ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަޕޯޓަރުން ކްރިމިނަލް ކޯޓު ސަރަޙައްދުގައި އިހުތިޖާޖުކޮށްފި އެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ، ކުރި އިހުތިޖާޖުގައި އެމަނިކުފާނުގެ ސަޕޯޓަރުން ގޮވާލާފައިވަނީ އެމަނިކުފާނަށް ކުރަމުން ދަނީ ނުހައްގު ދައުވާތަކެއް ކަމަށާއި މި ސަރުކާރުން އެމްއެމްޕީއާރުސީގެ ޚިޔާނާތް ތަހުގީގު ނުކުރާ ކަމަށެވެ.
މިސަރުކާރުގެ ހަމައެކަނި ބޭނުމަކީ ރައީސް ޔާމީނަށް އަނިޔާ ކުރުން ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ގޮވާލާފަ އެވެ.
ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ބުނީ މި އިހުތިޖާޖުގެ ތެރެއިން އެ ކޯލިޝަނަށް ނިސްބަތްވާ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލު މެމްބަރު އަހްމަދު ނަރީޝްއާއި ފާތުމަތު ފަޒްލާ އަދި ސޫދާ ޢަބްދުﷲ ހިމެނޭ ކަމަށް ވެސް އެ ކޯލިޝަނުން ބުނެ އެވެ.
ރައީސް ޔާމީންގެ ސަޕޯޓަރުން މި އިހުތިޖާޖު ކޮށްފައުވާ އިރު، އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން ދައުލަތުން ވަނީ މަނީ ލޯންޑަރިންގެ ދައުވާއާއި ރ. ފުއްގިރި ދޫކުރުމުގައި ކުރެވުނު މުއާމަލާތުގައި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް ކޮށްފަ އެވެ.
މީގެ ތެރެއިން މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅާ އެމަނިކުފާނު މިހާރުވެސް ގެންދަވަނީ ފަސް އަހަރާއި ހަމަސް ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް