ތިން ޓޫރިސްޓު ފެސިލިޓީއެއްގައި ކޯވިޑް-19 އަށް ގިނަ ބަޔަކު ޕޮސިޓިވް ވަމުން ދާކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ކޯވިޑްގެ ކަލަސްޓަތަކެއް ފެނިފައިވަނީ ބިޔާދޫ އައިލެންޑް ރިސޯޓު، ނިޔާމަ އައިލެންޑް ރިސޯޓު އަދި އެމްޕަޔާ ސަފާރީން ކަމަށެވެ. މި ތިން ޓޫރިސްޓު ފެސިލިޓީން މިހާތަނަށް 55 މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ތެރެއިން ނިޔާމަ ރިސޯޓުން ކުރިން ޕޮސިޓިވްވި ހަތް މީހުންނާއި އެކު ޖުމްލަ 14 މީހުން ޕޮސިޓިވްވެފައިވެ އެވެ. ޑރ. ނަޒްލާ ވިދާޅުވީ ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ނުވަ ޓޫރިސްޓުންނާއި ފަސް މުވައްޒަފުން ކަމަށެވެ.
އަދި އެމީހުންނާއި ގުޅުން ހުރި މީހުންގެ ގޮތުގައި 26 މީހަކު ފާހަގަ ކުރެވިގެން އައިސޮލޭޓް ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ. ޑރ. ނަޒްލާ ވިދާޅުވީ އަދިވެސް އެ ރިސޯޓުގައި ރެންޑަމް ސާމްޕަލް ނެގުން ކުރިޔަށް ދާ ކަމަށެވެ.
ބިޔާދޫ އައިލެންޑް ރިސޯޓުން ފުރަތަމަ ޕޮސިޓިވްވެފައިވާކަން އެނގުނީ ބަލީގެ އަލާމާތްތަކާއި އެކު މާލެ އައިސް ފްލޫ ކްލިނިކަށް ދެއްކި އެ ރިިސޯޓުގެ މުވައްޒަފަކަށް ބަލި ޖެހިފައި ހުރިކަން އެނގުމުންނެވެ. އެޗްއީއޯސީން އެ މުވައްޒަފު ޕޮސިޓިވްވުމާއި އެކު އާރްއާރްއީ ޓީމެއް އެ ރިސޯޓަށް ގޮސް ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން އެ މުވައްޒަފާއި ގުޅުން ހުރި އިތުރު 15 މީހަކު ޕޮސިޓިވްވެފައިވާ ކަމަށެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުން އައިސް އެ ރިސޯޓުގައި ކަރަންޓީންގައި ހުރި ބިދޭސީ މުވައްޒަފަކުވެސް ޕޮސިޓިވްވެފައިވާ ކަމަށް ވިދާޅުވި އެވެ. ޑރ. ނަޒްލާ ވިދާޅުވީ މިހާތަނަށް އެ ރިސޯޓުން 17 މީހަކު ޕޮޮސިޓިވްވެފައިވާ ކަމަށެވެ.
އެމްޕަޔާ ސަފާރީން ޕޮސިޓިވްވި ޖުމްލަ އަދަދު މިއަދު ވަނީ 24 އަށް އަރާފައި އެވެ. ޑރ. ނަޒްލާ ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ 22 ޓޫރިސްޓުންނާއި ދެ މުވައްޒަފުން ކަމަށެވެ.
އޭނާ ވިދާޅުވީ އެ ހުރިހާ އެންމެންވެސް ސަފާރީގައި ތިބީ އައިސޮލޭޓް ވެގެން ކަމަށެވެ. އަދި ބިޔާދޫ އައިލެންޑް ރިސޯޓާއި ނިޔާމަ ރިސޯޓު އޮތީ މޮނިޓަރިންގެ ހާލަތުގައި ކަމަށް ވިދާޅުވި އެވެ.
އެޗްއީއޯސީން މިރޭ އާންމުކޮށްފައިވާ އެންމެ ފަހުގެ ކޯވިޑް-19 ގެ މައުލޫމާތުތަކަށް ބަލާއިރުު ޓޫރިސްޓު ފެސިލިޓީތަކުގައި 132 އެކްޓިވް ކޭސް އެބަ ހުއްޓެވެ. އަދި މިދިޔަ 24 ގަޑިއިރު ތެރޭގައި ޓޫރިސްޓު ފެސިލިޓީތަކުން 10 މީހުން ޕޮސިޓިވްވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް