އދ. ހަންޏާމީދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ ބަނދަރު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިމަހުގެ ހަތަރު ވަނަ ދުވަހު ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.
މި މަޝްރޫއު ނިމޭއިރު ހަންޏާމީދޫގެ 6،363.1 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރާނެ އެވެ. އަދި 204 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 160 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވެ އެވެ.
މީގެ އިތުރުން 266 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ހަމަޖެހިފައިވެ އެވެ. އެމްޓީސީސީން ބުނީ މަޝްރޫއު އެއްކޮށް ނިމޭއިރު 1،330 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި އަދި މަގުބައްތި ހަރުކުރާނެ ކަމަށެވެ.
މިއީ 32.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާއި ހަވާލު ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 29 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް