ދުނިޔޭގައި ދިރިތިބި ކޮންމެ މީހަކަށްވެސް ފަތިސްނަމާދުގެ އިހުސުންނަތް އަދާކޮށްގެން ބޮޑު ތަނަވަސް ކަމަކާއި ބޮޑު ނިޢްމަތެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ. ދަންނާށެވެ.! މާތް ﷲ ވަހީކުރައްވަވާފައި ވަނީ މިފަދައިންނެވެ.
"ދުނިޔެއާއި ދުނިޔޭގައި ވާހައި ތަކެއްޗަކަށްވުރެ ތިމަން ﷲ ގެ ޙަޟްރަތުގައި ފަތިސް ނަމާދުގެ އިހުސުންނަތުގެ 2 ރަކްޢަތުގެ އަގު މާބޮޑެވެ."
ފަތިސް ނަމާދުގެ އިހުސުންނަތް އަދާކޮށްލައިގެން އެހައި ބޮޑު ނިޢުމަތަކާއި ތަނަވަސްކަމެއް ލިބެން އޮތް އިރު އެތަނަވަސްކަމާއި އެ ނިޢްމަތްތަކުގެ ޙަޤީޤީ ފައިދާ ކިރާނީ ތިބާ މަރުވުމުން ސުވަރުގެއިންނެވެ.
އަދި ދުނިޔޭގައި ހުއްޓައިވެސް އެކަލާނގެ އިރާދަކުރައްވަވާ އަޅަކަށް އިރާދަކުރައްވަވާ މިންވަރަކަށް މި ނިޢުމަތާއި ތަނަވަސްކަމުގެ ފޮނި މީރުކަން ދެއްވަވައެވެ.
ލޮބުވެތި އަޚުންނޭވެ.! އެންމެ 2 ރަކްޢަތުން ކުރެވޭ، ސުންނަތް ނަމާދަކަށް މިހައި ބޮޑު ނިޢުމަތަކާއި ތަނަވަސް ކަމެއް ކަނޑައަޅުއްވަވާފައިވުމުން އެ 2 ރަކްޢަތުގެ މުހިންމުކަމާއި ދަރަޖަ އަދި މަތިވެރިކަން ﷲ ތަޢާލާގެ ޙަޟްރަތުގައި މަތިވެރިވެގެންވާ މިންވަރު ވަރަށް ރަނގަޅަށް ހާމަވެއެވެ.
ވީމާ މިއީ ހަމަކޮންމެ މީހަކުވެސް ވިސްނައި ފިކުރުކޮށްލަން ޖެހޭ ކަމެކެވެ. ކޮންމެ ދުވަހަކު ވެސް ޙާޞިލުކުރެވެން އޮތް މިމަތިވެރި ނިޢްމަތް ޙާޞިލުކުރަމުން ގެންދާ މީހާއަށް ސުވަރުގެއިން ލިބިގެންދާނެ ތަނަވަސްކަމާއި ރަހްމަތުގެ ބޮޑުކަން ގުނާ އަދަދު ނުކުރެވޭނެއެވެ.
ވިސްނާލަ ބަލާށެވެ. މާ ބުރަ ބޮޑު މަސައްކަތެއް ނުކޮށް ފަތިސް ނަމާދުގެ އިޙުސުންނަތުގެ 2 ރަކުއަތް ކޮށްލައިގެން މިވަރުގެ ބޮޑު އިނާމެއް ލިބެން އޮތްއިރު، އެކަން ނުކޮށް ދޫކޮށްލާނީ މޮޔަމީހަކު ނޫންހެއްޔެވެ.
އަޙުންނޭވެ.! މިފަދަ ބޮޑު ތަނަވަސް ރަޙްމަތަކަށް އުންމީދުނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ ކާއިނާތުގެ ވެރި ﷲ މިއޮތީ އަޅުގަނޑުމެންނަށް ކޮންފަދަ ބޮޑު ތަނަވަސްކަމެއް ޙާޞިލުކުރުމުގެ ފުރުސަތު ދެއްވާފަ ހެއްޔެވެ؟
މި ފުރުސަތު ނަގާނުލާށެވެ. ފުރުސަތުގެ ބޭނުން ހިފުމަށް އަޒުމް ކަނޑައަޅާ އެކަމަށް އަވަސްވެ ގަންނާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް