ދެ މުވައްޒަފުން އައްޑުއަށް ގޮސްފައިވާނީ ނެގަޓިވް ޕީސީއާރު ރިޒަލްޓާއެކު: އޭވިއޭޝަން ކޮމާންޑް

ހާއްސަ ހުއްދައިގެ ދަށުން އައްޑޫ ސިޓީއަށް ދިޔަ ދެމީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ދެ މުވައްޒަފުން އައްޑޫ ސިޓީއަށް ދިޔައީ ޕީސީއާރު ޓެސްޓެއް ހަދައި، ނެގަޓިވް ނަތީޖާ ...

07 Feb 2021 | 00:54

ހާއްސަ ހުއްދައިގެ ދަށުން އައްޑޫ ސިޓީއަށް ދިޔަ ދެމީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ދެ މުވައްޒަފުން އައްޑޫ ސިޓީއަށް ދިޔައީ ޕީސީއާރު ޓެސްޓެއް ހަދައި، ނެގަޓިވް ނަތީޖާ ލިބުމަށްފަހުގައި ކަމުގައި އެ ކޮމާންޑުން ބުނެފިއެވެ.

އެ ކޮމާންޑުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އައްޑޫ ސިޓީއިން ދެމީހަކު ކޮވިޑް19 އަށް ޕޮސިޓިވް ވެފައިވަނީ މާލެއިން ހާއްސަ ހުއްދައިގެ ދަށުން ދިޔަ ބައެއްގެ ފަރާތުން ކަމަށް، އައްޑޫ ސިޓީގެ މޭޔަރާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ޝާއިޢުކޮސްފައިވާ ހަބަރުގައި މި ކޮމާންޑްގެ މުވައްޒަފުންގެ ފަރާތުން ކޮވިޑް19 ފެތުރު ކަމަށް ތުހުމަތުކޮށްފައިވާތީ އެކަމުގެ މައުލޫމާތު ސާފުކޮށްދިނުމުގެ ގޮތުން ދަންނަވާކަމަށާއި އެ ކޮމާންޑްގެ ޓްރޭނިން ޔުނިޓްގެ ދެ މުވައްޒަފުން އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ ޓްރެއިނިންން އަކަށް ގޮސްފައިވަނީ 02 ފެބްރުއަރީ 2021 ވަނަ ދުވަހު ކަމަށެވެ. އަދި މި ޓްރެއިނިންއަށް މުވައްޒަފުން ގޮސްފައިވާނީ، އެޗްޕީއޭގެ ގައިޑްލައިން އާއި އެއްގޮތަށް ޕީސީއާރު ޓެސްޓް ހަދާ ނެގަޓިވް ނަތީޖާ ލިބުމުން ކަމަށެވެ.

"މި މުވައްޒަފުންގެ ފަރާތުން މި ބަލި ފެތުރުނުކަމަށް ތުހުމަތުކޮށް ޚަބަރު ފަތުރާފައިވަނީ ޒިންމާދާރުކަންކުޑަ ގޮތަކަށް ކަމުގައި މި ކޮމާންޑުން ދެކެމެވެ. އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ޤަވާއިދުން ޓްރެއިން ކުރަންޖެހޭ ބަޔަކަށް ވީހިނދު، ކޮންމެހެން ކުރަންޖެހޭ ޓްރެއިނިން ކުރިއަށް ގެންދިއުމުގައި، އެޗްޕީއޭއިން އާއްމުކުރާ ގައިޑްލައިންތަކަށް ފުރިހަމައަށް ތަބާވެ، މި ކޮމާންޑްގެ މުވައްޒަފުން މަސައްކަތްކުރަނީ ޒިންމާދާރުކަމާއި އެކުގައި ކަމުގައި ދަންނަވަމެވެ." އެ ކޮމާންޑްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ މިފަދަ ހައްސާސް މައްސަލައެއްގައި ކަން ހިނގާފައިވާ ގޮތަށް ރިއާޔަތް ނުކޮށް، މިކޮމާންޑްގެ މުވައްޒަފުންގެ ބޮލުގައި އިލްޒާމް އަޅުވައި، އެކަމުގައި މުވައްސަސާ ބަދުނާމްކޮށް ޚަބަރުފެތުރުމަކީ މި ކޮމާންޑުން ބަލައިގަންނާނެ ކަންކަން ނޫންކަމަށާއި މިފަދަ ކަންކަމުގައި ޒިންމާދާރު މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކާއި ހަވާލާދީ ޚަބަރު ޝާއިޢުކުރާއިރު މި ކޮމާންޑްގެ ބަހެއް ނުހޯދާ މި ޚަބަރު ޝާއިޢުކޮށްފައިވާތީ ހިތާމަކުރާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް