ތިން ފުލުހަކަށް އިންޒާރު ދިން މީހަކު ހަ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.
މި ހުކުމް ކޮށްފައިވަނީ ކުޅުދުއްފުށި، މަންޒިލް، އުމުރުން 20 އަހަރުގެ މުހައްމަދު ވަހީދު އިބްރާހީމްގެ މައްޗަށެވެ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މި ހުކުމް ކުރީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ.
ދައުލަތުން އޭނާގެ މައްޗަށް އުފުލީ އިންޒާރު ދިނުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ މައްޗަށް މި ދައުވާ އުފުލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުރީ ކޮޅު މީސް މީޑިއާގައި ތިން ފުލުހެއްގެ ފޮޓޯ އާންމުކޮށް އެ ތިން ފުލުންނަކީ މަރަންޖެހޭ މީހުން ކަމަށް ބުނެފައިވާ މައްސަލައިގަ އެވެ.
އެ ދައުވާ ޝަރީއަތުން ބެލުމަށްފަހު ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ، މައްސަލައިގައި ދައުވާލިބޭ މުހައްމަދު ވަހީދު އިބްރާހީމް ތަހުގީގު މަރުހަލާއާއި ޝަރީއަތުގެ މަރުހަލާގައި އެ ކުށަށް އިއުތިރާފުވެފައިވާ ކަމަށެވެ.
އެހެންކަމުން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން އިންޒާރުދިނުމުގެ ކުށް ޝަރީއަތަށް ސާބިތުވާކަމަށެވެ.
މިއީ އޭނާގެ މައްޗަށް މިފަދަ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށް ވާތީ، އެ ގާނޫނުގެ ދަށުން މުހައްމަދު ވަހީދު އިބްރާހީމް، ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް