އިންޑޯ ޕެސިފިކް ސަރަހައްދުގައި ޑިމޮކްރަސީގެ ރޮނގުން އެންމެ ވަރުގަދަ ތިން ގައުމާއި އެމެރިކާ ހިމެނޭ ގޮތައް އެކުލަވާލާފައިވާ 'ކުއާޑް ގްރޫޕް' ބައްދަލުވުން މިއަދު ޖަޕާނުގައި އޮންނާނެއެވެ. މިގައުމުތަކުގެ ޚާރިޖީ ވަޒީރުން ތަމްސީލުކުރައްވާ މި ބައްދަލުވުމުގެ މައިގަނޑު އެއް އަމާޒަކީ މި ސަރަހައްދުގައި ޗައިނާގެ ނުފޫޒު ކަނޑުވާލުމެވެ.
ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބާއްވާ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ ޖަޕާނުގެ ފޮރިން މިނިސްޓަރ ޓޮޝިމިޓްސޫ މޮޓެގީ، އޮސްޓްރޭލިޔާގެ ފޮރިން މިނިސްޓަރ މަރީސޭ ޕޭއިންގެ އިތުރުން، އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިޔަމް ޝަންކަރު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
މި ބައްދަލުވުމުގެ އެންމެ ޚާއްސަ ކަމަކީ އެމެރިކާގެ ގެ ސެކްރެޓަރީ ފޮރ ސްޓޭޓް މައިކް ޕޮމްޕެއޯ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމެވެ. އެމަނިކުފާނުގެ ދަތުރުފުޅާ ބެހޭގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު މޯރގަން އޮޓެގަސް ވިދާޅުވެފައިވަނީ އަންގާރަ ދުވަހު ޕޮމްޕެއޯ ޖަޕާނަށް ކުރައްވާ ދަތުރު ފުޅަކީ ޖަޕާނުގެ އާ ބޮޑު ވަޒީރު ޔޮޝިހީޑޭ ޝުގާ މިދިޔަ ސެޕްޓެންބަރު މަހު ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގެންނެެވި ފަހުން ޕޮމްޕެއޯ ޖަޕާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކަމަށެވެ.
.މި ދަތުރުފުޅުގެ ތެރެއިން ޕޮމްޕެއޯ ބައިވެރިވެވަޑައިގަންނަވާ 'ކުއާޑް ގްރޫޕް' ބައްދަލުވުމަކީ އެމެރިކާގެ އަންނަ ރިޔާސީ އިންތިޚާބުގެ ކުރިން އެމެރިކާ ސަރުކާރުން ބާއްވާ އެންމެ މަތީ ފަންތީގެ 'ޑިޕްލޮމެޓިކް' ބައްދަލުވުމެވެ. ރިޔާސީ އިންތިޚާބާއި ގާތްވެފައިވާއިރު، ޗައިނާއާއި މެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތު ވެފައިވަނީ ކެމްޕޭނުގައި މައި މައްސަލައަކަށް ވަނީ ވެފައެވެ. އަދި މިދުވަސްވަރުވެފައިވަނީ ހިމާލަޔާ ބޯޑަރުގެ މައްސަލައިގައި އިންޑިއާއާއި ޗައިނާއާއި ދެމެދު އިންތިހާއަށް ނުތަނަވަސްކަން ވެރިވެ އެކަން މައިތިރިކުރުމަށް ޗައިނާއައި އިންޑިއާއިން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
ކުއާޑް ގްރޫޕުގެ ބައްދަލުވުމާއި ގުޅޭގޮތުން ޖަޕާނުގެ ފޮރިން މިނިސްޓަރ ޓޮޝިމިޓްސޫ މޮޓެގީ ވިދަޅުވެފައިވަނީ އިންޑޯ-ޕެސިފިކް ސަރަހައްދަކީ މިނިވަން އަދި ހުޅުވާލެވިފައިވާ ސަރަހައްދެއްގެ ގޮތުގައި ކޮވިޑް-19ށް ފަހުވެސް އޮތުމަށް ދެކޭ ތަސައްވުރު ވަރަށް މުހިންމުކަމަށާއި، ކޮވިޑް-19ށް ފަހުވެސް ކުއާޑް ގްރޫޕްގެ ބައިވެރިންގެ އިތުރުން އެހެނިހެން ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ދިއުން މިއީ މި ބައްދަލުވުމުގެ އެއް އަމާޒުކަމަށް މޮޓެގީ ވިދާޅުވެފައި ވެއެވެ.
ޗައިނާގެ ބޮޑުވަޒީރު ޔޮޝިހީގޭ ޝުގާ މިދިޔަ ސެޕްޓެމްބަރުމަހު މަގާމާއި ހަވާލުވެވަޑައިގެންފައިވާއިރު، އެމަނިކުފާނަކީ ޑިޕްލޮމެޓިކް ތަޖުރިބާ ވަރަށް މަދު ބޭފުޅެކެވެ. އެމަނިކުފާނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންެޖެހުމަކީ އެގައުމުގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާ ޗައިނާ އަދި އަސްކަރީ އެންމެ ބޮޑު މަދަދުވެރިޔާ ކަަމަށްވާ އެމެރިކާއާއި ދެމެދު އޮތް ގުޅުން 'ބެލެންސް' ކޮށް ދެމެހެއްޓުމެވެ. މި ދެގައުމަކީ ދުނިޔޭގެ އިގުތިސާދީ މައި ދެބާރަށްވާއިރު، ފަހަކަށް އައިސް މިދެގައުމުގެ ދެމެދުގައި ވިޔަފާރިން ފެށިގެން ގޮސް ޑޭޓާ ސެކިއުރޓީ ފަދަ، ކަންކަމުގައި ނުތަނަވަސްކަން ވެރިވެފައި ވުމަކީ ޖަޕާނަށާއި ޖަމާނުގެ ސަރުކާރަށް ހިންދެމިލަން އޮތް ބޮޑު ހުރަަހަކަށް މިހާރު މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ބާއްވާ 'ކުއާޑް ގްރޫޕް' ބައްދަލުވުން ވެގެންދާނީ މިކަމުން އަރައިގަންނަން މި ސަރަހައްދުގެ ޑިމޮކްރަސީ ބާރުތަކާއެކު ޖަޕާނުން ބައްވާ ވަރުގަދަ ބައްދަލުވުމަކަށެވެ. ޖަޕާނުން މިހާރު ތިބީ މިބައްދަލުވުމުގެ ނަތީޖާއެއްގެ އިންތިޒާރުގަ އެވެ.
'ކުއަޑް ގްރޫޕް' ގެ މިނިސްޓަރުންގެ ފެންވަރުގެ ފުރަތަމަ ރަސްމީ ބައްދަލުވުން މީގެ އެއްއަހަރުކުރިން ބޭއްވީ އެމެރިކާގެ ނިއުޔޯކުގައެވެ. މިފަދަ ގުޅިފައިވާ ބައްދަލުވުމަކާއި ހަމަޔަށް ދާން ޖެހުނީ ޗައިނާގެ މިހާރުގެ ސަރުކާރުން އަދި އެގައުމުގެ މިހާރުގެ ރައީސް ޝީ ޖިންގ ޕިން ތަންފީޒުކުރައްވަމުން ގެންދަވާ ޚާރިޖީ ސިޔާސަތުތަކާއި ގުޅިގެން އިންޑޯ- ޕެސިފިކް ސަރަހައްދުގައި ނުތަނަވަސްކަން ވެރިވަމުން އަންނާތީ އެވެ. މީގެ ސަބަބުން މި ސަރަހައްދުގެ ގައުމުތަކަށް އޭގެ ނޭދެވޭ އަސަރުކޮށް ގައުމުތައް ހަތުރުވެވަމުންދާ މަންޒަރު ފަހަކަށް އައިސް ދަނީ ފެންނަމުންނެވެ.
ކުއާޑް ގެ ފުރަތަމަ ބައްދަލުވުމުގެ ބައިވެރިންގެ މަޝްވަރާއިން ނިންމާފައިވަނީ އިންޑޯ-ޕެސިފިކް ސަރަހައްދުގެ ސަލާމަތައި ރައްކާތެރިކަމަށްޓަކައި ޖާސޫސީ މައުލޫމާތު އެއްކުރާނެ ހަރުދަނާ ރަސްމީ އޮނިގަނޑެއް ތައްޔާރުކޮށް އެއަށް ރަސްމީ ސިފައެއް ގެނައުމަށެވެ. މި ބައްދަލުވުމުން އެކުލަވާލި 'އިންޑޯ ޕެސިފިކް ސްޓްރެޓެޖީ' އަށް ޗައިނާއިން ވަނީ ދެކޮޅު ހަދާފައެވެ. ޗައިނާއިން ދެކޭގޮތުގައި އެ ސްޓެރެޓެޖީއަކީ އިންޑޯ- ޕެސިފިކް ސަރަހައްދުގައި އިންޑިއާގެ ބާރު ޗައިނާގެ މައްޗަށް ގަދަވާފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ސްޓްރެޓެޖީ އެކެވެ.
ޗައިނާއިން 'ކުއާޑް ގްރޫޕް' ބައްދަލުުވުމާމެދު ހިތްހަމަ ނުޖެހޭކަން އިނގޭ އެއްކަމަކީ އެގައުމުގެ ޚާރިޖީ ވަޒީރު އޮކްޓޯބަރުމަހު ޖަޕާނަށް ކުރައްވަން އޮތް ރާއްވަވާފައި އޮތް ދަތުރުފުޅު ކެންސަލް ކުރެއްވުމެވެ. ދަތުރު ކެންސަލް ކުރެއްވިކަން އިއުލާނުކުރައްވާ ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އާންމުކުރެއްވި ބަޔާނުގައި ވިދާޅުވެފައިވަނި ދަތުރުފުޅުން ތިންވަނަ ޕާޓީއަކަށް މަންފާކުރަން ޗައިނާއިން ނޭދޭކަމަށާއި، އަދި ޗައިނާގެ އެދުމަކީ ޖަޕާނާއެކު އިތުބާރު ކުރެވޭ ގާތް ގުޅުމެއްގެ ތެރެއިން ދެގައުމުގެ ގުޅުން ބަދަހިކުރުން ކަމުގައެވެ. އެހެންކަމުން އެދަތުރު ކެންސަލްކޮށްފައި އެވަނީ 'ކުއާޑް ގްރޫޕް' ގެ ބައްދަލުވުމުގެ ސަބަބުން ޗައިނާއާއި ޖަޕާނުގެ ގުޅުމަށް ހީނަރުކަން އައިސްދާނެކަން ވަޒަންކުރުމަށްފަހުގައި ކަމަށް މި ސަރަހައްދުގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
'ކުއާޑް ގްރޫޕް' ބައްދަލުވުން މިއަދު ބައްވާއިރު، މިމަހުގެ ތެރޭގައި ކުއާޑްގައި ހިމެނޭ ޖަޕާނާއި، އިންޑިއާއާއި، އޮސްޓްރޭލިއާގެ ޓްރޭޑް މިނިސްޓަރުން ވަނީ ތިން ގައުމު ގުޅިގެން އިންޑޯ-ޕެސިފިކް ސަރަހައްދުގައި ސަޕްލައި ކުރުމުގެ ނިޒާމެއް ގާއިމުކުރުމަށް އެއްބަސްވެފައި ވަނިކޮށްނެވެ. މިއިންވެސް ދޭހަކޮށްދެނީ މި ސަރަހައްދުގެ ތިން ބާރު އެކުވެ ވިޔަފާރިއާއި އިގުތިސާދީ ދާއިރައިން ޗައިނާގެ ބާރު ނުވަތަ ނުފޫޒު މި ސަރަހައްދުން ކަނޑުވާލަން މަސައްކަތް ކުރަމުން އަންނަކަމެވެ.
ހަމަ ގައިމުވެސް، މިއަދު ބާއްވާ 'ކުއާޑް ގްރޫޕް' ގެ ބައްދަލުވުމުގެ އަމާޒަކަށް ވާނީ އެމެރިކާގެ މަދަދާއެކު މި ސަރަހައްދުން ޗައިނާގެ ބާރު ހުރިހައި ގޮތަކުން ކަނޑުވާލުމަށް މަސައްކަތްކުރުމެވެ. ނުވަތަ މި ސަރަހައްދަށް ޗައިނާ ވެރިވެ ފޯރުވަމުންދާ ނުފޫޒުން މި ސަރަހައްދުގެ ގައުމުތައް ސަލާމަތްކޮށް މި ސަރަހައްދުގެ ގައުމުތަކަށް ހަމަހިމޭންކަމާއި މިނިވަންކަމާއެކު ހިންދަމާލަން މަގުފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތައް އިތުރުވެގެންދާ އާ ބާބަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް