އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއިދު ކުރާ ބަޔަކު އެގައުމުގެ ގާނޫނު ހަދާ މަޖިލީސް ހިންގާ އިމާރާތް ކަމަށްވާ ކެޕިޓަލްގެ ތެރެއަށް ވަދެ ހިންގި ހަމަނުޖެހުންތަކުގައި ހަތަރު މީހަކު މަރުވެއްޖެ އެވެ.
ޓްރަމްޕަށް ސަޕޯޓު ކުރާ ފަރާތްތަކުން އެ އިމާރާތަށް ވަދެގަނެފައިވަނީ ޖޯ ބައިޑަން އިންތިޚާބު ކާމިޔާބުކުރެއްވުން ކޮންގްރެސް އިން ރަސްމީކޮށް ބަލައިގަތުން ކުރިއަށް ދަނިކޮށް އެކަމާ ދެކޮޅަށް އަޑު އުފުލުގެ ގޮތުންނެވެ. އެތައް ހާއްސަ ބަޔަކު ކެޕޮޓޯލްގެ އިމާރާތަށް ވަދެފައިވަނީ ހަތިޔާރާއި އެކު އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އިމާރާތުގެ ތެރޭގައި ޓްރަމްޕްގެ ސަޕޯޓަރުން ވަނީ ބަޑި ޖަހާފައި އެވެ. އަދި ހަތަރު މީހަކު މަރުވުމުގެ އިތުރުން ބައެއް މީހުން ޒަހަމްވެފައިވެ އެވެ.
މި ހަމަނުޖެހުންތަކުގައި 14 ފުލުހަކަށް އަނިޔާވެފައިވެ އެވެ. އަދި 52 މީހަކު ވަނީ ހަމަނުޖެހުންތަކުގެ ތެރެއިން ހައްޔަރުކޮށްފައި އެވެ.
ޓްރަމްޕްގެ ސަޕޯޓަރުން ކެޕިޓަލްގެ ތެރެއަށް ވަދެގަތުމާއި ގުޅިގެން ހައުސް އާއި ސެނެޓުގެ ބައްދަލުވުން މެދުކަނޑާލާ، މެމްބަރުން ތަޅުމުން ބޭރަށް ގެންދަން ޖެހުނެވެ.
މުޒާހަރާގެ ބައިވެރިން އެ އިމާރާތް ކައިރިއަށް އެއްވީ ޓްރަމްޕް އެމީހުންނާއި ބައްދަލު ކުރައްވާ އެކަމަށް ހިތްވަރު ދެއްވުމުންނެވެ. އެކަމަކު ފަހުން ޓްރަމްޕް ވަނީ އެމީހުންގެ އިހުސާސުތައް އެނގިވަޑައިގެންނަވާ ކަމަށާއި އެކަމަކު ސުލްހައަށްޓަކައި އެމީހުން އަނބުރާ ދިޔުމަށް އެދިވަޑައިގެންފައި އެވެ.
އެމެރިކާގެ ކޮންގްރެސް އިމާރާތް އަނެއްކާވެސް ރައްކާތެރި ހާލަތަކަށް ގެންދެވިފައިވާ ކަން ވޮޝިންޓަން ޑީސީގެ އޮފިޝަލުން އިއުލާން ކުރެއްވީ އެ ހަމަނުޖެހުންތައް ހިންގަން ފެށިތާ ހަތަރު ގަޑި އިރު ފަހުންނެވެ. އޭގެ ފަހުން ހައުސް އާއި ސެނެޓުގެ ބައްދަލުވުން އަނެއްކާވެސް ވަނީ ކުރިއަށްގެންދަން ފަށާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް