ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވެރިން ރައްޔިތުންގެ މުއްސަނދިކަން ނުހައްގުން ބޭނުން ކުރަމުންދާ ކަމަށް ބުނެ 2015 ވަނަ އަހަރުގެ މޭޑޭ މުޒާހަރާގައި ދެއްކި ވާހަކަތަކުގެ ހަގީގަތް މިއަދު ހާމަވަމުންދާ ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅިގެން ރައީސް ޔާމީން ސަރުކާރުގައި ނައިބު ރައީސްކަން ކުރެއްވި އަހުމަދު އަދީބަށް އުފުލި ހަތް ދައުވާ ސާބިތުވެ 20 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމުން ކުރެއްވި ޓުވީޓެއްގައި އެވެ. 20 އަހަރަށް ޖަލަށް ލުމުގެ އިތުރުން އަދީބު ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ރޭ ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވެ އެވެ.
އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މޭޑޭގެ މުޒާހަރާގައި އެތައް ބައިވަރު ރައްޔިތުންނާ އެކު މަގުމައްޗަށް ނުކުމެ މިހާރުގެ ސަރުކާރު ކޯލިޝަންގައި ހިމެނޭ ވެރިން ދެއްކީ ރައްޔިތުންގެ މުއްސަނދިކަން އޭރުގެ ސަރުކާރުގެ ވެރިން ނުހައްގުން ބޭނުން ކުރަމުން ދިޔަ ވާހަކަ ކަމަށެވެ. އެކަމުގައި ޝާމިލްވި ފަރާތްތަކުގެ އިއުތިރާފާ އެކު ޝަރީއަތަށް އެކަންކަން ސާބިތުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ ދުވަހުގެ ހާލަތާއި މިއަދުގެ ހާލަތު ވަޒަން ކޮށްލުމުން މާތް ﷲ ގެ ކުޅަދުންވަންތަކަށް ހިތަށް އަރާ ކަމަށެވެ. އޭރުވެސް ވިދާޅުވި ފަދައިން މިހާރުވެސް ވިދާޅުވާނީ އެއްވެސް މީހަކަށް މި ސަރުކާރުން އަނިޔާވެރި ނުވާނެ ކަމަށެވެ.
އަދި ރައްޔިތުންގެ ހައްގު ރައްޔިތުންނަށް ހޯދައިދޭނެ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.
https://twitter.com/ShimranAb/status/1313179335390425088
ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް ކުރި އެންމެ ވަރުގަދަ ބޮޑު މުޒާހަރާ އަކީ މޭޑޭ ގައި ކުރި މުޒާހަރާ އެވެ. އެ މުޒާހަރާއަށް ފަހު ޔާމީން ސަރުކާރުން ވަނީ އިދިކޮޅު ފަރާތްތަކަށް މުޒާހަރާ ނުކުރެވޭނެ ގޮތަށް ގާނޫނުތަކަށް ބަދަލު ގެނެސް އެ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި އެންމެންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި އެވެ.
އެ ދުވަހު ދެއްކެވި ވާހަކަތަކާއި ގުޅިގެން ޝެއިހް އިމްރާންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި 12 އަހަރަށް ޖަލަށް ލާފައި އެވެ. އެ މުޒާހަރާއަށް ފަހު އޭރުގެ އިދިކޮޅު އިސްވެރިން ވަނީ އެހެން ގައުމުތަކުން ސިޔާސީ ހިމާޔަތް ހޯދައިގެން ގޮސްފައި އެވެ. އެ ބޭފުޅުން އެނބުރި ރާއްޖެ ވަޑައިގެންނެވީ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ނާކާމިޔާބީ އާއި ކުރިމަތިވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް