އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ކޮންގްރެސްއިން ބަލައިގަތުމުން އެންމެ ފަހުން ރައީސް ޑޮނަލްޑް ޓްރަމްޕް ދޫދެއްވައިފި އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ދައްކާގޮތުން އިންތިހާބު ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް ޖޯބައިޑަން އަށް 306 އިލެކްޓޯރަލް ކޮލެޖު ވޯޓު ލިބިފައިވެ އެވެ. ރައީސް ޓްރަމްޕަށް ލިބިވަޑައިގެންނެވީ 232 އިލެކްޓޯރަލް ކޮލެޖު ވޯޓެވެ.
ކޮންގްރެސްއިން މިއަދު ކުރި އިއުލާނުގައި ވަނީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ޖޯ ބައިޑެން އާއި ރަނިންމޭޓު ކަމަލާ ހެރިސްކަމަށް ކަނޑައަޅާފައިވާ ކަމަށް ބުނެފައި އެވެ.
މިއަދު ކޮންގްރެސްގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އާއި ސެނެޓުން ބޭއްވި ބައްދަލުވުމަށް ފަހު ބައިޑަން އިންތިހާބު ކާމިޔާބު ކުރެއްވިކަން އިއުލާނު ކުރީ އެގައުމުގެ ސްޓޭޓުތަކުން ރައީސް ޓްރަމްޕާއި ބައިޑެންއަށް ލިބުނު އިލެކްޓޯރަލް ވޯޓުތައް ގުނުމަށް ފަހު އެވެ. މި ބައްދަލުވުމުގައި ރިޕަބްލިކަން ޕާޓީން ބައިޑެން ކާމިޔާބު ކުރެއްވި ބައެއް ވޯޓުތަކާ ދެކޮޅަށް މައްސަލަ ހުށަހެޅި ނަމަވެސް އެ މައްސަލަ ދަމަހައްޓަން ބޭނުންވާ މިންވަރަށް ކޮންގްރެސްއިން ވޯޓު ލިބިފައެއް ނުވެ އެވެ.
ރިޕަބްލިކަންއިން ހިތްހަމަ ނުޖެހުނީ ޕެންސިލްވޭނިއާ އާއި އެރިޒޯނާގެ ނަތީޖާއާއި މެދު އެވެ.
އެ ބައްދަލުވުން ކުރިޔަށް ދަނިކޮށް ޓްރަމްޕަށް ތާއީދު ކުރާ މީހުން ވަނީ ގަދަކަމުން ކޮންގްރެސް ކުރިޔަށް ގެންދާ އިމާރާތް ކެޕިޓަލް އަށް ވަދެގަނެ ހަމަނުޖެހުން ހިންގާފައި އެވެ. މި ހަމަ ނުޖެހުންތަކުގައި ހަތަރު މީހުން މަރުވެ ގިނަ ބަޔަކު ޒަހަމްވެފައިވެ އެވެ.
ހަމަ ނުޖެހުން ތަކާއި ގުޅިގެން ކޮންގްރެސްގެ ބައްދަލުވުން މެދުކަނޑާލި އެވެ. އަލުން ބައްދަލުވުން ފެށީ ހާލަތު ކޮންޓްރޯލް ކޮށް، ހަތަރު ގަޑިއިރު ފަހުންނެވެ.
ކޮންގްރެސްގެ ނަތީޖާ އިއުލާން ކުރި ފަހުން ޓްރަމްޕް ނެރުއްވި ބަޔާނެއްގައި ވަނީ އެ ނަތީޖާ އަކީ ގަބޫލު ކުރާ ނަތީޖާއެއް ނޫން ކަމަށެވެ. އެކަމަކު ނަތީޖާ ގަބޫލު ނުކުރެއްވިޔަސް މިމަހުގެ 20 ވަނަ ދުވަހު ވެރިކަން ހަވާލު ކުރުމުގެ ކަންކަން ސުލްހަވެރިކަމާއި އެކު ކުރިޔަށްދާނެ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް