ދައުރުން ބޭރުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަންނަ ބުދަ ދުވަހުގެ ރޭ ބާއްވަން އެޖެންޑާ ކޮށްފި އެވެ.
މަޖިލީހުގެ އިދާރާއިން ވަނީ މި ޖަލްސާގެ އެޖެންޑާ އާންމު ކޮށްފައި އެވެ. އެޖެންޑާގައި ވާގޮތުން އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 ވާ ބުދަ ދުވަހުގެ ރޭ 8:30 ގައި އެވެ.
އެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020 އަށް ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ހުށަހަޅުއްވާފައިވާ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުމެވެ. އޭނާ އެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުންނެވެ.
އެރޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ދައުރުން ބޭރުގައި ބާއްވާ ޖަލްސާތަކުގެ ތެރެއިން ފުރަތަމަ ޖަލްސާއެވެ. އެހެން ކަމުން މި ގާނޫނަށް އިސްލާހު ގެނެވެންދެން ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދާނެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވަނީ ދެ އިސްލާހެކެވެ. އެއީ އެ ގާނޫނުގެ ހަތް ވަނަ މާއްދާގެ ހ އަދި ށ އަށް ހުށަހަޅާފައިވާ އިސްލާހުތަކެކެވެ.
އެ މާއްދާގެ ހ. ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ އެ ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގު ކުރައްވާތާ ހަތް ދުވަސް ތެރޭގައި ކައުންސިލް އިންތިހާބު ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް އިލެކްޝަންސް ކޮމިޝަނުން ފަށަން ވާނެ ކަމަށެވެ. އެ މާއްދާގެ ށ. އަށް ގެންނަ އިސްލާހުގައި ބުނެފައިވަނީ ހ. ބުނެފައިވާ އިންތިހާބުގެ ކަންކަން އަލުން ފަށައި އިލެކްޝަންސް ކޮމިޝަނުން ކުރިޔަށް ގެންދަން ވާނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އޮތްހާ ހިނދަކު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ ލަފަޔާއި އިރުޝާދާއި އެއްގޮތަށް ކަމަށެވެ.
ކައުންސިލް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައިވަނީ އޭޕްރިލް މަހުގެ ތިން ވަނަ ދުވަހު އެވެ. އެ ދުވަހު އިންތިހާބު ބޭއްވުމަށް އެންމެ ލަސްވެގެން މިމަހުގެ ނިޔަލަށް މަޖިލީހުން މި ގާނޫނަށް އިސްލާހު ގެންނަން ޖެހޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް