ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވައި އިންތިހާބާއި ބެހޭ ހާއްސަ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ނިޔާޒު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ކައުންސިލް އިންތިހާބު އިތުރަށް ފަސް ނުކޮށް ބޭއްވުމުގެ މަގު ފަހިކުރަން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020 އިސްލާހު ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ބިލަކީ ވީހާވެސް އަވަހަކަށް ނިންމުން މުހިންމު ބިލެއް ކަމަށެވެ.
އެހެންވެ އެ ބިލުގެ މަސައްކަތް ނިމެންދެން ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާތަކެއް ބާއްވައިދިނުމަށް ހުށަހަޅާ ކަމަށެވެ. ނިޔާޒު ވިދާޅުވީ ދައުރުން ބޭރުގައި ޖަލްސާ ބާއްވައިދިނުމަށް އެދިވަޑައިގެންނެވީ މަޖިލީހުގެ ގަވައިދުގެ 45 ވަނަ މާއްދާގެ ރ. ގެ ދަށުނ ކަމަށެވެ.
https://twitter.com/ali_niya/status/1347070808779198465
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވަނީ ދެ އިސްލާހެކެވެ. އެއީ އެ ގާނޫނުގެ ހަތް ވަނަ މާއްދާގެ ހ އަދި ށ އަށް ހުށަހަޅާފައިވާ އިސްލާހުތަކެކެވެ.
އެ މާއްދާގެ ހ. ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ އެ ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގު ކުރައްވާތާ ހަތް ދުވަސް ތެރޭގައި ކައުންސިލް އިންތިހާބު ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް އިލެކްޝަންސް ކޮމިޝަނުން ފަށަން ވާނެ ކަމަށެވެ. އެ މާއްދާގެ ށ. އަށް ގެންނަ އިސްލާހުގައި ބުނެފައިވަނީ ހ. ބުނެފައިވާ އިންތިހާބުގެ ކަންކަން އަލުން ފަށައި އިލެކްޝަންސް ކޮމިޝަނުން ކުރިޔަށް ގެންދަން ވާނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އޮތްހާ ހިނދަކު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ ލަފަޔާއި އިރުޝާދާއި އެއްގޮތަށް ކަމަށެވެ.
ކައުންސިލް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައިވަނީ އޭޕްރިލް މަހުގެ ތިން ވަނަ ދުވަހު އެވެ. އެ ދުވަހު އިންތިހާބު ބޭއްވުމަށް އެންމެ ލަސްވެގެން މިމަހުގެ ނިޔަލަށް މަޖިލީހުން މި ގާނޫނަށް އިސްލާހު ގެންނަން ޖެހޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް