ސިލްސިލާ ވާހަކަ: ޒާރާ - ފަސްދޮޅަސް ތިންވަނަބައި

''ނޫނޭ.........މިހާރު ދެން ރަނގަޅުވާނީ މިތަނުން ދިޔައިއްޔާ..........ދަނީ........'' ތެދުވެ ލިފްޓާ ދިމާލަށް އެނބުރިލަމުން އާދިލް ހިނގައިގަތެވެ. އެއްވެސް މީހެއްގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތިއެވެ. ...

07 Jan 2021 | 07:18

''ނޫނޭ.........މިހާރު ދެން ރަނގަޅުވާނީ މިތަނުން ދިޔައިއްޔާ..........ދަނީ........'' ތެދުވެ ލިފްޓާ ދިމާލަށް އެނބުރިލަމުން އާދިލް ހިނގައިގަތެވެ. އެއްވެސް މީހެއްގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތިއެވެ.  ސަރީފާ ހީކުރީ ބޮލަށް އެނބުރުން އެރުމުގެ ސަބަބުން އާދިލްގެ މޫޑު ގޯސްވެފައި ހުރީކަމަށެވެ.

އާދިލް ހިނގައްޖެއެވެ. އާދިލްއަށް ކޮށްފައިވާ އަސަރާއި ހިނގާ ދިޔަ ހުރިހާކަމެއް އެނގެނީ ހަމައެކަނި ޒާރާއަށެވެ. އެތެރެއަށް ވަނުމަށްފަހު ޒާރާ ބޭނުންވީ އެކަނިވެލާށެވެ. އެހެންނަމަވެސް މައިދައިތަ ހުއްޓާ ކޮޓަރިއަށްވަދެ ދޮރުލެއްޕުން ރަނގަޅެއްނުވާނެކަން ޒާރާއަށް އެނގެއެވެ.

ޒާރާގެ މޫނުމަތީގައިވާ އުފާވެރިކަން ވަނީ ގެއްލިފައެވެ. ޒާރާއަށް އައިސްފައިވާ ބަދަލު މައިތައިދައަކަށް ސިއްރެއް ނުވިއެވެ.

''ދަރިފުޅު ބަލީތަ.......... '' ސޯފާގައި އިށީދެއިން ޒާރާގެ ބޮލުގައި ސަރީފާ ފިރުމާލީ ނުހަނު ލޯބިންނެވެ. ސަރީފާގެ އޯގާތެރި ފިރުމުން އިހްސާސްވުމުން ޒާރާގެ ސިނކުޑީގައި އުފެދިފައިވާ ހަލަބޮލިކަމަށް ލުޔެއް ލިބުނުފަދައެވެ.  އާދިލްގެ ޚިޔާލާ ފިކުރުތައް އެއްފަރާތް ކޮއްލުމަށްފަހު މައިދައިތައާ މެދު ވިސްނާލެވުނެވެ.

އެއީ ކިހާ ރަނގަޅު މައިދައިތަ އެއް ހެއްޔެވެ. ޒާރާ އަބަދުވެސް އަޑުއަހަނީ މައިދައިތަ އިންގެ ގޯސް ވާހަކައެވެ. އެމީހުންގެ ނުބައިކަމުގެ ވާހަކައެވެ. ޅީ ދަރިންނަށް އެމީހުންގެ މައިދައިތައިންގެ ފަރާތުން ލިބޭ ތުރާ ތަކާ ހިތްދަރިކަމުގެ ވާހަކައެވެ. އެހެންނަމަވެސް ޒާރާއަށް ކުރެވޭ ތަޖުރިބާ މުޅިން ތަފާތެވެ. އޭނާއަށް ލިބިފައިވަނީ ދުނިޔެއިން ޅީދަރިއަކަށް ލިބޭނެ އެންމެ ހެޔޮ މައިދައިތަކަމާމެދު ޝައްކެއްނެތެވެ. ލޯތްބާ އޯގާތެރިކަމާ އަޅާލުން ދިނުމުގައި ޒައްރެއްގެ މިންވަރުވެސް އުނިކަމެއް ނެތެވެ. މަންމަ އަކަށްވުރެވެސް ހެޔޮ ކަމުގައި ބުނެވިދާނެއެވެ. އާއެކެވެ. ޒާރާގެ މަންމައަށްވުރެ އެތަށްހާސް ގުނައެއް ރަނގަޅެވެ.

''ޒާރާ.........ދަރިފުޅު ބަލީހޭ މަންމަ މި އަހަނީ.......... އިމްރާން ނެތަސް މަންމަ ގާތުގަ ބުނަންވާނެ އިނގޭ ........... އިރާދަކުރެއްވިއްޔާ ދެން މާ ގިނަ ދުވަހެއް ނުވެ އެމީހުން އަތުވެދާނެ.......މަންމައަށް އެނގޭ ދަރިފުޅު ތި ވިސްނަނީ އިމްރާނާ ދޭތެރޭގައި ކަން..........'' ސަރީފާގެ އަޑުގައި އެކުލެވިފައިވަނީ އޯގާތެރިކަމެވެ. ޒާރާގެ މޫނަށް ނަޒަރު ހުއްޓާލައިގެން ސަރީފާ އެއިނީ ނުހަނު ކަންބޮޑުވެފައެވެ. ސަރީފާއަށް ގަބޫލުކުރެވުނީ ޒާރާގެ މިޒާޖަށް އައިބަދަލަކީ އިމްރާން ނެތުމުން އައިބަދަލެއް ކަމަށެވެ. އިމްރާން މަތިން މާބޮޑަށް ހަނދާން ވާތީ ވާގޮތެއް ކަމަށެވެ.

އެރޭ ދެތިން ފަހަރެއްގެ މަތިން އެތައް ގޮތަކުން ޒާރާގެ ތަބީއަތަށް އައިސްފައިވާ ބަދަލު ދެނެގަނެވޭތޯ ސަރީފާ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް ޒާރާ ދިނީ ކުރު ޖަވާބެކެވެ. އެއްވެސް ކަމެއް ނުވާކަމުގައި ބުނަމުންނެވެ.

*************

ރޭގަނޑުގެ ވަގުތުތައް ފާއިތުވަމުން ދަނީއެވެ. ކުޑަކުޑަ ޒިލީ ގާތުގައި ބާއްވާލައިގެން އޮވެ ޒާރާ މަސައްކަތްކުރަމުން ދިޔައީ ނިދޭތޯއެވެ. އެހެންނަމަވެސް ނިދި ވަނީ އޭނާގެ ލޮލާ އަލްވަދާޢު ކިޔާފައެވެ. ދެފަރާތަށް ފުރޮޅިފުރޮޅި ޒާރާ ވަރުބަލިވެއްޖެއެވެ. ލޯ މަރާލާއިރަށް ފެންނަނީ އާދިލްގެ ކަރުނައިން ފުރިފައިވާ ދެލޮލެވެ. ލޯ ހުޅުވައިގެން އޮތަސް ހިނގާދިޔަ ކަންތައްތައް ލޯ ކުރިމަތިން ސިފަވަނީއެވެ. އެ މޫނުމަތީގައިވާ ހިތާމައާއި ހިތްދަތިކަން ޒާރާގެ ހިތަށް ތަދުކުރަމުން ދިޔައެވެ. ސިކުނޑި ފުރިފައިވަނީ އާދިލްގެ ހަނދާންތަކުންނެވެ. ހަނދާންކުރަން ބޭނުން ނޫނަސް ޒާރާގެ މާޒީ އެނބުރިއައިސް އޭނާއަށް އުނދަގޫ ކުރަންފެށިއެވެ.

އާދިލްއަށް ޒާރާ  ކުރި ވައުދުތައް އަދިވެސް އޭނާ ހަނދާން އެބަހުއްޓެވެ. އެކުގައި ހޭދަކުރި ކޮންމެ ވަގުތެއް ވަކިވަކިން އެނބުރި އައިސް ޒާރާގެ ލޯކުރިމަތިން ތަސްވީރުވާންފެށިއެވެ. ޒާރާ ގެނެސް އާދިލްގެ އުނގުތެރެއަށްލާ ބޮޑިކޮއްލާ ގޮތެވެ. އެ ހިނިތުންވުމެވެ. ހާއްސަކޮށް އެ ރީތި ހިތްގައިމު އަޑެވެ. ޒާރާއާ ދިމާލަށް އާދިލް ބަލާލާ ހިތްގައިމުގޮތެވެ.

ކޮންމެވެސް އެއްޗެއް ހަނދާންވެގެން ތެދުވާފަދައަކުން ޒާރާ އެނދުން ތެދުވެއްޖެއެވެ. ވިހުރިފައިވާ އޭނާގެ ފަސް އިސްތަށިގަނޑު އަތުން ރީތިކޮއްލާ ބޭންޑަކުން އައްސާލިއެވެ. އަލަމާރިކައިރިއަށް ގޮސް ވަތްގަޑެއް ހުޅުވާލުމަށްފަހު އޭގެތެރޭގައި ހުރި ކުޑަ ފޮއްޓެއް ނެގިއެވެ.

އެއީ ގަހަނާ އަޅާފައިވާ މަޚްމާ ފޮއްޓެކެވެ. އޭގެތެރެއިން ހާވާލުމަށްފަހު ޒާރާ ނެގީ މެމޮރީ ކާޑެކެވެ. އެއީ ކިތަންމެ ކުޑަ ކާޑެއް ނަމަވެސް ، އެ ކާޑުގައިވަނީ ޒާރާއާ އާދިލްގެ ހަނދާންތައް ރައްކާކުރެވިފައެވެ. އެ ކާޑު ޒާރާ ފޮރުވީ އިމްރާނާ ކައިވެނި ކުރުމުގެ ހަފުތާއެއް ފަހުންނެވެ. އާދިލްގެ އެންމެ ފަހުގެ ހަނދާންތައް އޭގައި ފޮރުވިފައިވާތީއެވެ. ދުވަސްތައް ފާއިތުވަމުންގޮސް އެ ކާޑުމަތިން ޒާރާ ހަނދާން ނެތުމަށް ދިމާވި ސަބަބަކީ އިމްރާން ގެ ލޯބި ފިޔަވާ ދެވަނަ އެއްޗެއް ނޫނެވެ.

އިރުކޮޅަކު އެ ކާޑަށް ބަލަން ހުރުމަށްފަހު ގޮސް ލެޕްޓޮޕް ކައިރީގައި އިށީނދެލީ ތެޅެތެމުން ދިޔަ ހިތް އެކަމަށް މަޖުބޫރު ކުރުމުންނެވެ.

ކާޑުގައިވާ ފޮޓޯތައް ބަލަންފެށިއެވެ. އެއްފޮޓޯއަށް ފަހު އަނެއް ފޮޓޯ އެވެ. އޭގައި އެތައް ސަތޭކަ ފޮޓޯ ހުއްޓެވެ. ކާޑު ފުރެންދެން ހުރީ ޒާރާއާއި އާދިލްގެ ފޮޓޯތަކެވެ. ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯއާއި ވަކިވަކިން ހުރި ފޮޓޯތަކެވެ. ހިތްގައިމު ގޮނޑުދޮއްތަކާ ޕާކުތަކުގައެވެ. ރެސްޓޯރަންޓްތަކާ ކެފޭ ތަކުގައި ނަގާފައިވާ ފޮޓޯތައްވެސް މަދެއް ނޫނެވެ. އުފަންދުވަހުގެ ހަދިޔާ އާ އެކުގައި ނަގާފައިވާ ފޮޓޯވެސް ހުއްޓެވެ. ކޮންމެ ފޮޓޯއަކުންވެސް ފެންނަނީ އުފާވެރިކަމެވެ. ލޯތްބެވެ. އޯގާތެރިކަމެވެ. ތެދުވެރިކަމެވެ. އެކަކު އަނެކަކަށްޓަކައި ހޭދަކުރި ވަގުތުގެ ގިނަކަމެވެ.

ފޮޓޯތައް ބަލާ ނިމުނުއިރު ޒާރާގެ ލޮލުން ވަނީ ކަރުނަ ހިލިފައެވެ. ސަބަބެއް ޚުދު ޒާރާއަކަށްވެސް ނޭނގެއެވެ. ނޫނެކެވެ. ޒާރާގެ ހިތުގައި އާދިލަށްޓަކައި ޖަހަމުންދިޔަ ވިންދު ވަޅުޖެހިފައިއޮތުމަށްފަހު އަލުން ޖަހަންފެށީބާވައެވެ. ލޯބިން ފޮޅުވިހާ މާތަކުގެ ވަސް ފިލާދިއުމަށްފަހު އަލުން ތާޒާވީ ބާވައެވެ. ލޯބީގެ ބަގީޗާ ހިކި އަނރޫފަވުމަށްފަހު އަލުން ދިރުން ލިބެމުންދާން ފެށީބާވައެވެ. ޒާރާއަށް ސުވާލު ކޮށްލެވުނީ އަމިއްލަ ނަފުސާއެވެ.

އެ ހަނދާންތައް އާވާ ވަރަކަށް އަމިއްލަ ނަފުސު ކުށްވެރި ކުރެވެމުން ދިޔައެވެ. އާދިލްގެ ކުށެއް ނެތްކަން އިހްސާސްވާން ފެށިއެވެ. އާނއެކެވެ. އާދިލްގެ ކުށެއް ނެތެވެ. ޒާރާ ދެކެ އާދިލްވީ ހަގީގީ ތެދުވެރި ލޯތްބެވެ. އާދިލްގެ ހުރިހާ ވަގުތެއް ޒާރާއަށްޓަކައި ވަގުފު ކުރީ ހިތާ ފުރާނައިން ގުރުބާން ވަމުންނެވެ. ޒާރާގެ ކޮންމެ އެދުމެއް އާދިލް ފުރިހަމ ކޮއްދެވޭތޯ ބެލީ އަމިއްލަ އެދުމެއް ނެތިއެވެ.

އަމިއްލަ ހިތް ތެޅޭލެއް ބާރުކަމުން އޭނާގެ ކަންފަތަށްވެސް އަޑު އިވޭހާވެއެވެ. އޭނާ ހާސްވަނީއެވެ. ދާހިއްލަނީއެވެ. ނޭވާލާން އުނދަގޫވާހެން ހީވަނީއެވެ. ކޮޓަރީގެ ހަތަރު ފާރުގެ ތެރޭގައި އޭނާގެ ނަފުސު ފިތި ބާރުވާހެން ހީވަނީއެވެ.

ޒާރާ ބޭނުންވީ އާދިލް އާ ބައްދަލު ކުރާށެވެ. އޭނާއަށް ކަންތައް ކިރެވުނު ގޮތަށް މާފަށް އެދުމުން ހިތަށް ލުއިކަމެއް ލިބޭނެކަމަށް ޒާރާއަށް ގަބޫލު ކުރެވުނެވެ.

އެހެންނަމަވެސް އާދިލް އުޅޭތަނެއް ޒާރާއަކަށް ނޭނގެއެވެ. އާދިލް ހޯދަން ހަދާނެގޮތެއް އޭނާއަކަށް ނޭނގެއެވެ.  އޮތީ އެންމެ ގޮތެކެވެ. އާދިލްގެ ނަމްބަރަށް ގުޅުމެވެ. އެކަން ފަހަރެއްގައިވެސް ކާމިޔާބު ވާނީ އާދިލްގެ ނަންބަރު ބަދަލު ނުކޮށް އޮތިއްޔާއެވެ.

އެވަގުތު ޒިލީ ހޭލައިފިއެވެ. ޒިލީގެ ރުއިމުގެ އަޑަށް ޒާރާއަށް ހަމަހޭވެރިކަން ވިއެވެ. ހުރިހާ ކަމެއް ހިތުން ފިލައިގެން ދިޔައެވެ. އަވަސް ފިޔަވަޅު އަޅަމުން ދަރިފުޅު ގާތަށް ދިޔައެވެ. ޒިލީ އެނދުންނަގާ މޭގައި ޖައްސާލިއެވެ. ދަރިފުޅުގެ ލޯބި މޫނުގައި ޒާރާ ބޮސްދިނެވެ. މައިވަންތަ ކަމުގެ ކުލުނާ ލޯބިން ޒާރާގެ ހިތް ފުރި އުތުރުގެންފިއެވެ. އެއީ ކިހާ ވަރުގަދަ ގުޅުމެއްހެއްޔެވެ. މަންމައަކު އޭނާގެ ދަރިފުޅު ދެކެ ވާ ލޯބި އެއީ އެންމެ ބާރުގަދަ ލޯތްބެވެ. ޒިލީ ނިންދަވަން އޮށޯތްތަނާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޒާރާއަށް ވެސް ނިދިއްޖެއެވެ.

__________________________________

ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، ޖަނަވަރީ 12 ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް