ސްކޫލުތަކުގެ ކިޔެވުން އަންނަ އާދީއްތަ ދުވަހުން ފެށިގެން ފެށުމަށް ތައްޔާރުވަމުން އަންނައިރު، ލޮޓަސް ފިހާރައިން ތައުލީމީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ޓީޗަރުންނަށާއި އިދާރީ މުވައްޒުންނަށް ހިލޭ ސެނިޓައިޒަރ ދިނުމަށް ނިންމައިފިއެވެ.
މިގޮތުން، ލޮޓަސް ފިހާރައިގެ ޗެއާމަން އަހްމަދު އާރިފް (އާއްޓެ) ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މާލޭގެ ބައެއް ސްކޫލުތަކުން ސެނިޓައިޒަރ ބޭނުންވާތީ، މާލެ އަދި ވިލިމާލެ، އަދި ހުޅުމާލޭގެ ސްކޫލުތަކުގެ ސްޓާފުން އަދި ޓީޗަރުންގެ ބޭނުމަށް އެންޓަބެކްސް 750 އެމްއެލްގެ ހޭންޑް ސެނިޓައިޒަރ ހަދިޔާކުރާނެ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ލޮޓަސްގެ ފަރާތުން ހޭންޑް ސެނިޓައިޒަރ ވާނީ ހަދިޔާކޮށްފައިވާ ކަމަށާއި ނަމަވެސް ބައެއް ސްކޫލުތަކުން އަދި އެ ނުބަހާ ހުރިކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އަދި އިތުރަށް ބޭނުންވާކަމަށް ބުނެފައިވާ ސްކޫލުތަކަށް މިހާރު އިތުރަށް ދީފައިވާނެކަމުގައިވެސް އާރިފް ވިދާޅުވިއެވެ.
އާރިފް ވިދާޅުވީ މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ޓީޗަރުންނާއި އިދާރީ މުވައްޒަފުންނަށް ހޭންޑް ސެނިޓައިޒަރ ހަދިޔާކުރުމަށް ނިންމާފައިވާއިރު ސަރުކާރުގެ ސްކޫލުތަކާއި އަމިއްލަ ފަރާތްތަކުން ހިންގާ ސްކޫލުތަކާއި އިންޓަނޭޝަނަލް ސްކޫލުތަކަށްވެސް އެއްވެސް ތަފާތު ކުރުމެއްނެތި ސެނިޓައިޒަރ ހަދިޔާކުރާނެ ކަމަށެވެ. އަދި މި ހަރަކާތަކީ ލޮޓަސްގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދެވޭ ހަރަކާތެއް ކަމުގައިވެސް އާރިފް ވިދާޅުވިއެވެ.
މީގެ އިތުރުން ދަރިވަރުން ސްކޫލަށް އަންނައިރު ހޭންޑް ސެނިޓައިޒަރ ގެނައުމަށް ބައެއް ސްކޫލުތަކުން ދަރިވަރުންނަށް އިރުޝާދުދެމުން އަންނައިރު ހާއްސަ އަގެއްގައި ދަރިވަރުންނަށް ސެނިޓައިޒަރ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބަލާނަން މާލޭގައި ސެނިޓައިޒަރ ވިއްކާ ފިހާރަތަކުގެ އަގުތަށް، އަދި އެއަށްފަހު އެ އަގުތަކަށްވުރެ ހެޔޮ އަގުގައި އަޅުގަނޑުމެން ދަރިވަރުންނަށް ސެނިޓައިޒަރ ވިއްކަމުން ގެންދާނަން، މިސާލަކަށް 15 ރުފިޔާއަށް ފުޅިއެއް ވިއްކާނަމަ އަޅުގަނޑުމެން ވިއްކާނީ 10 ރުފިޔާއަށް" އާރިފް ވިދާޅުވިއެވެ.
ކޯވިޑް-19ގެ ހާލަތުގައި ލޮޓަސް ފިހާރައިން ވަނީ މީގެ ކުރިންވެސް ގިނަ އެހީތަކެއް ފޯރުކޮށްދީފައެވެ. އެގޮތުން މާލެ ލޮކްޑައުން ކޮށްފައިވާ އޮތް ދުވަސްވަރުވެސް ލޮޓަސް ފިހާރައިން ވަނީ ގިނަ އެހީތަކެއް ފޯރުކޮށްދީ ހެޔޮ ނަމޫނާ ދައްކާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް