ދީޕިކާއާ ރަންވީރާއި ގުޅުމަށް ޖެހިލުންވެ ބިރުގަތް!

ބޮލީވުޑްގައި އެންމެ ލޯބިން އުޅޭ އަދި އެންމެ ސަޕޯޓަރުން ގިނަ އެއް ދެމަފިރިންނަކީ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އެވެ. މި ދެތަރިން ލޯބީގެ ގޮތުން ގުޅުނީ 2012 ވަނަ އަހަރު އެވެ. އަދި ގުޅުން އިތުރަށް ...

07 Jan 2021 | 03:03

ބޮލީވުޑްގައި އެންމެ ލޯބިން އުޅޭ އަދި އެންމެ ސަޕޯޓަރުން ގިނަ އެއް ދެމަފިރިންނަކީ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އެވެ.

މި ދެތަރިން ލޯބީގެ ގޮތުން ގުޅުނީ 2012 ވަނަ އަހަރު އެވެ. އަދި ގުޅުން އިތުރަށް ބަދަހިވެ ކައިވެންޏަކާއި ހިސާބަށް ގޮސްގެން ކައިވެނި ކުރީ 2018 ނޮވެމްބަރު 14 ގައި އެވެ.

މި ހަފްތާ ތެރޭގައި އުމުރުން 35 އަހަރުވި ދީޕިކާ ރަންވީރާއި ލޯބީގެ ގޮތުން ގުޅުމުގެ ކުރިން ވަނީ ފަސް މީހުންނާއި ލޯބީގެ ގޮތުން ގުޅިގެން އުޅެފައި އެވެ. އެ ހުރިހާ އެންމެންނަކީވެސް އިންޑިއާގެ އެކި ދާއިރާތަކުގައި މަޝްހޫރު މީހުންނެވެ.

ދީޕިކާގެ އުފަންދުވަހާއި ދިމާކޮށް ނޫހަކުން ކުރި ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނީ އެހާ ގިނަ މީހުންނާއި އެކު ލޯބީގެ ގޮތުން ގުޅިގެން އުޅެފައިވާތީ ރަންވީރު ލޯބި ހުށަހެޅުމުން ފުރަތަމަ ޖެހިލުންވި ކަމަށެވެ. އޭނާ ބުނީ ރަންވީރުގެ ހުށަހެޅުމަކީ އިހުލާސްތެރި ހުށަހެޅުމެއްކަން ގަބޫލު ކުރަން ދަތިވީ ލޯބީގައި އޭނާ ކޮށްފައިވާ ހިތި ތަޖުރިބާތަކުގެ ސަބަބުން ކަމަށެވެ.

ދީޕިކާ ބުނީ އިތުރު އާ ގުޅުމެއް ފަށައިގެން އުޅެވިދާނެ ކަމަށް އަމިއްލަ ނަފްސަށް އޭރު އިތުބާރު ނެތް ކަމަށެވެ. އެހެންވެ ރަންވީރު ދެކެ އޭނާވެސް ގަޔާވާކަމަށް ބުނެ ޖަވާބެއްގެ ގޮތުގައި ބުނީ މާ ގާތް ނުވެ ހާމަކަން ބޮޑު ގުޅުމެއް ނުބާއްވާ ދެމީހުން އެކުގައި އުޅެވޭތޯ ބަލަން ހިނގާށޭ ކަމަށެވެ.

ދީޕިކާ ބުނީ ގުޅުން ފެށުނުތާ ކުރީކޮޅު މީޑިއާގައި އެވާހަކަ ދައްކާ ނޫސްވެރިން ސުވާލު ކުރިޔަސް ރަންބީރާއި ދެމީހުންގު ގުޅުން ހާމަ ނުކުރީ އެހެންވެ ކަމަށެވެ.

އެ އިންޓަވިއުގައި ވާހަކަ ދައްކަމުން ރަންވީރު ބުނީ ދީޕިކާ އާއި ގުޅުނު ހިސާބުން އޭނާގެ ދިރިއުޅުމަށް ބޮޑެތި ބަދަލު ތަކެއް އައިސްފައިވާ ކަމަށެވެ. އަދި އެހެން ގުޅުމަކާއި ދިމާލަށް ދިޔުމުގެ ވިސްނުން އެއްގޮތަކަށްވެސް ގެންގުޅެފައި ނުވާނެ ކަމަށާއި ދީޕިކާއަށް ދެމީހުންގެ ގުޅުން ގަބޫލު ކުރެވޭވަރަށް އިތުބާރު ގާއިމް ކޮށްދިނުމަކީ އޭނާގެ މަސައްކަތަށް ވި ކަމަށެވެ.

އަދި މިހާރު ބޭނުން ވަނީ ދެމީހުންގެ އާއިލާ ބޮޑު ކޮށްލުމަށް ދަރިންތަކެއް ކަމަށް ބުންޏެވެ.

ދީޕިކާ މީގެ ކުރިން ލޯބީގެ ގޮތުން ގުޅުނު މީހުންގެ ތެރޭގައި އެކްޓަރު ރަންބީރު ކަޕޫރު، މޮޑެލް ނިހާރް ޕާންޑްޔާ، އެކްޓަރު ސިދާތް މާލްޔާ، އަދި ކްރިކެޓް ކުޅުންތެރިޔާ މަހެންދްރަ ސިންގް ދޯނީ ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް