ދިވެހި ކަނޑުމަހުގެ ބާވަތްތައް ލަންކާއަށް އެތެރެކުރުން މަނާ ކުރިކަން ކަށަވަރެއް ނޫން!

ދިވެހި ކަނޑުމަހުގެ ބާވަތްތައް އަވައްޓެރި ސްރީލަންކާއަށް އެތެރެ ކުރުން މަނާކުރި ކަމަށް ދެކެވޭ ވާހަކައިގެ ސައްހަކަށް ކަށަވަރު ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ. ލަންކާއަށް ރާއްޖޭގެ މަހުގެ އުފެ...

06 Nov 2020 | 18:07

ދިވެހި ކަނޑުމަހުގެ ބާވަތްތައް އަވައްޓެރި ސްރީލަންކާއަށް އެތެރެ ކުރުން މަނާކުރި ކަމަށް ދެކެވޭ ވާހަކައިގެ ސައްހަކަށް ކަށަވަރު ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ލަންކާއަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް އެތެރެ ކުރުން އެ ގައުމުގެ ފިޝަރީޒް މިނިސްޓްރީން މަނާކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބަޔަކު ވަނީ ސިޓީއެއްް އާންމުކޮށްފައި އެވެ.

މިވާހަކަތަކާއި ގުޅިގެން ފޮރިން މިނިސްޓްރީން މިރޭ ބުނީ ދިވެހި ކަނޑުމަހުގެ ބާވަތްތައް ލަންކާއަށް އެތެރެ ކުރުން މަނާކޮށްފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާއި ގުޅޭގޮތުން ރަސްމީ އެއްވެސް މައުލޫމާތެއް މިހާތަނަށް ލަންކާ ސަރުކާރުން ދިވެހި ސަރުކާރާއި ހިއްސާކޮށްފައި ނުވާ ކަމަށެވެ. އެކަމަކު އެ މައުލޫމާތުގެ ސައްހަކަށް ކަށަވަރު ކުރުމަށް ލަންކާ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއި ގުޅައި މައުލޫމާތު ހޯދުމަށް އެ މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިފަދަ ވާހަކައެއް ފެތުރުނު އިރު ދިވެހި ކަނޑުމަހުގެ ބާވަތްތައް އެއްވެސް ހުރަހެއް ނެތި ލަންކާއަށް އެތެރެ ކުރެވޭނެ ކަމުގެ ޔަގީންކަން އެ ގައުމުގެ ސަރުކާރުން މިދިޔަ މަހުގެ 27 ވަނަ ދުވަހު ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ލަންކާއަށް ދިވެހި މަހުގެ ބާވަތްތައް އެތެރެ ކުރުން މަނާކޮށްފައިވާކަމަށް ބުނެ އަޑުފެތުރިފައިވާއިރު މިދިޔަ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން ބޭރު ގައުމުތަކުން ލަންކާއަށް ކަނޑުމަހުގެ ބާވަތްތައް އެތެރެ ކުރުމަށް ނަގާ ޑިއުޓީ ބޮޑު ކުރަން އެ ގައުމުގެ ފިޝަރީޒް މިނިސްޓްރީން ނިންމާފައިވެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ކަނޑު މަހުގެ އުފެއްދުމެއް ކަމަށްވާ "މޯލްޑިވް ފިޝް" ހިމެނެ އެވެ.

ލަންކާ ފިޝަރީޒް މިނިސްޓްރީން އެ ގައުމަށް އިމްޕޯޓު ކުރާ މަހުގެ ބާވަތްތަކުގެ ޑިއުޓީ ބޮޑު ކުރަން ނިންމީ ލަންކާގެ މަސްވެރިކަމުގެ ސިނާއަތަށް އިތުރު ރައްކާތެރިކަން ހޯދައި ދިނުމުގެ ބޭނުމުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް