ޕޮލިސް އެކަޑަމީ ހަދަން އައި ބިދޭސީން ކަރަންޓީން އުސޫލާއި ހިލާފުވި މައްސަލަ ފުލުހަށް

އައްޑޫ ސިޓީގައި އިންޑިއާ ސަރުކާރު އެހީގައި އިމާރާތްކުރާ ޕޮލިސް އެކަޑަމީގެ މަސައްކަތް ކުރަން އައި އިންޑިއާ މީހުން ކަރަންޓީން އުސޫލާއި ހިލާފު މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ހެލްތް ...

06 Oct 2020 | 05:48

އައްޑޫ ސިޓީގައި އިންޑިއާ ސަރުކާރު އެހީގައި އިމާރާތްކުރާ ޕޮލިސް އެކަޑަމީގެ މަސައްކަތް ކުރަން އައި އިންޑިއާ މީހުން ކަރަންޓީން އުސޫލާއި ހިލާފު މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

މިދިޔަ މަހުގެ 13 ވަނަ ދުވަހު ޗާޓާޑް ފްލައިޓެއްގައި އައްޑޫ ސިޓީއަށް ގެންދިޔަ އިންޑިއާގެ 128 މީހުންގެ ތެރެއިން 53 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އަދި ފަހުން އައި އިތުރު އަށް މީހަކު ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމުން ޓެސްޓު ކުރި އިރު ޕޮސިޓިވްވެފައިވެ އެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ޕޮސިޓިވްވި މީހުންގެ އިތުރުން އެމީހުން ކަރަންޓީން ކޮށްފައި ތިބި ސައިޓުގެ ސެކިއުރިޓީ ގާޑު ކޯވިޑަށް ޕޮސިޓިވްވެފައިވާ ކަމަށެވެ. އެމީހާ ޕޮސިޓިވްވުމުން އޭނާ ނިދާ ކައިބޮއެ ހަދާ ސައިޓުގެ 230 މީހުން ކަރަންޓީންކޮށްފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އަދި އޭގެ ތެރެއިން އެކަކު ޕޮސިޓިވްވެފައިވާ ކަމަށާއި އެމީހާ އަކީ އިންޑިއާއިން އައިސް ކަރަންޓީންގައި މީހުން ބައިތިއްބައިވާ ސައިޓަށް ގޮސް ހަދާފައިވާ މީހެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ. އެމީހުން ކަރަންޓީން އުސޫލާއި ހިލާފުވި ކަމަށް އެޗްއީއޯސީން ނިންމައި ފުލުހުންގެ ސަމާލުކަމަށް އެކަން ގެނައީ އެހެންވެ ކަމަށް ވިދާޅުވި އެވެ.

އައްޑޫ ޕޮލިސް އެކަޑަމީ އިމާރާތް ކުރަން އައި މީހުންނާއި ގުޅުން ހުރި މީހުންގެ ތެރެއިން މިހާތަނަށް 376 ސާމްޕަލް ޓެސްޓުކޮށްފައިވެ އެވެ. މިހާތަނަށް ނަތީޖާ ނުލިބެނީ އޭގެ ތެރެއިން 74 ސާމްޕަލްގެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް