ދިވެހި މުޖްތަމަޢަށް ވަނީ އިސްލާމްދީނާ ގުޅުންނެތް ފިކުރާ ޢަމަލުތައް ކުރިމަތިވެފަ: ރައީސް

ދިވެހި މުޖްތަމަޢަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އިސްލާމް ދީނާ އެއްވެސް ގުޅުމެއް ނެތް ފިކުރުތަކާއި ޢަމަލުތަކެއް ކަމަށް ރައީސުލްޖުމްހޫެރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހި ވިދާޅުވެއ...

06 Nov 2021 | 14:47

ދިވެހި މުޖްތަމަޢަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އިސްލާމް ދީނާ އެއްވެސް ގުޅުމެއް ނެތް ފިކުރުތަކާއި ޢަމަލުތަކެއް ކަމަށް ރައީސުލްޖުމްހޫެރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހި ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިސްލާމުވި ދުވަހުގެ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން ފޮނުއްވި ޚިޠާބުގައި ރައީސް ވިދާޅުވީ ދިވެހި ޤައުމިއްޔަތު ބިނާވެފައި ވަނީ މާތްވެގެންވާ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ކަމަށެވެ. އަދި އެ ނިޢުމަތުގެ މަތީގައި ތާއަބަދަށް ދެމިތިބެވޭތޯ ގަދައަޅައި މަސައްކަތް ކުރުމަކީ، ކޮންމެ ދިވެހި ފަރުދެއްގެ ބޮލުގައި އެޅިފައިވާ، ދީނީ އަދި ޤައުމީ ވާޖިބެއް ކަމަށެވެ.

"ދިވެހި މުޖްތަމަޢަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އިސްލާމް ދީނާ އެއްވެސް ގުޅުމެއް ނެތް ފިކުރުތަކާއި ޢަމަލުތަކެއް. ދީނީ ކަންތަކެއްގެ ގޮތުގައި ފެތުރުމަށް ބަޔަކު ކުރަމުންދާ މަސައްކަތް. އަދި އޭގެ ނަތީޖާއަކީ އެފަދަ ފިކުރުތައް ޤަބޫލުކުރާ މަދު ބަޔަކު، މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންދިނުމުގެ ނިރުބަވެރި ޢަމަލުތައް ހިންގަން ފެށުން." ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވަނީ ޢިލްމުވެރިންނާއި މުދައްރިސުން ވެސް، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ، ރަނގަޅު ގޮތުގައި ދަރިންނަށް ފޯރުކޮށްދެއްވުމަށް، ޚާއްޞަ ސަމާލުކަން ދެއްވުމަށް އިލްތިމާސް ކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އަނެކުންގެ ފުރާނައާއި މުދަލާއި އަބުރަށް ހުރުމަތްތެރިކޮށް ހިތައި ރައްކާތެރިވުމުގައި، މާތް ނަބިއްޔާ ދެއްކެވި މަތިވެރި ނަމޫނާގައި ހިފައި އެގޮތަށް ޢަމަލުތައް ބައްޓަންކުރުމަށް އެދިވަޑައިގަންނަވާފަ އެވެ.

މީގެ އިތުރުން ޙަސަދަވެރިކަމާއި ޢަދާވާތްތެރިކަމުން އެއްކިބާވެ، މީސްތަކުންނަށް މަޢާފްކުރުމަށާއި ބަދަލު ނުހިފުމަށް، މާތް ނަބިއްޔާ ތަކުރާރުކޮށް ދެއްވި އިރުޝާދުތައް ތާއަބަދު ސިކުނޑީގައި ހަރުލެއްވުމަށާއި ކުލުނާއި އޯގާތެރިކަން އިސްކޮށް އިސްލާމްދީނުގެ ރިވެތި އަޚްލާޤުގެ މަތީގައި ސާބިތުވެ ތިބުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ރާއްޖެ އިސްލާމުވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ހިޖުރީ ސަނަތުން ކޮންމެ ރަބީޢުލް އާޚިރާ މަހެއްގެ 2 ވަނަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް