ކޮވިޑް ޓެސްޓް ހެދުމަށް ޓޫރިސްޓު ފެސިލިޓީތަކުން ރެންޑަމް ސާމްޕަލް ނަގަން ނިންމައިފި އެވެ.
އެކަން ހާމަކުރައްވާ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިސޯޓުތަކާއި އެހެނިހެން ޓޫރިސްޓް ފެސިލިޓީތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ރެންޑަމް ސާމްޕަލް ނަގަން ނިންމާފައިވާ ކަމަށެވެ. އަދި ފަތުރުވެރިކަން ކުރިއަށް ގެންދިޔުމަށް އެންމެންގެ ސަލާމަތާއި ރައްކާތެރިކަން މުހިއްމު ކަމަށެވެ.
ޓޫރިސްޓު ފެސިލިޓީތަކުން ރެންޑަމް ސާމްޕަލް ނަގަން ފަށާއިރު، ރިސޯޓުތަކުން ކޯވިޑުގެ ކޭސްތައް ފެންނަމުންދާ މިންވަރު މިފަހަކަށް އައިސް ދަނީ އިތުރުވަމުން ނެވެ. އަދި އެންމެ ގިނަ ގެސްޓްހައުސް ހިންގާ ކ. މާފުށީގައި ތިބި ފަތުރުވެރިންގެ ބަޔަކުވެސް ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފަ އެވެ.
ޓޫރިސްޓުންނަށް ސްޕްލިޓް ސްޓޭގެ ހުއްދަ ދީފައިވާއިރު، ރާއްޖެ އަންނަ ފަތުރުވެރިންނަށް ރިސޯޓުތަކާއި ގެސްޓްހައުސް އަދި ސަފާރީތަކުގައި ޗުއްޓީ ހޭދަ ކުރެވޭ ގޮތަށް ވެސް މިހާރު ވަނީ ނިންމާފަ އެވެ.
ދ. އަތޮޅުގައި ހިންގާ ކަނޑިންމަ ރިސޯޓުގެ މުވައްޒަފަކަށް ބޭސްފަރުވާ ފޯރުކޮށްދިނުމުގައި އިހުމާލުވި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވާ އިރު، އެ މުވައްޒަފު ކުޑަހުވަދޫ އަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ވަނީ ނިޔާވެފަ އެވެ. އަދި އޭނާ ވަނީ ކޯވިޑަށް ޕޮޒިޓިވްވެފަ އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ ހަވީރު ހަޔަކާއި ހަމައަށް 30 ރިސޯޓެއްގައި 52 ފަތުރުވެރިންނާއި 120 ސްޓާފަކު ކޮވިޑަށް ޕޮޒިޓިވް ވެފައި އެބަތިއްބެވެ. އޭގެ ތެރޭގައި އަދި ކަނޑިންމަ ރިސޯޓުން ކޮވިޑުގެ 50 ކޭސް ހިމެނެ އެވެ.
ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖެ އެތެރެވާއިރު 96 ގަޑިއިރު ހަމަނުވާ ކޮވިޑް ނެގެޓިވް ރިސަލްޓެއް ބޭނުންވެ އެވެ. އަދި ރިސޯޓު މުވައްޒަފުން ރަށަށް ގޮސް 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަންޖެހޭއިރު، ގެސްޓްހައުސްތަކަށް ހުއްދަ ދެނީ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތަކެއް ފުރިހަމަ ކުރުމުން ނެވެ.
ރިސޯޓުތަކުގައިވެސް މުވައްޒަފުންނަށާއި ފަތުރުވެރިންނަށް ކަރަންޓީނުވާނެ ފެސިލިޓީ އާއި ފްލޫކްލިނިކު ގާއިމް ކުރަން ޖެހޭ އިރު، އަދި ގެސްޓްހައުސް ހިންގާ ރަށްރަށުގައި ވަކި އަދަދަކަށް ކަރަންޓީނަށް އެނދު ޚާއްސަކޮށް، ފްލޫ ކްލިނިކު ގާއިމް ކުރަންޖެހެ އެވެ. އަދި ރަށުގެ ރައްޔިތުން އުޅެން ޖެހޭނީ މާސްކު އަޅައިގެން ނެވެ.
ޓޫރިސްޓު ފެލިސިޓީތަކަށް އެސްއޯޕީއެއް ހަދާފައިވާއިރު، އެސްއޯޕީ އާއި ޚިލާފުވާ ފެސިލިޓތައް އެބަހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެކަން އެހެންވާނަމަ ހުއްދަ ސަސްޕެންޑު ކުރަން ޖެހިދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.
https://twitter.com/Mausoom_Maus/status/1324602122424365056
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް