ހުއްޓުވާ ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ އެ ވަޒަންތަކަކީ އޭނާއަށް ހުއްދަ އޮންނަ ބަޑިއަކަށް ލައްވާ ވަޒަންތައް ކަމުގައެވެ. އަދި ބަޑި ގެންގުޅުމުގެ ލައިސަންސްވެސް ދެއްކި ކަމަށް ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް އެ ހުއްދައަކީ ހަމަ އެކަނި އިންޑިއާގެ ހަރްޔާނާ ސްޓޭޓްގައި ބަޑި ގެންގުޅުމަށް އޭނާއަށް ދެވިފައިވާ ހުއްދައެއް ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ. އެއީ އިންޑިއާ ރައްޔިތެއްކަން ނުވަތަ ނޫންކަންވެސް ރިޕޯޓްތަކުން އެނގޭކަށް ނެތެވެ.

އެ ވަޒަންތަކާއެކު އޭނާގެ ލަގެޖުގައި ބަޑިއެއް އޮތްކަން ނުވަތަ ނޫންކަން ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް ހަމަ އެ ދުވަހު އެ އެއާޕޯޓުން ހަތިޔާރާއެކު ފުރަން އުޅުނު އަންހެނެއްވެސް ހުއްޓުވި ކަމަށާއި އެ އަންހެން މީހާގެ އަތުގައި ހަތިޔާރު ގެންގުޅުމުގެ ލައިސަންސް ނެތްކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

މި ދެ ހާދިސާއާއެކު ދިއްލީ ފުލުހުން ވަނީ އިންޒާރުގެ ނޯޓިސް އެއް ނެރެފައެވެ. އެ ނޯޓިސްގައި ބުނެފައިވަނީ ފުރަން ދިއުމުގެ ކުރިން، ހަތިޔާރުފަދަ މަނާ އެއްވެސް އެއްޗެއް ގެންދެވޭތޯ ޗެކް ކުރަންވާނެ ކަމަށެވެ. ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް