އިންސާފު ލިބުން ލަސްވަމުންދާ ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.
އާދަމް ޝަރީފު އެ މައްސަލަ ހުށަހެޅުއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އަނިޔާވެރިކޮށް މަރާލެވިފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ލިބުން ލަސްވާ ކަމަށްބުނެ އެވެ. އަނިޔާވެރިކޮށް މަރާލާފައިވާ މީހުންގެ ގޮތުގައި އޭނާ ހުށަހެޅުއްވި މައްސަލައިގަ ފާހަގަ ކޮށްފައިވަނީ ޑރ. އަފްރާޝިމް އަލީ، މުހައްމަދު އަނަސް، ޔާމިން ރަޝީދު އަދި އަހުމަދު ރިލްވާންގެ މަރުގެ މައްސަލަ އެވެ.
އެ މައްސަލަގައި ބުނެފައިވަނީ އިިންސާފު ލިބޭނެކަމުގެ ޔަގީންކަމެއް ވެސް ނެތި އެތައް އާއިލާތަކެއް މާޔޫސްވެ އުއްމީދު ގެއްލި އެ އާއިލާތަކުގެ ހައްގުތައް ގެއްލެމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ތަހުގީގު ކުރުމާއި ޝަރުއީ ނިޒާމުގެ ތެރެއަށް ނުފޫޒު ފޯރުވުމެއް ނެތި، އިންސާފު ލިބޭނެކަމުގެ އިތުބާރު ރައްޔިތުންނަށް ހޯދައިދީ، އިންސާފު ގާއިމްކުރުން އަވަސްކުރެވޭނެ ގޮތްތަކެއް ހޯދުމަށް ދައުލަތުން ސަމާލުކަން ދޭން ޖެހޭ ކަމަށް ބުނެފައިވެ އެވެ.
ޔާމީނަށް އިއްވާފައިވާ ހުކުމްގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލިތާ ތިން މަސް ވެފައިވާއިރު އަދިވެސް އެ މައްސަލައިގަ ހުކުމެއް ނީއްވަ އެވެ.
ޑރ. އަފްރާޝިމާއި އަނަސް އާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އަދި ރިލްވާން ވަގަށް ނެގި މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން އަންނަނީ ތަހުގީގުކުރަމުންނެވެ. ނަމަވެސް އެ ކޮމިޝަން އުފެއްދިތާ ދެ އަހަރުވެގެން ދިޔައިރު ވެސް ނަތީޖާއެއް ނުފެންނަ ކަމަށް ބުނެ އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް