އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ހިޔާނާތުގެ 32 ދައުވާއެއް އުފުލާފާއިވާ އެ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ހުކުމް ކުރުން މާދަމާއަށް ފަސްކޮށްފި އެވެ.
ކުރިން ތާވަލުކޮށްފައި އޮތީ މިއަދު ހެނދުނު 10:00 އިން ފެށިގެން އެ މައްސަލަތަކުގެ ހުކުމް އިއްވުމުގެ ޝަރީއަތް ކުރިޔަށް ގެންދާށެވެ. ކޯޓުގައި ހުކުމް ކުރުމުގެ ޝަރީއަތަތައް ތާވަލްކޮށްފައި އޮތީ ކޮންމެ ދައުވާއެއް ވަކިންނެވެ.
ކްރިމިނަލް ކޯޓުން މީޑިއާގައި ބުނީ މިއަދު އޮތް ހުކުމް ކުރުމުގެ މަޖިލީސް ކެންސަލް ކުރީ އިދާރީ މައްސަލަތަކަކާއި ގުޅިގެން ކަމަށެވެ. ޒިޔަތަށް ހުކުމް ކުރުމަށް މިހާރު ތާވަލް ކޮށްފައިވަނީ މާދަމާ ހެނދުނު 9:30 އަށެވެ.
މި މައްސަލައިގަ އެންމެ ފަހުން އަޑު އެހުމެއް ބޭއްވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.
އެ އަޑުއެހުމުގައި އޭނާ ވަނީ ދައުލަތާއި އެކު އެއްބަސްވުމެއް ހަދައި އުފުލާފައިވާ ހުރިހާ ދައުވާތަކަކަށް އެއްބަސްވެފައި އެވެ. އެ އެއްބަސްވުމުގެ ދަށުން ކުށްތަކަށް އިއުތިރާފުވުމުން 32 ދައުވާގެ އަދަބެއްގެ ގޮތުގައި އޭނާއަށް އަންނާނީ 11 އަހަރުގެ ޖަލު ހުކުމެކެވެ.
މި އެއްބަސްވުމުގެ ދަށުން އެމްއެމްޕީއާރުސީގެ ތަހުގީގަށް ޒިޔަތުގެ ފަރާތުން ފުލުހުންނާއި ޕީޖީ އޮފީހަށް އެއްބާރުލުން ދޭނެ އެވެ. އަދި އޭނާ އެ އެއްބަސްވުން ހަދާފައިވަނީ އެއްވެސް މަޖުބޫރު ކަމެއް ނެތި ކަމަށް އެންމެ ފަހުގެ ޝަރީއަތުގެ އަޑުއެހުމުގައި ވިދާޅުވެފައިވެ އެވެ.
ދައުލަތުން ޒިޔަތުގެ މައްޗަށް ކުރި ހިޔާނާތުގެ 32 ދައުވާގައި ބުނެފައިވަނީ ދައުލަތުގެ 781 މިލިއަން ރުފިޔާއަށް އޭނާ ހިޔާނާތްތެރިވެފައިވާ ކަމަށެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޒިޔަތު ވިދާޅުވީ އެއިން އެއްވެސް ފައިސާއެއް އޭނާއަށް ނުލިބޭ ކަމަށާއި ދައުލަތަށް ލިބޭ ފައިސާގެ ޗެކްތައް ހަވާލު ކުރަމުން ގެންދިޔައީ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބު އަންގަވާ މީހެއްގެ އަތަށް ކަމަށެވެ.
ޅ. މާބިންހުރާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރުސީއަށް ދެއްކި ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި ދައުވާ ސާބިތުވެ މިހާރު ޒިޔަތު ގެންދަވަނީ އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އޭނާ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭ ބަންދުގައި ހުންނަވައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް