ފިޗްގެ ރޭޓިން ބަލައިގަންނަން ފިނޭންސުން ދެކޮޅު ހަދައިފި

ފިޗުއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމުން އެކަން ބަލައިގަންނަން ފިނޭސް މިނިސްޓްރީއިން ދެކޮޅު ހަދައިފި އެވެ. ފިނޭންސުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުގެ ޕޮލިސީތަކުގެ ސަބަބުން އިގްތިސޯދު...

06 Nov 2020 | 14:47

ފިޗުއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމުން އެކަން ބަލައިގަންނަން ފިނޭސް މިނިސްޓްރީއިން ދެކޮޅު ހަދައިފި އެވެ.

ފިނޭންސުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުގެ ޕޮލިސީތަކުގެ ސަބަބުން އިގްތިސޯދު ރަނގަޅުވާން ފަށާފައިވާ ކަމަށެވެ. އެހެންކަމުން ފިޗުގެ ރޭޓިން ބަލައިނުގަންނަ ކަމަށެވެ.

ފިޗްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މިފަހަރު ދިނީ "ސީސީސީ" އެވެ. އަދި އެއީ ރާއްޖެއަށް ބޭރު ފައިސާ ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން އިގްތިސޯދަށް ކުރިމަތިވެފައިވާ ހީނަރުކަމާއި ކޮވިޑް-19 ގެ ސަބަބުން މިހާލަތުގައި ރާއްޖޭގެ ދަރަނި މަތިވަމުން ދިއުން ހިމެނެ އެވެ. އަދި 2021 ވަނަ އަހަރު ޓޫރިޒަމް އިންޑަސްޓްރީގެ ހާލަތު ރަނގަޅުވި ނަމަވެސް ކުރިން އޮތް ހާލަތަށް ދިޔުމަށް ގިނަ އަހަރުތަކެއް ނަގާނެތީ އެވެ. "ސީސީސީ" ރޭޓިން ދެނީ އާއްމު ގޮތެއްގައި ދެނީ ދަރަނި މަތިވުމުންނެވެ.

ރާއްޖޭގެ ކްރެޑިޓް ރޭންކިން ދަށްކޮށް ފިޒުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ދަރަނި އަދާނުކުރެވިދާނެ ކަމުގެ ބިރު ހީވާ ހިސާބަށް އިގްތިސާދީ ހާލަތު މިހާރު ގޮސްފައިވާ ކަމަށެވެ. ސަރުކާރުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 110.7 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވޭ އިރު ފިސްކަލް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 21.7 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިޗުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ފިޗުގެ ބަޔާނުގައިވާ ކަންތަކަށް ދެކޮޅު ހަދާ ފިނޭންސުން ބުނީ، ރާއްޖޭގެ ދަރަނި ޑީފޯލްޓުވެފައި ނުވާނެ ކަމަށާއި އެކަން އެގޮތުގައި ދަމަހައްޓާނެ ކަމަށެވެ. އަދި ސަރުކާރުގެ ދަރަންޏާއި ސަރުކާރުން ގެރެންޓީ ދީފައިވާ ލޯނުތައް ވަގުތުން ދައްކަމުންދާ ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމް މަޑުޖެހުނު ނަމަވެސް ޖުލައި 15 އިން ފެށިގެން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާ ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލާފައިވާ ކަމަށާއި ކޮވިޑުގެ ކުރިން ފަތުރުވެރިން އައި މިންވަރަށް އަދި ފަތުރުވެރިން ނައި ނަމަވެސް، މަހުން މަހަށް ބަލާއިރު ފަތުރުވެރިން އަންނަ ވަރު އިތުރުވެ އެ އިންޑަސްޓްރީ ކުރިއަރަމުންނަ އަންނަ ކަމަށް ވެސް ފިނޭންސުން ބުންޏެވެ.

އަދި 100 ރިސޯޓް އޮޕަރޭޝަނުގައި މިހާރު އެބައޮތް ކަމަށާއި ޕީކް ސީޒަނާ ދިމާކޮށް ފަތުތުވެރިކަން އިތުރަށް ކުރިއަރާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށާއި  ހާއްސަކޮށް ރާއްޖޭގެ ވަން އައިލެންޑް ވަން ރިސޯޓު ކޮންސެޕްޓުގެ ސަބަބުން ފަތުރުވެރިން ރާއްޖެއަކީ ރައްކާތެރިތަނެއްކަން ގަބޫލުކުރާ ކަމަށް ވެސް ފިނޭސުން ވަނީ ބުނެފަ އެވެ.2021 ވަނަ އަހަރު

އިތުރަށް ފިނޭންސުން ބުނީ އަންނަ އަހަރުވެސް ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޝަން ބަޖެޓު ބޮޑުކޮށް ޓޫރިޒަމް ޕްރޮމޯޓުކޮށް ރިސޯޓުތަކާއި ދާއިރާ އާއި ގުޅިގެން ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާނެ ކަމަށެވެ.

ބަޔާން ނިންމާލުމުން ފިނޭންސްއިން ބުނީ ފައިނޭންސިން ގެޕް ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި ބޭރުގެ ފައިނޭންޝަލް އިންޓިޓިއުޝަން ތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އިންޑިއާ ސަރުކާރާއި ޖަޕާނު ސަރުކާރު، އޭޑީބީ، ވޯލްޑް ބޭންކް އަދި އައިޑީބީ އާއި ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް، އޭއައިޑީބީ އަދި އޯޕެކް ފަދަ އިދާރާތަކާއި އެނޫންވެސް އިދާރާ ތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް