ދިވެހި ޕްރިމިއާ ލީގުގެ އައު ސީޒަން ހުޅުވާމެޗަށް ވޯލްޑްކަޕާއި ޗެމްޕިއަންސް ލީގުގެ ރެފްރީ ވިކްޓަ ކަސާއީ

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކުލަބް އީގަލްސް ބައްދަލުކުރާ ޗެރިޓީ ޝީލްޑް މެޗަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ މެޗުތަކުގެ އިތުރުން ފީފާ ވޯލްޑް ކަޕް މެޗުތަކ...

06 Dec 2020 | 15:04

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކުލަބް އީގަލްސް ބައްދަލުކުރާ ޗެރިޓީ ޝީލްޑް މެޗަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ މެޗުތަކުގެ އިތުރުން ފީފާ ވޯލްޑް ކަޕް މެޗުތަކުގައި އިންސާފުކުރި ރެފްރީއެއް ކަމަށް ވާ ވިކްޓަ ކަސާއީ ހަމަޖައްސައިފިއެވެ.

މިމަހުގެ 8 ވަނަ ދުވަހު ކުޅޭ މި މެޗު އިންސާފުކުރަނީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި އޮތް ފީފާ ވޯލްޑް ކަޕް މެޗުތަކުގައި ރެފްރީކަން ކޮށް އަދި 2011 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ރެފްރީ ކަންވެސް ކޮށްފައިވާ ހަންގޭރީގެ ވިކްޓަ ކަސާއީ އެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކުލަބް އީގަލްސް ބައްދަލުކުރާ ޗެރިޓީ ޝީލްޑް މެޗު އިންސާފުކުރުމަށް ކަސާއީ ވަނީ މިހާރު ރާއްޖެވެސް އައިސްފައެވެ.

ރަޝިއަން ފުޓްބޯލް ޔޫނިއަންގެ ހެޑް އޮފް ރެފްރީސްގެ މަޤާމުގައި ހުރި ކަސާއީ ވަނީ 2012 ގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިނާއި އިޓަލީ ކުޅުނު މެޗާއި، އިންގްލެންޑާއި ޔޫކްރޭން ބައްދަލުކުރި މެޗުވެސް އިންސާފުކޮށްފައެވެ.

މި މަހުގެ އަށްވަނަ ދުވަހު ޗެރިޓީ ޝީލްޑް މެޗުން ފުޓްބޯޅަ ސީޒަން ފަށާއިރު، އެ މެޗުގެ ޕާޓްނަރުންގެ ގޮތުގައި އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަދި މޯލްޑިވިއަން ބްލަޑް ޑޯނާސް ވަނީ ހަމަޖައްސާފައެވެ. ޗެރިޓީ ޝީލްޑް މެޗުން މޮޅުވާ ޓީމަކަށް އާންމު ގޮތެއްގައި 100،000ރ. ލިބޭއިރު، މި މެޗުން ލިބޭ ފައިސާ ތަފާތު ޗެރިޓީ ޖަމުޢިއްޔާތަކަށް ހަދިޔާކުރެއެވެ. އެކަމަކު މި އަހަރު ވެރިޓީގެ ގޮތުގައި ޚަރަދުކުރާނެ ފައިސާއެއް އެފްއޭއެމުން އަދި މިހާތަނަށް ކަނޑައަޅާފައެއް ނުވެއެވެ.

ޗެރިޓީ ޝީލްޑް މެޗަށްފަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

އާންމުކޮށް އާ އަހަރުގެ ފުޓުބޯޯޅަ ސީޒަން ފެށުމަށް ކުޅޭ ޝީލްޑް މެޗުން ފުރުސަތު ލިބެނީ ލީގުގެ ޗެމްޕިއަނުން ޓީމާއި އެފްއޭ ކަޕުގެ ޗެމްޕިއަންކަން ހޯދާ ޓީމެވެ. އެކަމަކު މިފަހަރު އީގަލްސްއަށް ފުރުސަތު ލިބުނީ ކޯވިޑް-19 އާއި ގުޅިގެން މިދިޔަ ސީޒަނުގެ އެފްއޭކަޕް ކެންސަލްކުރުމާއި ގުޅިގެން އަވަހަށް ސީޒަން ނިންމާލަން ޖެހުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް