ޑިފެންޑަރު ކިރަން ޓްރިޕިއާ އާ ދެކޮޅަށް އިނގިރޭސި އެފްއޭ އިން ކުރިމަތި ކުރި ސަސްޕެންޝަން ފިފާއިން އުވާލައިފި އެވެ.
އިނގިރޭސި އެފްއޭއިން އޭނާ 10 ހަފުތާއަށް ސަސްޕެންޝަންކޯސްފައިވަނީ ބެޓިންގެ އުސޫލުތަކާ ޚިލާފުވުމުން ނެވެ. ސަސްޕެންޝަންގެ މުއްދަތުގައި އެތުލެޓިކޯގެ އެއްވެސް ކަމެއްގައި އޭނާއަށް ބައިވެރި ނުވެވޭނެ އެވެ.
ޑިޕޯޓިވޯ އަލަވޭޒް އާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިންވެސް، ޓްރިޕިއާގެ ސަސްޕެންޝަންގެ އަދަބު ފީފާއިން އޮތީ މަޑުޖައްސާލާފަ އެވެ. އެހެން ނަމަވެސް އެ މެޗުގައި އޭނާ ކުޅެފައެއް ނުވެ އެވެ.
މައްސަލަ އިތުރަށް ތަހްގީގު ކުރުމުގެ ގޮތުން ފީފާއިން އަދަބު މަޑު ޖައްސާލި އިރު، އިނގިރޭސި އެފްއޭގެ ނިންމުމާ ގުޅިގެން އޭގެ އިތުރު ތަފްސީލު ދިނުމަށް ހުށަހަޅާފައިވީ ނަމަވެސް އެތުލެޓިކޯ އެދުނު ތަފްސީލުތަކެއް އިނގިރޭސި އެފްއޭއިން ފޯރު ކޮށްދީފައި ނުވާކަމަށް ރިޕޯޓުތައް ބުނެ އެވެ.
އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ޖުލައި 2019 ގައި ޓޮޓެންހަމް ހޮޓްސްޕާސްއިން އެތުލެޓިކޯ މެޑްރިޑަށް އޭނާ ބަދަލުވުމުގައި އޭނާގެ ޓްރާންސްފަރއަށް ބެޓް ކުރި ފަރާތްތަކަށް މައުލޫމާތު ފޯރު ކޮށްދީފައިވާ ކަމަށް ކުރެވޭ ތުހުމަތެވެ. ޓްރިޕިއާގެ ޓްރާންސްފަރއަށް ބެޓް ކުރި ފަރާތަކުން ބެޓް ކޮށްފައިވަނީ 20 މިލިއަން ޕައުންޑަށް އޭނާ އެތުލެޓިކޯ މެޑްރިޑަށް ބަދަލު ވާނެ ކަމަށެވެ.
އެކަން އެގޮތަށް ނިމުމުން އިނގިރޭސި އެފްއޭއިން ތުހުމަތު ކުރަނީ ބެޓް ކުރި ފަރާތްތަކަށް ޓްރިޕިއާ އެހީވެ ދީފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް