ކޭވައިއެސް ވިމެންސް ފުޓްސަލް ޗެލެންޖު: ސަންދިޔާ އާއި ޓަރފް ކްއީން މޮޅުވެއްޖެ

ކޭވައިއެސް ވިމެންސް ފުޓްސަލް ލީގް 2020 ގައި އިއްޔެ އާ ރޭ ކުޅުނު މެޗުތައް ސަންދިޔާ އަދި ޓަރފް ކްއީން ކާމިޔާބުކޮށްފި އެވެ. އިއްޔެ ހަވީރު ކުޅުނު މެޗު ސަންދިޔާ އިން ކާމިޔާބު ކުރީ ޒީރު ސްޓަރސް އާ ވާދަކޮށް ...

06 Nov 2020 | 09:29

ކޭވައިއެސް ވިމެންސް ފުޓްސަލް ލީގް 2020 ގައި އިއްޔެ އާ ރޭ ކުޅުނު މެޗުތައް ސަންދިޔާ އަދި ޓަރފް ކްއީން ކާމިޔާބުކޮށްފި އެވެ.

އިއްޔެ ހަވީރު ކުޅުނު މެޗު ސަންދިޔާ އިން ކާމިޔާބު ކުރީ ޒީރު ސްޓަރސް އާ ވާދަކޮށް 0-3 ލަނޑުން ނެވެ.

މި މެޗުގައި ސަންދިޔާގެ ލަނޑުތައް ޖަހައިދީފައިވަނި ޖާރޒީ ނަމްބަރު 15 ސައުޒާ ހަސަން އާއި ޖާރޒީ ނަމްބަރު 7 ރާޝިދާ މޫސާ އެވެ. މީގެ ތެރެއިން ސައުޒާ ދެ ލަނޑު ޖަހައިދިން އިރު، އަނެއް ލަނޑު ޖަހައިދިނީ ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދި ރާޝިދާ މުސާ އެވެ.

މި މުބާރާތުގައި ރޭ ކުޅުނު މެޗުގައި ބައްދަލު ކުރީ ޓަރފް ކްއީން އާއި އެފްސީ ރެހެންދި އެވެ. މި މެޗު ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ޓަރފް ކްއީން އެވެ.

މި މެޗުގައި ޓަރފް ކްއީނުން 10 ލަނޑު ޖެހި އިރު، އެފްސީ ރެހެންދިއަށް ޖެހުނީ އެންމެ ލަނޑެކެވެ.

ޓަރފް ކްއީން ގެ ލަނޑުތައް ޖަހައިދިނީ ފާތުމަތު ޒާރާ 5 ލަނޑު، ސާމިހާ މުޙައްމަދު 2 ލަނޑު އަދި ޙައްވާ ހަސަން، އައިމިނަތު މުޙައްމަދު އަދި ސަހީމާ ހަސަން ކޮންމެ ކިޅުންތެރިއަކު އެއްލަނޑެވެ. އެފްސީ ރެހެންދީގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޢައިޝަތި ޝަރީފާ އެވެ.

މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމަށް ހޮވުނީ ޓަރފް ކްއީން އަށް 5 ލަނޑު ޖަހައިދީ މޮޅު ކުޅުމެއް ދެއްކި ފާތުމަތު ޒާރާ އެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ އެފްސީ ރެހެންދި އަދި ސަންދިޔާ އެވެ. މިރޭ ކުޅޭ މެޗުގައި ސީއެސް ވުމަންސް ނުކުންނާނީ ޓަރފް ކްއީން އާ ދެކޮޅަށެވެ.

މިއީ ކުމުންދޫ ޔޫތް ސްޕޯޓްސް (ކޭ.ވައި.އެސް)ގެ ފަރާތުން މި މަހުގެ ތިންވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި މިއަހަރު ވަނީ 5 ޓީމަކުން ބައިވެރިވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް