ކޯވިޑް-19 ޖެހިގެން ރާއްޖެއިން މީހަކު މަރު ނުވާތާ 15 ދުވަސްވެ ބަލިޖެހިގެން އައިސީޔޫގައި މީހަކަށް ފަރުވާ ދޭން ނުޖެހޭތާ ފަސް ދުވަސްވެފައިވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިގެން 34 މީހުން މަރުވެފައިވާއިރު މިދިޔަ ދެ ތިން މަހަކީ ގިނަ ބަޔަކަށް އައިސީޔޫގައި ފަރުވާ ދޭން ޖެހުނު ތިން މަހެވެ. ކޯވިޑްގައި މަރުވާ ރޭޓާއި އައސީޔޫގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވީ ޖުލައި އެއް ވަނަ ދުވަހު ނިއު ނޯމަލްގައި ގައުމު ހުޅުވާލުމާއި އެކު ކޯވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވުމުންނެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްރާ ރަފީގު ވިދާޅުވީ ރާއްޖެއިން މި ބަލި ޖެހިގެން މީހަކު މަރު ނުވާތާ މިއަދުމީ 15 ވަނަ ދުވަސް ކަމަށާއި މިއީ ބަލި ކޮންޓްރޯލް ކުރުމުގައި ނެރެވިފައިވާ ރަނގަޅު ނަތީޖާއެއް ކަމަށެވެ. އޭނާ ވިދާޅުވީ މިވަގުތު ކޯވިޑަށް ފަރުވާދޭ އެއްވެސް ފެސިލިޓީއެއްގެ އައިސީޔޫގައި މީހަކަށް ފަރުވާ ދެމުން ނުދާ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ މިވަގުތު ކޯވިޑް ޖެހިގެން 1،099 މީހުންނަށް ފަރުވާ ދެމުން ދާއިރު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނީ 65 މީހުންނަށް ކަމަށެވެ. އެ އެންމެންގެ ހާލު ރަނގަޅު ކަމަށާއި އެންމެންނަށް ފަރުވާ ދެމުން ދަނީ ވޯޑުގައި ކަމަށެވެ.
މިވަގުތު އެޑްމިޓްކޮށްގެން ކޯވިޑަށް ފަރުވާ ދޭ މީހުން ތިބީ ތިން ފެސިލިޓީއެއްގައި އެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލްގެ ވޯޑުގައި އެކަކު، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 58 މީހުން އަދި ގއ. ވިލިނގިލީ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި ހަ މީހުންނެވެ.
ހެލްތް މިނިސްޓްރީން ލަފާ ކުރާ ގޮތުގައި ރާއްޖެއިން ކޯވިޑް ޖެހޭ މީހުންގެ އަދަދު މަދުވިޔަސް ކުރީގެ ހާލަތަށް ދާން އަދި ދޮޅުމަހެއްހާ ދުވަސް ނަގާނެ އެވެ.
އިއްޔެ ހަވީރު 6:00 ގެ ނިޔަލަށް ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 10،567 އަށް އަރާފައި އެވެ. އަދި ބަލިން ރަނގަޅުވި އަދަދު ވަނީ 9،427 އަށް އަރާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް