ރާއްޖޭގެ އުތުރާއި ދެކުނު ހިމެނޭހެން 25 ރަށެއްގައި އައުޓް ޑޯ ވޮލީ ކޯޓް ތަރައްޤީ ކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއީ އައުޓް ޑޯ ވޮލީ ކޯޓްތައް އެޅުމަށް ޔޫތް މިނިސްޓްރީން އިސްނަންގަވައިގެން އެއްވެސް ބަޔަކާއި ނުގުޅި ފެށި ފުރަތަމަ މަޝްރޫޢުއެވެ.
މި ރަސްމިއްޔާތުގައި މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝް ވިދާޅުވި ގޮތުގައި
އެސޯސިއޭޝަންގެ އެންމެ ބޮޑު ބޭނުމަކީ ވޮލީ ކުރިއަރުވައި ގައުމީ ޓީމް ވަރުގަދަ ކުރުމެވެ. އަދި މިހާރުވެސް ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންނަކީ އަތޮޅު ތެރޭގެ ކުޅުންތެރިން ކަމުގައި ފާހަގަ ކޮށް އަތޮޅު ތެރޭގައި ގިނަ ކޯޓްތައް އެޅުމަކީ ގައުމީ ޓީމަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން އަތޮޅު ތެރެއިން ކުދިން ފާހަގަކޮށް އެކުދިން މާލެގެނެސް ކުދިން ބިނާ ކުރުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި ވިދާޅުވެފައިވެއެވެ.
ވޮލީ ކޯޓު އެޅުމަށް ކޮންޓްރެކްޓުގައި ސޮއިކުރި ރަށްތަކަކީ ލ. ފޮނަދޫ، ހދ. ފިނޭ، ކުމުންދޫ، ނޭކުރެންދޫ، ށ. ފުނަދޫ، މިލަންދޫ، ބ. ކެންދޫ، ގޮއިދޫ، ވ. ފެލިދޫ، ފުލިދޫ، ކެޔޮދޫ، ފ. މަގޫދޫ، ނިލަންދޫ، ތ. ހިރިލަންދޫ، މަޑިފުށި، ގއ. ވިލިނގިލި، ގއ. ދާންދޫ، ނިލަންދޫ، ކޮލަމާފުށި، ޅ. ހިންނަވަރު ކ. ތުލުސްދޫ، މ. ދިއްގަރުގެ އިތުރުން އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ އާއި ކުޅުދުއްފުށި ސިޓީއެވެ.
މީގެ އިތުރުން މާލޭގައި ތިން ކޯޓް އެޅުމަށް ވަނީ ހަަމަޖެހިފައެވެ.
މި އެއްބަސްވުމުގައި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އިބްރާހިމް އެވެ. އަދި އެކި ރަށްރަށުގައި ޤާއިމް ކުރުމަށް ހަމަޖެހުނު ކޯޓްތައް ހަވާލު ކޮށްފައިވަނީ އެކި ފަރާތްތަކާއި ކަމުގައިވާތީވެ، މި ރަސްމިއްޔާތުގައި އެ ފަރާތްތަކުންވެސް ބައިވެރިވެ ސޮއި ކޮށްފައިވެއެވެ.
މި ރަސްމިއްޔާތުގައި ޔޫތް މިނިސްޓަރުގެ އިތުރުން ވޮލީ ބޯޅާ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ރަނޭޝްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް