ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ސިޔާސީ ޕާޓީތައް ވަކިން ތިބޭގޮތަށް ގޮނޑިތަކުގެ ތަރުތީބު ބަދަލު ކުރަން މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފި އެވެ.
އެމްޑީޕީގެ އަށް މެމްބަރުން ތިއްބަވާ އާންމު ކޮމިޓީން މިގޮތަށް ފާސްކުރީ ހަތަރު މެމްބަރުންގެ ތާއީދާއި އެކު އެވެ. މި ކަމުގެ މަޝްވަރާތައް ކުރިޔަށް ދިޔަ އިރު ބައެއް މެމްބަރުން ވަނީ މިހާރު ތަޅުމުގައި ގޮނޑި ތަރުތީބުކޮށްފައިވާ ގޮތް ރަނގަޅު ކަމަށް ވިދާޅުވެފައި އެވެ.
ސިޔާސީ ޕާޓީތައް ވަކިން ތިބޭގޮތަށް ބަދަލު ގެންނަން އާންމު ކޮމިޓީން ނިންމީ ދުނިިޔޭގެ އެހެން ގައުމުތަކުގެ މަޖިލީހުގެ ތަޅުމުގައި އަމަލު ކުރަމުންދާ ގޮތް ދިރާސާ ކުރުމަށް ފަހު އެވެ. އާންމު ކޮމިޓީން ބުނީ ރިޔާސީ ނިޒާމެއް އޮންނަ ތަފާތު 45 ގައުމެއްގައި މަޖިލިސް މެންބަރު ތިއްބަވާ ތަރުތީބު ބެލުމަށް ފަހު، ގިނަ ގައުމުތަކުގައި އެ ތަރުތީބު އޮންނަނީ ޕާޓީތައް ނިސްބަތްވާ ގޮތަށް ކަމަށް މަޖިލީހުގެ އިދާރާއިން ހެދި ދިރާސާގައި ފާހަގަވެފައިވާ ކަމަށެވެ.
އާންމު ކޮމިޓީން މި ގޮތަށް ނިންމިޔަސް މި މައްސަލައިގަ ގޮތެއް ކަނޑައެޅޭނީ މަޖިލީހުގެ ތަޅުމުގައި މި މައްސަލައިގަ ބަހުސްކޮށް ވޯޓަށް އެހުމުންނެވެ. އާންމު ކޮމިޓީގެ މުގައްރިރު ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ތަޅުމަށް ފޮނުވާފައިވާ ކަމަށެވެ.
މަޖިލީހުގެ ތަޅުމުގައި މިހާރު މެންބަރުން އިށީނދެ ތިއްބަވާ ތަރުތީބަކީ، އެންމެ ކުރީ ގޮނޑި ބަރީގައި މާލެ ދާއިރާތައް ތަމްސީލު ކުރައްވާ މެންބަރުން ތިބުމަށް ފަހު، ދެން ހއ. އަތޮޅުން ފެށިގެން ސ. އަތޮޅާ ހަމައަށް އިދާރީ ދާއިރާތައް ތަރުތީބުވާ ގޮތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް