މިނިވަންކަމުގެ ހިނގާލުން ފަސްކުރީ ސަރުކާރާ ޑީލެއް ހަދައިގެނެއް ނޫން ކަމަށް ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެ އެވެ.
ވެރިކަންކުރާ މައިޕާޓީ އެމްޑީޕީގެ އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަށް ރައްދުދެއްވާ ސުޖާ ވިދާޅުވި މިނިވަންކަމުގެ ފިކުރުން އެއްވެސް ބަޔަކާއެކު ހަދާނެ ޑީލެއް ނޯންނާނެ ކަމަށެވެ. އަދި އެ ހިނގާލުން އިއްޔެ ނުބޭއްވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.
އެެހެންނަމަވެސް އެ ހިނގާލުން މިހަފްތާގައި އޮންނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން މި ނޮވެމްބަރ މަހުގެ 12 ވާ ހުކުރު ދުވަހު ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި މި ހިނގާލުން ފެށޭނީ ޕީޕީއެމް އޮފީސް ކުރިމަތިން ހުކުރުދުވަހު 15:45 ގައި ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށްޓަކައި ޕީޕީއެމް، ޕީއެންސީން ފަސްޖެހޭނެ ކަމެއް ނޯންނާނެ ކަމަށެވެ. އަދި މިނިވަންކަން ދޫކޮށްލައި ބަޔަކާއިއެކު ހަދާނެ ޑީލެއް ވެސް ނޯންނާނެ ކަމަށެވެ.
މިސަރުކާރުން ރައްޔިތުންނާއި ޤައުމަށް ނުރައްކާވާގޮތަށް ކުރަމުންދާ ކަންކަމަކީ އިދިކޮޅުން އެކަންކަމުގައި ނިކުމެ ޖަވާބުދާރީ ކުރުވާނެ ކަންތައްތަކެއް ކަމަށް ވެސް ސުޖާ ވިދާޅުވި އެވެ.
"އެކަމަކު މުދަލަށާއި، ތަކެއްޗަށް ގެއްލުންދީގެން އެކަން ނުކުރާނެ. ޕީޕީއެމް، ޕީއެންސީން އެކަންކުރާނީ ސުލްހަވެރިކަމާއިއެކު ޖަވާބުދާރީ ކުރެވޭނެ ގޮތަކަށް." ސުޖާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ހުކުރު ދުވަހުގެ ހިނގާލުމަށްފަހު، އަތޮޅުތެރޭގައި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ފުވައްމުލައް ސިޓީއަށް ޕީޕީއެމްގެ ޓީމު ދިއުމަށް ނިންމާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް