ކޯވިޑަށް ކުރި ހަރަދު ދެ ބިލިއަނަށް އަރައިފި

ކޯވިޑް-19 އާއި ގުޅިގެން ދައުލަތުން ކުރި ހަރަދު2.3 ބިލިއަން ރުފިޔާއަށް އަރައިފި އެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައި ބުނެފައިވަނީ ކޯވިޑަށް ކުރި ހަރަދުތަކުގެ ތެރޭގައި ސިއްހ...

06 Oct 2020 | 09:35

ކޯވިޑް-19 އާއި ގުޅިގެން ދައުލަތުން ކުރި ހަރަދު2.3 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައި ބުނެފައިވަނީ ކޯވިޑަށް ކުރި ހަރަދުތަކުގެ ތެރޭގައި ސިއްހީ ދާއިރާ އަށާއި ކޯވިޑްގެ ސަބަބުން އިގްތިސޯދީ ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުން ހިމެނޭ ކަމަށެވެ. އެގޮތުން ސިއްހީ ކަންކަމަށް 1.2 ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވާއިރު އިގްތިސޯދީ ކަންކަމަށް 1.03 ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

އެންމެ ބޮޑު ހަރަދެއް ކޯވިޑާއި ގުޅިގެން ކޮށްފައިވަނީ އެހެން މަސް މަހެކޭ އެއްގޮތަށް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީންނެވެ. އެ އޮތޯރިޓީން މިމަހުގެ އެއްވަނަ ދުވަހާއި ހަމައަށް 778.1 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެއީ ކޯވިޑާއި ގުޅިގެން ކޮށްފައިވާ ހަރަދުގެ88 ޕަސެންޓެވެ.

ދެވަނައަށް އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ހެލްތު މިނިސްޓްރީންނެވެ. އެ މިނިސްޓްރީން 200.4 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

އިގްތިސޯދީ ގޮތުން ކޮށްފައިވާ ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހަރަދުކޮށްފައިވާ ރިކަވަރީ ލޯން ސްކީމަށް 900 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އިންކަމް ސަޕޯޓަށް 101 މިލިޔަން ރުފިޔާ އަދި ކަރަންޓްބިލުން ޑިސްކައުންޓް ދިނުމަށް ސަބްސިޑީގެ ގޮތުގައި 34 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އިތުރު ތަފްސީލްތަކަށް ބަލާއިރު މިދިޔަ މަހު ކޯވިޑާއި ގުޅޭ ހަރަދުތަކަށް106 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް