ފިޔަވަޅުތަކަށް ލުއި ދިނުމުގައި ކޭސްތަކުގެ އަދަދަށް ނުބަލާނެކަން އަނެއްކާވެސް ހަނދާން ކޮށްދީފި

ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގައި ދުވާލަކު ޕޮސިޓިވްވާ މީހުންގެ އަދަދަށް ނުބަލާނެކަން ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އަނެއްކާވެސް ހަނދާން ކޮށްދީ...

06 Nov 2020 | 04:05

ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގައި ދުވާލަކު ޕޮސިޓިވްވާ މީހުންގެ އަދަދަށް ނުބަލާނެކަން ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އަނެއްކާވެސް ހަނދާން ކޮށްދީފި އެވެ.

ކޯވިޑާއި ގުޅިގެން ލޮކްޑައުން ކުރުމަށް ފަހު މިދިޔަ ޖުލައި މަހު ލޮންޑައުނަށް ލުއި ދިނުމުން ޕޮސިޓިވް ކޭސްތައް ކުއްލިއަކަށް އިތުރުވާން ފެށުމުން ދެ ވަނަ ފަހަރު ބައެއް ފިޔަވަޅުތައް އެޅީ ކޯވިޑް ކޮންޓްރޯލް ކުރުމަށެވެ. އެގޮތުން އަތޮޅު ތެރެއަށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެއިން ރަށްރަށަށް ވަކި ޝަރުތުތަކެއް ހަމަވާ މީހުންނަށް ނޫނީ ނުދެވޭގޮތާއި ދަ ފަރާތްތައްވެސް ކަރަންޓީން ވާން ޖެހޭ ގޮތަށް ހަމަޖައްސާފައިވެ އެވެ.

އާންމުންގެ މިހާރުގެ އެންމެ ބޮޑު ޝަކުވާ އަކީ ކޯވިޑް ކޭސްތައް ވަރަށް ބޮޑަށް ކޮންޓްރޯލްވެފައިވާތީ އަތޮޅު ތެރެއަށް ދަތުރު ކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ނުދޭ މައްސަލަ އެވެ. ހާއްސަކޮށް އަންނަ މަހު ސްކޫލްތައް ބަންދު ވުމާއި އެކު ރަށްރަށަށް ދަތުރު ނުކުރެވޭ ގޮތަށް އޮތުމުން ބައެއް އާންމުން ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގައި ހަމައެކަނި ބަލާނީ ކޯވިޑަށް ޕޮސިޓިވްވާ މީހުންގެ އަދަދު މަދުވޭތޯ ނޫންކަން ހަނދާންކޮށްދޭ ކަމަށެވެ. އޭނާ ވިދާޅުވީ ހާއްސަކޮށް އަތޮޅުތެރެއަށް ދަތުރު ކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް އަދި ނުނިންމާ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކޮމިއުނިޓީ ޓްރާންސްމިޝަންގައި މިހާރު އޮތް މާލޭގެ ކޯވިޑްގެ ހާލަތު ލޯކަލް ޓްރާންސްމިޝަންއަށް ބަދަލުވެގެން ނޫނީ އަތޮޅުތެރެއަށް ދަތުރު ކުރުމުގައި އަޅާފައިވާ ފިޔަވަޅުތައް ލުއި ނުކުރެވޭނެ ކަމަށެވެ. މީގެ ކުރިން ވިދާޅުވެފައިވަނީ އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންނާއި ފްލޫ ކްލިނިކްތަކަށް ޑޮކްޓަރަށް ދައްކާ މީހުންގެ ތެރެއިން ޕޮސިޓިވްވާ އަދަދަށް ފިޔަވަޅުތަކަށް ލުއި ދިނުމުގައި ބަލާނެ ކަމަށެވެ. އަދި އެއްވެސް ކޭސްއަކާއި ގުޅުން ނެތި ޕޮސިޓިވްވަމުންދާ މީހުންގެ އަދަދަށް ބަލާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރަށްރަށަށް ދަތުރު ކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއި ގުޅޭގޮތުން ދަނީ މަޝްވަރާ ކުރަމުން ކަމަށާއި މި މަހުގެ ތެރޭގައި ލުއި ދޭން ނިންމާފައިވާ ކަމަށްވެ އެވެ. އެކަމާއި ގުޅޭގޮތުން ނޫސްވެރިން ސުވާލު ކުރުމުން އެވާހަކަ ދޮގު ކުރުމުގެ ބަދަލުގައި ޑރ. ނަޒްލާ ވިދާޅުވީ ފިޔަވަޅުތައް ބަދަލެއް ގެންނަ ނަމަ އެކަމެއް ރަސްމީކޮށް ވަގުތު ޖެހުމުން އާންމު ކުރާނެ ކަމަށެވެ.

އަތޮޅުތެރެއަށް ދަތުރު ކުރުމުގައި އެޗްއީއޯސީން އެކުލަވާލާފައިވާ ގައިޑްލައިންގައިވާގޮތުން މާލެއިން ރަށްރަށަށް ދިއުމުގެ ހުއްދަ ދެނީ ތިން ކެޓަގަރީއެއްގެ މީހުންނެވެ. އެއީ ބޭސްފަރުވާއަށް މާލެ އަންނަ މީހުންނާއި، ރަސްމީ ބޭނުންތަކުގައި ރަށްރަށުން މާލެއަށް އަދި މާލެއިން ރަށްރަށަށް ދާ މީހުންގެ އިތުރުން މާލޭގައި ދިރިއުޅޭ ތަން ދޫކޮށްލަންޖެހިގެން ރަށަށް ދިރިއުޅުން ބަދަލު ކުރަން ޖެހޭ މީހުންނެވެ.

މިވަގުތު އަތޮޅު ތެރޭގައި ޕޮސިޓިވް ކޭސްތައް ހުރީ 13 ރަށެއްގައި އެވެ. އެ ރަށްރަށުގައި ޕޮސިޓިވް މީހުންގެ ގޮތުގައި ތިބީ ހަތަރު ދިވެހިންނާއި 11 ބިދޭސީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް