ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދާއި ކުރާ ހަރަދު ހާމަ ކުރަން ޑިފެންސުން ދެކޮޅު ހަދައިފި

ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދާއި އެ މީހުން ތިބުމަށް ދައުލަތުން ކުރާ ހަރަދުތަކުގެ މައުލޫމާތު ދިނުމަށް ޑިފެންސް މިނިސްޓްރީން ދެކޮޅު ހަދައިފި އެވެ. މި މައުލޫމާތު ހޯދަން މައުލޫމާތު ހޯދާ ލިބިގަތު...

06 Oct 2020 | 12:07

ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދާއި އެ މީހުން ތިބުމަށް ދައުލަތުން ކުރާ ހަރަދުތަކުގެ މައުލޫމާތު ދިނުމަށް ޑިފެންސް މިނިސްޓްރީން ދެކޮޅު ހަދައިފި އެވެ.

މި މައުލޫމާތު ހޯދަން މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހެޅީ "ދިޔަރެސް" ނޫހުންނެވެ. އޭގެ ޖަވާބު ފޮނުވި ނަމަވެސް އެ މައުލޫމާތު ހާމަ ކުރެވެން ނެތް ކަމަށް ޑިފެންސުން ފޮނުވާފައިވާ ޖަވާބުގައި ބުނެފައިވެ އެވެ.

މި މައްސަލަ އެ ނޫހުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅުމުން މިއަދު ވަނީ ދިޔަރަސެް ނޫހުން އެ ސުވާލުތައް މިނިސްޓްރީއަށް ފޮނުވި ނޫސްވެރިޔާ އަހުމަދު އަޒާން އާއި ޑިފެންސް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ސިމާހު ހާޒިރުކޮށްފައި އެވެ.

މިއަދު އޮތް އަޑުއެހުމުގައި އެ މައުލޫމާތު ދިޔަރެސް ނޫހާއި ހިއްސާ ނުކުރީ ކީއްވެތޯ އިންފޮމޭޝަން ކޮމިޝަނަރު ސުވާލު ކުރެއްވުމުން ސިމާއު ވިދާޅުވީ އެ މިނިސްޓްރީ އާއި ގުޅޭ މައުލޫމާތެއް ހާމަ ކުރެވޭނީ ސިފައިންގެ ލަފާދޭ މަޖިލީހަށް ހުށަހަޅައިގެން ކަމަށެވެ. އެ މައުލޫމާތު ނުދިނީ އެ މަޖިލީހުން އެކަމަށް ދެކޮޅު ހެދުމުން ކަމަށެވެ.

ސިމާއު ވިދާޅުވި އެ މަޖިލީހުގައި އެއްވެސް ސިޔާސީ މަގާމެއްގެ ބޭފުޅަކު ނުހިމެނޭނެ ކަމަށެވެ. ޝިމާއު ވިދާޅުވި ގޮތުގައި އެ މައުލޫމާތު ހާމަ ނުކުރަން ނިންމީ ގައުމީ ސަލާމަތަށް ނުރައްކާވާ މައުލޫމާތަކަށް ވާތީ އެވެ.

އެގޮތަށް ޖެވާބު ދީފައިވާކަން ފާހަގަކޮށް އިންފޮމޭޝަން ކޮމިޝަނަރު ވަނީ ގައުމީ ސަލާމަތަށް އެ މައުލޫމާތު ނުރައްކާވެ އެ ފަދަ މައުލޫމާތު ހާމަ ނުކުރަންވީ ސަބަބު ހާމަކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

ޖަވާބުގައި ސިމާހު ވިދާޅުވީ ދެފަރާތެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ މައުލޫމާތު ހާމަކޮށްފި ނަމަ އެއީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަށް އަސަރުކޮށްފާނެ ކަމެއްކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި ރާއްޖެއަކީ އެއްވެސް ގައުމަކާއި އަރާރުން ނުއުފެދޭ، ރާއްޖެއަކީ ވަރަށް ޑިޕްލޮމެޓިކް ގައުމެއް ކަމަށާއި ގުޅުމަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް ކުރާކަށް ބޭނުން ނުވާ ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވީ މި މައްސަލައިގަ ސިފައިންގެ ބޭފުޅުންނާއި ޑިފެންސް މިނިސްޓްރީ އާވެސް މިކަމާއި ގުޅިގެން ބައްދަލު ކުރައްވާނެ ކަމަށެވެ. މިއީ މިފަދަ މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅި ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް