ރާއްޖޭގެ ވައިގެ ބޯޑަރު އަލުން ހުޅުވާލި ފަހުން ރެކޯޑު އަދަދަކަށް އިއްޔެ ޓޫރިސްޓުން އަތުވެއްޖެ އެވެ.
ކޯވިޑް-19 އާއި ގުޅިގެން މިއަހަރުގެ މާޗް 27 ގައި ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލީ މިދިޔަ ޖުލައި 15 ވަނަ ދުވަހު އެވެ. އަލުން ބޯޑަރު ހުޅުވި ފަހުން މިހާތަނަށް 80،000 އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަލުން ބޯޑަރު ހުޅުވި ފަހުން އިއްޔެ މުޅިން އާ ރެކޯޑެއް މުގުރާލާފައިވާ ކަމަށެވެ. އެއީ އެއް ދުވަހާއި އެންމެ ގިނަ ޓޫރިސްޓުން އައި ދުވަހުގެ ރެކޯޑު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިއްޔެ ރާއްޖެއަށް 2،900 އަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ.
މި ލިބުނު ކުރިއެރުމާއި އެކު މިނިސްޓަރު ވަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވައިފަ އެވެ.
https://twitter.com/Mausoom_Maus/status/1335251546603286529
އިއްޔެ ރެކޯޑު އަދަދަކަށް ޓޫރިސްޓުން އައިސްފައިވާއިރު މުޅިން އާ ދެ އެއާލައިނެއްގެ ދަތުރުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އިއްޔެ ދަތުރު ފަށާފައިވެ އެވެ. އެއީ ސީޝެލްސްގެ ގައުމީ އެއާލައިން އެއާ ސީޝެލްސް އާއި ކަޒަކިސްތާނުގެ ގައުމީ އެއާލައިން އެއާ އެސްޓާނާ އެވެ.
މީގެ އިތުރުން ކޯވިޑާއި ގުޅިގެން ދަތުރުތައް މެދުކަނޑާލި ބްރިޓިޝް އެއާވޭސްގެ ދަތުރުތައްވެސް އިއްޔެ އަލުން ރާއްޖެއަށް ފަށާފައިވެ އެވެ. ބްރިޓިޝް އެއާވޭސްއިން އެކަނިވެސް އިއްޔެ 250 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.
ބޯޑަރު ހުޅުވި ފަހުން މިހާތަނަށް ރާއްޖެއަށް 20 އެއާލައިނަކުން ދަތުރުތައް ފަށާފައިވެ އެވެ. މިއަހަރު ނިމުމުގެ ކުރިން އިތުރު އެއާލައިންތަކަކުން ދަތުރުތައް ފަށާނެ ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ބައި މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނައުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް