ހިތްވަރާއެކު ނަސްރުގެ 61 ވަނަ ފުލް މެރަތަން ވެސް 4 ގަޑި އިރަށް ވުރެ އަވަހަށް ނިންމައިފި

ފުލް މެރަތަން އެންމެ ގިނައިން ރާއްޖެއިން މިހާތަނަށް ދުވެފައިވާ ނަސްރުﷲ އަހްމަދު (ނަސްރު) އޭނާގެ 61 ވަނަ ފުލް މެރަތަން 3 ގަޑި 56 މިނެޓް 49 ސިކުންތުން ނިންމައިފި އެވެ. ލަންޑަން ނިއުޔޯކް ލިބަރޓީ މެރަތަން...

06 Nov 2020 | 14:58

ފުލް މެރަތަން އެންމެ ގިނައިން ރާއްޖެއިން މިހާތަނަށް ދުވެފައިވާ ނަސްރުﷲ އަހްމަދު (ނަސްރު) އޭނާގެ 61 ވަނަ ފުލް މެރަތަން 3 ގަޑި 56 މިނެޓް 49 ސިކުންތުން ނިންމައިފި އެވެ.

ލަންޑަން ނިއުޔޯކް ލިބަރޓީ މެރަތަން ގައި ވަރޗުއަލްކޮށް މި ރޭސް ދުވެފައިވާ އިރު، އޭނާ މި ރޭސް ދުވެފައިވަނީ ފުލް މެރަތަންއެއް އޭނާ ދުވިތާ ހަފުތާއެއްގެ ތެރޭގަ އެވެ.

މިދިޔަ އޮކްޓޯބަރ 24 ގައި "މޮސްކޯ ރަނިންގ ސީޒެޑްއޭއާރް މެރަތަން" ދުވެ، އޭނާ ރޭސް ނިންމާފައިވަނީ 03:40:15 އިން ނެވެ.

ލިބަރޓީ މެރަތަން އާ ގުޅޭގޮތުން ނަސްރު ބުނީ މިހާ ގާތްގާތުގައި ދުވަން ޖެހުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި ނަމަވެސް ކޮންމެ މެރަތަންއެއް ވެސް ބޭނުންވަނީ 4 ގަޑި އިރަށް ވުރެ އަވަހަށް ނިންމަން ކަމަށެވެ.

"އަސްލު މިއީ ވަރަށް އުނދަގޫ ކަމެއް މިހާ ގާތްގާތުގަ ފުލް މެރަތަން ދުވުމަކީ. އެކަމަކު ހަމަ ހިތްވަރުކޮށްފަ މި ދުވަނީ އަމާޒެއް އޮތީމަ" ނަސްރު ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ ރާއްޖެ ކަހަލަ ހޫނު ތަނެއްގައި އަދި ޓްރެފިކް ވެސް އޮންނަތަނެއްގައި ދުވުން އެއީ ވަރަށްބޮޑަށް ސިކުނޑިއަށް އުނދަގޫވާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގައި މިހާ ގާތްގާތުގައި އިންޖަރީއެއް ނުވެ ދުވެވުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ.

ކޮވިޑް ބަލީގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވަމުން އަންނަ ރޭސްތައް މަޑުޖެހިފައި އޮތުމަށް ފަހު، ބައެއް ގައުމުތަކުގައި ދުވުންތައް ބާއްވަމުން ދިޔަ ނަމަވެސް، އަދިވެސް ގިނަ ރޭސްތައް ބާއްވަނީ ވަރޗުއަލް ކޮށްނެވެ.

އެގޮތުން މި ރޭސް ވެސް ނަސްރު ދުވެފައިވަނީ ވަރޗުއަލް ކޮށް ހުޅުމާލޭގަ އެވެ.

މިއީ މިއަހަރު އޭނާ ދުވި 5 ވަނަ މެރަތަން އެވެ.

އޭނާ އާއެކު މި ރޭހުގައި އޭނާގެ ޓްރެއިނިންގ ހޯދާ ބައެއް ފަރާތްތައްވެސް ވަނީ ހާފު މެރަތަން ދުވެ، ރަނގަޅު ނަތީޖާތަކެއް ހޯދާފަ އެވެ.

އެގޮތުން 5000 މީޓަރުގެ ރާއްޖޭގެ ރެކޯޑު ހޯލްޑަރ މުހައްމަދު ރަޝީދު (މޯޑު) 1:15:54 އިން ހާފު މެރަތަން ނިންމި އިރު، އިބްރާހިމް ހަސަން (އިއްބެ) އާއި ޖަވާ ވަނީ 1:29:20 އިން ރޭސް ނިންމާފަ އެވެ.އަދި އަރަމުން އަންނަ ޒުވާން ދުވުންތެރިޔާ ރިޒާން ރަޝީދު (ޒާން) 1:30:45 އިން ރޭސް ނިންމި އިރު، ޢައިޝަތު ރިޝްމީ (އިއްތި) ރޭސް ނިންމާފައިވަނީ 1:44:20 އިން ނެވެ.

މީގެ އިތުރުން ވެސް އެހެން ދުވުންތެރިން ވެސް ވަނީ ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ.

"އަހަރެން ކައިރިން ތަމްރީނުވާ ކުދިން ވަރަށް ރަނގަޅު ކުރިއެރުން ހޯދާ. އެހެންވެ، އެކުދިން ކުރާ މަސައްކަތަށް ޝުކުރު އަދާކުރަން" ނަސްރު ބުންޏެވެ.

މި ދުވުމުގައި ވެސް "ރޭސް ރޫޓު" ބަލަހައްޓައި، ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ނެވެ.

ނަސްރު މިހާތަނަށް ދުވެފައިވާ ގިނަ މެރަތަން 4 ގަޑި އިރަށްވުރެ އަވަހަށް ނިންމާފައިވާ އިރު، އޭނާއަކީ ރާއްޖެއިން ބޭރުގައި ބޭއްވި މެރަތަންއެއްގައި އެއްވަނަ ހޯދި ފުރަތަމަ ދިވެހި ދުވުންތެރިޔާގެ ޝަރަފް އޮންނަ ފަރާތްވެސް މެއެވެ.

އެގޮތުން ނަސްރު އެއްވަނަ ހޯދީ އިންޑިއާގެ ނިއުދިއްލީގައި އޮތް ހިންދުސްތާން މެރަތަންގައި 3 ގަޑި 29 މިނެޓުން ރޭސް ނިންމައިގެންނެވެ. އެ ދުވުމުގައި ނަސްރު ދުވުނީ ހޫނުމިން 35 ޑިގްރީ ސެލްސިއަސްގައެވެ.

ދިވެހި ގައުމީ ދިފާޢީ ބާރުގެ ސްޓާފް ސަރޖެންޓެއްގެ ބުރަ މަސްއޫލިއްޔަތު އަދާކުރަމުން، ކޮންމެ ދުވަހަކުވެސް ފަތިހާއި ހަވީރު ފަރިތަކުރުންތައް ބަރާބަރަށް ހަދަމުން ނަސްރު އެ އަންނަނީ ގައުމަށް ރީތި ނަމެއް ހޯދައިދިނުމަށެވެ.

ރާއްޖެއިން ބޭރުގައި ދުވިޔަސް، އަދި ވަރޗުއަލް ދުވުންތަކުގައި ދުވިޔަސް ނަސްރު ތަމްސީލު ކުރަނީ ދިވެހި ގައުމެވެ.

ނަސްރު ބުނީ އޭނާގެ ދުވުންތަކުގައި އެކި ފަރާތްތަކުން ވަމުންދާ އެހީތެރިކަމަށް ޝުކުރުއަދާ ކުރާ ކަމަށެވެ. ޚާއްސަކޮށް ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސް ދެއްވާ އެހީތެރިކަމަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް