ކޯވިޑަށް ފަރުވާ ހޯއްދަވަނިކޮށް ކުރީގެ ފަނޑިޔާރު މުޖުތާޒު އަވަހާރަވެއްޖެ

ކޯވިޑް-19 އަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ކުރީގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުޖުތާޒު ފަހުމީ އަވަހާރަ ވެއްޖެ އެވެ. ކޯވިޑް ޖެހިގެން އިތުރު މީހަކު މަރުވިކަން އެޗްޕީއޭއިން އަދި ރަސްމީކޮށް ހާމައެއް ...

07 Jan 2021 | 02:27

ކޯވިޑް-19 އަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ކުރީގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުޖުތާޒު ފަހުމީ އަވަހާރަ ވެއްޖެ އެވެ.

ކޯވިޑް ޖެހިގެން އިތުރު މީހަކު މަރުވިކަން އެޗްޕީއޭއިން އަދި ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.

އެކަމަކު މުޖުތާޒުގެ ކޮއްކޯފުޅު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ރޭ ދަންވަރު ކުރެއްވި ޓުވިީޓެއްގައި ވަނީ މުޖުތާޒު އަވަހާރަވިކަން ކަށަވަރުކޮށްދެއްވާފައި އެވެ. އިމްތިޔާޒު ވިދާޅުވިގޮތުގައި އޭނާއަށް ބައްޕައެއް ފަދަ އެންމެ ދޮށީ ބޭބޭފުޅު މުޖުތާޒު އަވަހާރަވީ ރޭ ދަންވަރު 2:00 ހާއިރު ކަމަށެވެ.

މުޖުތާޒަށް ކޯވިޑް ޖެހިފައިވާކަން އެނގުނީ އާއިލާ އާއި އެކު ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި އެ އަތޮޅު ކުޑަފުށީގައި ކަރަންޓީނުގައި ހުންނަވަނިކޮށެވެ. ކޯވިޑަށް ޓެސްޓު ކުރީ ބަލީގެ އަލާމާތްތަކެއް ފެނިގެން ކަމަށްވެ އެވެ.

މުހުތާޒަށް އެންމެ ފުރަތަމަ ފަރުވާ ހޯއްދަވާފައިވަނީ ލ. ގަމު ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައެވެ. އެކަމަކު ހާލު ސީރިއަސްވެގެން އިއްޔެ ހަވީރުގެ ވަގުތެއްގައި އިތުރު ފަރުވާއަށް މާލޭ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވެ އެވެ.

އަވާހަރަވި އިރު މުޖުތާޒުގެ އުމުރުފުޅަކީ 61 އަހަރެވެ.

https://twitter.com/Imthiyazfahmy/status/1346970762553356290

މުޖުތާޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވީ 2008 ވަނަ އަހަރުން 2010 ވަނަ އަހަރުގެ ނިޔަލަށެވެ. އަވަހާރަވިއިރު މުޖުތާޒު ހުންނެވީ 29 އަހަރު ޖުޑީޝަރީ ދާއިރާއަށް ހިދުމަތް ކުރެއްވުމަށް ފަހު ޝަރަފުވެރިކަމާއި އެކު ރިޓަޔާ ކުރައްވައިގެންނެވެ.

އިމްތިޔާޒުގެ ބޭބޭފުޅުގެ އިތުރުން މުޖުތާޒަކީ މާވަށު ދާއިރާގެ ކުރީގެ މެމްބަރު އަޒްހާން ފަހުމީގެ ބައްޕާފުޅެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް