ލޯކަލް ކައުންސިލް ތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ކެމްޕެއިން އަތޮޅު ތެރޭގައި ވަރުގަދަ ކުރުމުގެ މަސައްކަތް އިދިކޮޅުން ފަށައިފި އެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ މާލޭ ކާނިވާ ސަރަހައްދުގައި ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުންވަނީ ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ބޮޑު ޖަލްސާއެއް ބާއްވާފައި އެވެ. އިންތިހާބު ބާއްވާނެ ދުވަހެއް ޔަގީން ނުވި ނަމަވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިހާބަށް ކެމްޕެއިން ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައި އެވެ.
މިދިޔަ މަހު މާލޭގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ފަހު މިހާރު ދަނީ އަތޮޅު ތެރޭގައި ކޯލިޝަންގެ ޖަލްސާތައް ބާއްވަމުންނެވެ. އެގޮތުން ފުވައްމުލަކު ސިޓީ އާއި ޅ. ނައިފަރާއި. ރ. އަލިފުށީގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ޖަލްސާ ބާއްވާފައިވެ އެވެ.
މިރޭ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ސިޓީ އަދި މާލޭގައި އެވެ. ޕީޕީއެމްއިން ބުނީ ކުޅުދުއްފުށީ ސިޓީގައި ޖަލްސާ ބާއްވާނީ ޕީޕީއެމް ޖަގަހައިގަ ކަމަށާއި މާލޭގައި ޖަލްސާ ބާއްވާނީ ޕީޕީއެމް އޮފީހުގައި ކަމަށެވެ.
"އެހޯ ހޮށް މިވަރުން ފުދިއްޖެ" ނަމުގައި ބާއްވާ މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ 8:45 ގައި އެވެ. މާލޭގައި ތިބި ކުޅުދުއްފުށީގެ ވީހާވެސް ގިނަ ބަޔަކު މި ޖަލްސާގައި ބައިވެރިވުމަށް ޕީޕީއެމްއިން ގޮވާލާފައިވެ އެވެ.
ޕީޕީއެމް އާއި ޕީއޭންސީން ވަނީ މިއަހަރުގެ ކައުންސިލް އިންތިހާބުގައި ސަރުކާރުު ބޮޑުތަކުން ބަލި ކުރާނެ ކަމަށް ބުނެފައި އެވެ. އަދި ސަރުކާރުން އަޑީގައި އޮވެ ކިތަންމެ ވަރަށް އިންތިހާބު ފަސް ކުރިޔަސް ސަރުކާރުން ދައްކާ ވާހަކަ މިހާރު ރައްޔިތުންގެ ތެރެއިން ގިނަ މީހުން ގަބޫލު ނުކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް