ސަރުކާރުގެ އިދާރާތަކަށް އީމެއިލް މެދުވެރިކޮށް ދޭ ސައިބާ ހަމަލާތައް އިތުރުވުމުން ސަމާލުވާން އެދެފި

ސަރުކާރުގެ މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލް ފޮނުވާ މިންވަރު އިތުރުވަމުންދާތީ ރައްކާތެރިވެ ތިބުމަށް ފުލުހުންގެ ސައިބާ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީސޮކް) އިން މިއަ...

06 Oct 2026 | 04:47
ފޮޓޯ: ޕޮލިސް

ފޮޓޯ: ޕޮލިސް

ސަރުކާރުގެ މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލް ފޮނުވާ މިންވަރު އިތުރުވަމުންދާތީ ރައްކާތެރިވެ ތިބުމަށް ފުލުހުންގެ ސައިބާ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީސޮކް) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ އެ ހަމަލާތަކުގައި ބޭނުންކުރާ އީމެއިލްތައް ފެންނައިރު ރަސްމީ އިދާރާތަކުން ނުވަތަ ދެކެފަރިތަ ފަރާތްތަކުން ފޮނުވާ ސައްޙަ މެސެޖެއް ކަމަށް ހީވާ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ކަމަށެވެ. އެ އީމެއިލްތަކުގައި ހިމެނޭ ނުރައްކާތެރި ލިންކުތަކާއި ފައިލްތައް ހެދިފައި ހުންނަނީ ރަސްމީ ދައުވަތެއް ލިޔެކިޔުންތަކެއް ނުވަތަ ފައިލް ޝެއާ ކުރާ ލިންކުތަކެއް ފަދައިން ކަމަށް ސީސޮކުން ފާހަގަކޮށްފައިވެއެވެ.

މި ލިންކުތަކަށް ވަނުމުން ނުވަތަ ފައިލް ހުޅުވައިފި ނަމަ ބޭނުންކުރާ ފަރާތުގެ ޔޫޒާނޭމާއި ޕާސްވޯޑް ފަދަ މުހިންމު މަޢުލޫމާތު ހެކަރުންނަށް ލިބުމުގެ ނުރައްކާ އެބައޮތް ކަމަށް ފުލުހުން ބުނެފައިވެއެވެ. އެއާއެކު އިދާރާތަކުގެ ކޮމްޕިއުޓާ ނެޓްވޯކުތަކަށް ހުއްދަ ނެތި ވަދެ ސިސްޓަމްތައް ކޮމްޕްރޮމައިޒް ކުރުމުގެ ފުރުޞަތު ފަހިވެގެންދާ ކަމަށް ވެސް ސީސޮކުން ފާހަގަކޮށްފައިވެއެވެ.

ސީސޮކުން ބެލި ބެލުމުގައި ހަމަލާތަކުގައި ބޭނުންކޮށްފައިވާ ވައްޓަފާޅިއާއި ވަސީލަތްތަކަށް ރިޢާޔަތްކޮށް ލަފާކުރެވެނީ މިއީ ވަކި އަމާޒެއް ކަނޑައަޅައިގެން ރާވައިގެން ކުރިއަށް ގެންދާ ކެމްޕެއިނެއް ކަމަށެވެ. އެ ސެންޓަރުން ދަނީ މި ހަރަކާތްތައް ގާތުން ބެލުމުގެ އިތުރުން ކަމާ ގުޅޭ ސަރުކާރުގެ އިދާރާތަކާ ގުޅިގެން ނުރައްކާތެރި ވެބްސައިޓުތައް ބްލޮކްކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

މި ހަމަލާތަކާ ގުޅޭ ޓެކްނިކަލް ތަޙުޤީޤާއި އެނެލިސިސް ވެސް މިހާރު ކުރިއަށްދާ ކަމަށް ފުލުހުން ބުނެފައިވާ އިރު އިތުރު ތަފުސީލު ސައިބާ ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ސީސޮކުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް