އާދިއްތަ ދުވަހުން ފެށިގެން މާލޭ ސިޓީގެ ގޭ ބިސީތަކުން ކުނި ނަގާ ގަޑިއަށް ބަދަލު ގެނަޔަސް ވެމްކޯގެ މުވައްޒަފުން ގެންދާނީ އިމާރާތުގެ ބޭރުގައި ބަހައްޓާ ކުނި އެކަނި ކަަމަށް އެ ކުންފުނިން ބުނެފި އެވެ.
ވެމްކޯއިން ބުނީ މި މަހުގެ 10 ވާ އާދިއްތަ ދުވަހުން ފެށިގެން މާލޭ ސިޓީގެ ގޭބިސީތަކުން ކުނި ނަގާނީ ރޭގަނޑު 10:00 އާއި 12:00 އާއި ދެމެދުގެ ވަގުތުގައި ކަމަށެވެ. ކުނި ނަގާ ގަޑިއަށް ބަދަލު ގެންނަން ނިންމީ މާލޭގެ ކޯވިޑް-19 ގެ ހާލަތަށް ބަލައި ކާފިއު ވަގުތަށް ގެނެވުނު ބަދަލަށް ރިއާޔަތް ކޮށް ކަމަށް ވެމްކޯއިން ބުނެ އެވެ.
އެ ކުންފުނިން ބުނީ އެވަގުތުތަކުގައި ކުނި ނަގަން ދާއިރު ވެމްކޯގެ މުވައްޒަފުން ގެންދާނީ ކުރިއެކޭވެސް އެއްގޮތަށް އިމާރާތުގެ ބޭރުގައި ބަހައްޓާ ކުނި ކަމަށެވެ. އަދި ވެމްކޯގެ އެއްވެސް މުވައްޒަފަކު އިމާރާތުގެ ވަކި ވަކި ފަންގިފިލާތަކަށް ކުނި ނަގަން ނާރާނެ ކަމަށް ބުނެ އެވެ.
އަދި ވެމްކޯއިން ކުނި ނަގަން ހަމަޖެހިފައިވާ ގަޑި ނޫން ގަޑިތަކުގައި މަގުމައްޗަށް ކުނި ނެރުމަކީ މަނާ ކަމެއް ކަމަށް ބުނެ އެވެ. ވެމްކޯއިން ބުނީ ފަހަކަށް އައިސް ކުނި ނަގަން ހަމަޖެހިފައިވާ ގަޑި ނޫން ގަޑިތަކުގައި މާލޭގެ ބައެއް ސަރަހައްދުތަކަށް ކުނި ޖަމާކޮށްފައި ހުންނަކަން ފާހަގަ ކުރެވޭ ކަމަށެވެ.
ވެމްކޯއިން ބުނީ ކުނި ނަގާ ގަޑި ރޭގަނޑަށް ބަދަލު ކުރުމުގައި އިތުރަށް ބެލި ކަންކަމުގެ ތެރޭގައި މިހާރު ކުނި ނަގަމުންދާ ގަޑިއަކީ މަގުމަތީގައި ވަރަށް ބާރު ބޮޑު ގަޑިއަކަށްވުން ހިމެނޭ ކަމަށެވެ. އަދި އާދިއްތަ ދުވަހު ސްކޫލްތައް ފެށުމާއި ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތައް ދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރަމުން ދިއުން ހިމެނޭ ކަމަށެވެ.
ވެމްކޯއިން ބުނީ އިމާރާތުގެ ބޭރަށް ކުނި ނެރުމުގައި ކުރިންފެށިގެން އަމަލު ކުރުމަށް ވެމްކޯއިން އަންގާފައިވާ ގަވައިދާ އެއްގޮތަށް އަމަލު ކުރުމަށް އެދޭ ކަމަށެވެ.
މީގެ އިތުރުން ވެމްކޯއިން ވަނީ މާލެ ސަރަހައްދުގެ ގޭބިސީތަކުން ކުނި އުކުމަށް ރަޖިސްޓްރީވުމަށް އަނެއްކާވެސް އެދިފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް