މި ހިނގާ 2021 ވަނަ އަހަރު ގިނަ ފަތުރުވެރިން ދާން ބޭނުންވާ އެއް މަންޒިލުގެ ގޮތުގައި ދިވެހިރާއްޖެ ހިމެނިއްޖެ އެވެ.
ޓްރެވަލް ގައިޑް، ލޯންލީ ޕްލެނެޓުން އެކުލަވާލި އެ ލިސްޓުގައި ރާއްޖެ ހިމެނެނުނީ މި ލިސްޓު އެކުލަވާލަން ހިޔާލު ހޯދި މީހުންގެ ތެރެއިން އެންމެ ގިނަ މީހުން ވޯޓުދިން ހަ ގައުމުގެ ތެރޭގައި އެވެ.
ކޯވިޑް-19އާއި ގުޅިގެން ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ބޯޑަރު ހުޅުވާލި ފަހުން 2020 ވަނަ އަހަރު ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެ އެވެ. އެގޮތުން ބޯޑަރު އަލުން ހުޅުވި ފަހުން ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި އެވެ.
ރާއްޖޭގެ ޓޫރިޒަމްގެ ކުރިމަގު އުޖާލާކޮށް ފެންނަ އިރު ޓޫރިޒަމް ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ލީޑިންގް ޑެސްޓިނޭޝަންގެ އެވޯޑު މިދިޔަ އަހަރު ރާއްޖެއަށް ލިބިފައިވެ އެވެ.
މިއަހަރު ފަތުރުވެރިންގެ މެދުގައި އެންމެ މަޤުބޫލު އެއް މަންޒިލަކަށް ރާއްޖެ ވެފައިވާއިރު، މަހުޖަނުންގެ ޖެޓްތަކުގެ މިސްރާބު ވެސް ހުރީ ރާއްޖެއާ ދިމާލަށެވެ. އެގޮތުން ޕްރައިވެޓް ޖެޓްތަކުގެ އަދަދު ގިނަވެ، އެއާޕޯޓްތަކަށް ވެސް ވަނީ ބާރުބޮޑުވެފައެވެ. މި އަހަރުގެ ފުރަތަމަ ތިން ދުވަހުވެސް 10،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.
މިދިޔަ އަހަރު 555،399 ފަތުރުވެރިން ރާއްޖެ އަހިސްފައި ވާއިރު، މި އަހަރު 1.5 މިލިއަން ފަތުރުވެރިން ގެނައުމަކީ ދިިވެހި ސަރުކާރުގެ އަމާޒެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ގިނަކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީ އިން ގިނަ މަސައްކަތް ތަކެއް ކުރަމުން ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް