އިންސާނުންގެ ތެރޭ ރިވެތި އަޚުލާގީ ސިފަ ދަމަހައްޓަން ބޭނުންނަމަ އީމާންތެރިކަމާއި އެންމެ މުހިންމު އެއް ސިފަ !

ގުދުރަތީ ރީތަކަމާއި ހިތްގައިމުކަމެއް ލިބިގެންވާ އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގެ ރައްވެހިންނަނީ އަބަދުވެސް ހިތްހެޔޮކަމާއި ރިވެތި އަހުލާގެއްގެ ވެރި ބައެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ބައެވެ...

06 Oct 2020 | 05:52

ގުދުރަތީ ރީތަކަމާއި ހިތްގައިމުކަމެއް ލިބިގެންވާ އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގެ ރައްވެހިންނަނީ އަބަދުވެސް ހިތްހެޔޮކަމާއި ރިވެތި އަހުލާގެއްގެ ވެރި ބައެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ބައެވެ. ދިވެހިރާއްޖޭގެ ރައްޔިތުންގެ ހިތްހެޔޮކަމާއި ރިވެތި އަޚުލާގަކީ ދުނިޔޭގެ އެހެން ގައުމަކުން ނުލިބޭނެ ފަދަ އަގުބޮޑު ހަދިޔާއެކެވެ. ދިވެހިންގެ އަޚުލާގީ ރިވެތި ސިފައަކީ ރާއްޖެއަށް އެހެން ގައުމުތަކުން ޒިޔާރަތްކުރާ ފަރާތްތަކުގެ ސަމާލުކަން ވެސް ލިބިފައިވާ ކަންކަމެވެ. ދިވެހިން އެންމެ ބޮޑަށް ބޭނުންވަނީވެސް މި ޤައުމުގެ ރީތި ނަން އެގޮތުގައި އަބަދުގެ އަބަދަށް ދެމެހެއްޓުމށެވެ.

ދިވެހި ޤައުމުގެ ރައްވެރިންނަށް ލިބިފައިވާ މިފަދަ ބޮޑު ކޮންމެ ނިއުމަތަކީވެސް އަދުގެ މި ޖީލުން އެއާމެދު ރައްކާތެރިވުން ލާޒިމު ކަންކަމެވެ. ނަމަވެސް ނިއުމަތްތަކަށް ރައްކާތެރި ވެވޭނީ އަހަރުމެން ރައްޔިތުންގެ އަހްލާޤީ ފެންވަރު ރަނގަޅުކޮށްގެންނެވެ. މިހެން މި ދަންނަވަން ޖެހުނީ ކާބަފައިންގެ ޒަމާނުގައި ދިވެހިންހެ ތެރޭގައި އޮތް ރިވެތި އަޚުލާގާއި ސުލޫކު ފަހަކަށް އައިސް މަޑުމަޑުން ވަޅުޖަހަމުން ދާތަން ފެންނާތީއެވެ. ދިވެހިންގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ އަހްލާޤީ ސިފަތައް ބީވަމުންދާކަމުގެ މަންޒަރުތައް ފެންނާތީއެވެ.

އިންސާނުންގެ ތެރޭ އަޚުލާގީ ރިވެތި ސިފަތައް ދަމަހައްޓަން ބޭނުންނަމަ އީމާންކަމަކީ އެންމެ މުހިންމު އެއް ސިފަ އެވެ. އިންސާނީ ޣަރީޒާތަކާއި ޤާނޫނުތަކާއި އަޚުލާގީ އެކިއެކި ފަލްސަފާތަކުން ރިވެތި އަޚުލާގު ދެމެހެއްޓުމަށް އެހީތެރިކަމެއް ލިބުނަސް މިކަންކަމުން އަދި ނުފުދޭނެ އެވެ. އަދިކިއެއްތަ، އީމާންކަމާ ނުލައި ގިނަ ފަހަރު މީގެ ތެރެއިން ބައެއް ކަންކަން ވެގެންދަނީ އަޚުލާގަށް ހުރި ގޮންޖެހުންތަކެއް ކަމަށެވެ.

ހައިވާނުންނަށް ބަލާއިރު ޣަރީޒާތަކުން އެސޮރުމެންގެ ދިރިއުޅުން ހަމަޖެހޭ މިންވަރަށް އިންތިޒާމު ކުރެވެ އެވެ. އެހެން ނަމަވެސް އިންސާނީ ޣަރީޒާތައް ގިނަވެފައި އުނދަގޫ ވެފައި އެއްކަމާ އަނެއްކަމާ ފުށުއަރާ ގޮތް ހުރެ އެވެ. ސަބަބަކީ އިންސާނުންނަކީ ހައިވާނުންނާ ޚިލާފަށް ޖިސްމަކާއި ރޫހެއް، ޝަހުވަތްތަކާއި ބުއްދިއެއް، މާތްކަމާއި ދަށު ދަރަޖަ ވެސް ލިބިގެންވާ މަޚްލޫގެއް ކަމަށްވާތީ އެވެ. އަދި އިންސާނާގެ އެންމެހާ އިޚުތިޔާރީ ހަރަކާތްތަކާއި ސުލޫކުތަކަކީ އޭނާގެ ފިކުރާއި ގަބޫލުކުރުންތަކުގެ މަތީ ބިނާވެފައިވާ ކަންކަން ކަމަށްވާތީ އެވެ.

އަޚުލާގުގެ ރިވެތި ނަމޫނާތައް، އެންމެ މަތިވެރި ނަމޫނާ ކަމުގައިވާ ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އާ ހަމައިން ފެށިގެން ވަނީ ދައްކައިދީފަ އެވެ. ސީދާވެގެންވާ ތެދުމަގަށް މީސްތަކުންނަށް ވަނީ މަގުދައްކައިދީފަ އެވެ. މަގުން ކައްސާލައިގެން ނުދިއުމަށް ވަނީ އިންޒާރު ދީފަ އެވެ.

މި އިޝާރާތް ކުރި ކަންކަމުގައި ހިފަހައްޓާނެ ބާރެއް ކަމުގައި އިސްލާމް ދީން ހަދާފައިވަނީ އީމާންތެރިކަމެވެ. އިންސާނީ ޣަރީޒާތަކުގެ ތެރޭގައި ރިވެތި އަޚުލާގަށް ބާރުއަޅާ ކަންކަން ހިމެނުނަސް، ގާނޫނުތަކާއި ގަވައިދުތަކުން ނުރަނގަޅު އަޚުލާގު ނައްތާލަން މަސައްކަތް ކުރިއަސް، އަޚުލާގީ ފަލްސަފާތަކުން އަޚުލާގީ ފިކުރު ތަރައްގީ ކޮށްދިނަސް ރިވެތި އަޚުލާގުގެ މަތީ އަބަދު ދެމިހުރުމަށް އެހީތެރިވެދޭނެ ހަމަ އެންމެ ވަރުގަދަ ބާރަކީ އަބަދުވެސް އީމާންތެރިކަމެވެ. އެހެންކަމުން އީމާންތެރިކަން ވަރުގަދަކޮށްގެން ރިވެތި އަޚުލާގު ދަމަހައްޓަން ކޮންމެ މުސްލިމަކު ވެސް މަސައްކަތް ކުރަންވާނެ އެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ކޮންމެ ކަމެއްވެސް ކުރެވޭނީ ޚިކުމަތްތެރި ވިސްނުމެއް އިސްކުރެވިގެންނެވެ. އަޅާ ކޮންމެ ފިޔަވަޅަކީވެސް ހެޔޮ މަގުން އަޅާ ފިޔަވަޅަކަށް ވެގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް