އިސްލާމް ދީނުގެ ރުކުންތައް

عَنْ أَبِيْ عَبْدِ الرَّحْمَنِ عَبْدِ اللهِ بْنِ عُمَرَ بْن الخَطَّابِ رَضِيَ اللهُ عَنْهُمَا قَالَ: سَمِعْتُ النبي صلى الله عليه وسلم يَقُوْلُ: (بُنِيَ الإِسْلامُ عَلَى خَمْسٍ: شَهَادَةِ أَنْ لاَ إِل...

07 Jan 2021 | 03:07

عَنْ أَبِيْ عَبْدِ الرَّحْمَنِ عَبْدِ اللهِ بْنِ عُمَرَ بْن الخَطَّابِ رَضِيَ اللهُ عَنْهُمَا قَالَ: سَمِعْتُ النبي صلى الله عليه وسلم يَقُوْلُ: (بُنِيَ الإِسْلامُ عَلَى خَمْسٍ: شَهَادَةِ أَنْ لاَ إِلَهَ إِلاَّ الله وَأَنَّ مُحَمَّدَاً رَسُوْلُ اللهِ، وَإِقَامِ الصَّلاةِ، وَإِيْتَاءِ الزَّكَاةِ، وَحَجِّ البِيْتِ، وَصَوْمِ رَمَضَانَ) رواه البخاري ومسلم

މާނައީ: އަބޫ ޢަބްދުއްރަޙްމާނު ޢަބްދު ﷲ ބުނު ޢުމަރު ބުނުލް ޚައްޠާބި رضي الله عنهما ވިދާޅުވިއެވެ. “ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ.” “އިސްލާމް ދީން ބިނާވެގެއްވަނީ ފަސްކަމެއްގެ މައްޗަށެވެ. (އެއީ) މާތް ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް ހެކިވުމާއި، މުޙައްމަދުގެފާނަކީ ﷲ ގެ ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ޤާއިމު ކުރުމާއި، ޒަކާތް ދިނުމާއި، ގެފުޅަށް ޙައްޖުވުމާއި އަދި ރަމަޟާންމަހު ރޯޑަ ހިފުމެވެ.”

މި ޙަދީޘުން ލިބޭ ފިލާވަޅުތަކުގެ ތެރޭގައި؛

އިސްލާމް ދީން ހަރުދަނާ ބިނާއެއްފަދައިން ސިފަ ކުރެއްވުމުން، އެއިން ދޭހަކޮށްދެނީ، އިސްލާމް ދީނުގެ ބިންގަލުގެ ހަރުދަނާ ކަމާއި، ދީން ޤާއިމުވެގެންވާ އަސާސްތަކަކާއި ޤަވާޢީދުތަކުގެ ސާބިތުކަމެވެ.

އިސްލާމް ދީނުގެ ރުކުންތަކުގެ ތެރެއިން ފުރަތަމަ ރުކުނަކީ ޝަހާދަތުގެ ދެކަލިމަ ކިޔުމެވެ. އެއީ މާތް ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް ހެކިވުމާއި، ކީރިތި ރަސޫލާ صلى الله عليه وسلم އަކީ އެކަލާނގެ ރަސޫލާ ކަމަށް ހެކިވުމެވެ.

ޝަހާދަތުގެ ދެކަލިމައަކީ އެއްކަލިމަ އަނެއް ކަލިމައާއި ގުޅިފައިވާ ދެ ކަލިމަކަމާއި، އިސްލާމް ދީނުގެ ފުރަތަމަ ރުކުނަކީ އެދެކަލިމަ އެކުގައި ކަން މިޙަދީޘުން ދޭހަވެއެވެ. އަދި އެތަނުން އެއްކަލިމައަށް ވަކިން އީމާންވުމަކުން، އީމާންވެވުނީކަމުގައި ނުވެއެވެ.

ނަމާދު ޤާއިމު ކުރުމަކީ، ނަމާދު ކުރަން އެންގިވިފަދައިން، ނަމާދުގެ ރުކުންތަކާއި ޝަރުޠުތަކާއި ވާޖިބުތައް ފުރިހަމައަށް އަދާކުރުމެވެ.

ނަމާދަށް ފަހުގައި އެންމެ މުހިންމު ރުކުނަކީ ޒަކާތް ދިނުމެވެ. ޒަކާތް ދިނުމަކީ މާތްވެގެންވާ އަޅުކަމެކެވެ. އެހެނީ ޤުރްއާނާއި ސުންނަތުގައިވެސް ވަރަށް ގިނަފަހަރު، ނަމާދާއި ވިދިގެން ޒަކާތް ދިނުމަށް އަންގަވާފައިވެއެވެ.

ރަމަޟާން މަހު ރޯދަ ހިފުމަކީ ދީނުގެ ރުކުނެކެވެ. އަދި ރޯދައިގެ މާތްކަން މި ޙަދީޘާއި އަދި މިނޫން އެތައް ބަސްފުޅުތަކެއްގައި ވާރިދުވެފައިވެއެވެ.

އިސްލާމް ދީނުގެ ފަސްރުކުނަކީވެސް ފުރުޟު ޢައިނުގެ ތެރެއިން ހިމެނޭ ފަސް ރުކުނެވެ.

އިސްލާމް ދީނުގެ ކުރި ބޯށި ކަމުގައިވާ މާތް ﷲ ގެ މަގުގައި ޖިހާދުކުރުމުގެ ވާހަކަ މިޙަދީޘްފުޅުގައި ބަޔާން ކުރައްވާފައި ނުވުމުން ދޭހަވަނީ، ޖިހާދުގެ މާތް ކަމާއެކުގައިވެސް އެއީ އިސްލާމް ދީނުގެ ރުކުނެއް ނޫން ކަމެވެ.

މި ފަސް ރުކުނުގެ މައްޗަށް އިސްލާމްދީން ބިނާވެގެންވަނީ މީސްތަކުންނަށް ހުރި އިމްތިޙާނެއް ކަމުގައި އެ ރުކުންތައް ވާތީއެވެ. އެގޮތުން ؛

ނަމާދަކީ ޢަމަލީގޮތުން އަދާކުރެވޭ، އިންސާނާގެ ހަށިގަނޑާއި ގުޅިފައިވާ އަޅުކަމެކެވެ.

ޒަކާތަކީ މާލީގޮތުން އަދާކުރެވޭ، މުދަލުގެ ބާވަތްތަކާއި ގުޅިފައިވާ އަޅުކަމެކެވެ.

ޙަޖުގެ އަޅުކަމަކީ، ހަށިގަނޑާއި އަދި މުދަލުން އަދާކުރަންޖެހޭ އަޅުކަމެކެވެ.

ރޯދައަކީ އިންސާނާގެ ހަށީގަނޑާއި ގުޅިފައިވީ ނަމަވެސް މުޅިން ތަފާތު އަޅުކަމެކެވެ. އެހެނީ، ރޯދައަކީ ނުކޮށް ދޫކޮށްލާ ކަންތައްތަކެއްގެ މައްޗަށް ބިނާވެގެންވަ އަޅުކަމެވެ.

އަޅުކަމުގެ ބާވަތްތައް ތަފާތު ކުރެއްވުމަކީ އިންސާނާއަށް ހުރި ރަޙްމަތެކެވެ. އެހެނީ އެކި މީހުންނަށް ފަސޭހަވާނީ އެކި ބާވަތުގެ ޢަމަލުތަކެވެ. ބައެއް މީހުންނަކީ ނަމާދު ކުރުން ގިނަ ބަޔަކަށްވާއިރު، އަނެއް ބަޔަކަށް ރޯދަ ހިފުން ނުހަނު ފަސޭހައެވެ. އަދި މުދަލުގެ ތަނަވަސްކަން ދެއްވާފައިވާ މީހުންނަށް ޒަކާތާއި ޞަދަޤާތަކީ ފަސޭހަކަމެއްކަމުގައިވީހިނދު، ޙައްޖަކީ މާލީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް ކަންތައްތަކެއް ކުރަންޖެހޭ އަޅުކަމަކަށްވުމުން، ޙައްޖު ފަރުޟު ކުރައްވާފައިވަނީ ޢުމުރުން އެއްފަހަރު އަދާކުރުމަށެވެ.

އައްޝައިޚް ހަސަން މޫސާ ފިކްރީ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް