''އެ ސުވާލުގެ ޖަވާބު ބޭނުން.... އަހަރެންގެ މަންމަ އަކީ ކާކު.... '' ޒާރާ ސުވާލު ތަކުރާރުކޮށްލިއެވެ. މިހާދުވަސްކޮށްފައި ޒާރާ އެ ސުވާލު އެގޮތަށް ކުރަން އެޖެހުނީ ކީއްވެބާވައޭ ހާމިދުގެ ހިތަށް އެރިއެވެ. ހާސްކަން ހައްތަހާ ދިޔައީ އިތުރު ވަމުންނެވެ. ނިތްކުރިމަތިން ފާއްދާލާފައިވާ ދާތިކިތައް މިކަމުގެ ހެއްކަކަށް ފުދެއެވެ. ސައުވީސް އަހަރުވީއިރު ޒާރާގެ ހިތަށްވެސް ނާންނަ ސުވާލެއް މިއަދު އެކުރީ ކީއްވެހެއްޔެވެ. ހަމަގައިމުވެސް އެ ސުވާލު ކުރަން ޖެހުނު ކޮންމެވެސް ސަބަބެއް އޮންނާނެ ކަމުގައި ހާމިދު ގަބޫލު ކުރެއެވެ.
''ބައްޕާ .... ކާކުތަ...އަހަރެންގެ މަންމަ އަކީ.؟ '' ތިންވަނަ ފަހަރަށް ޒާރާ ހަމަ އެ ސުވާލު ތަކުރާރު ކޮށްލިއެވެ. ހާމިދު އިސްޖަހާލިއެވެ. ހެޑްބޯޑުގައި ބުރަކަށި ޖައްސާލާ އެނދުގައި ހަމަޖެހިލިއެވެ. ކޮންމެވެސް ދުވަހަކުން ހަޤީގަތާ ކުރިމަތިލާން ޖެހޭނެއޭ ނާޒިމާ އަބަދުވެސް އައީ ބުނަމުންނެވެ.
''ދަރިފުޅާ ... ދަރިފުޅުގެ މަންމަ އަކީ ނާޒިމާ....''
ހާމިދު އެބުނި ބުނުން ޒާރާއަކަށް ގަބޫލެއް ނުކުރެވުނެވެ. ގަބޫލު ކުރެވޭނީވެސް ކިހިނެއް ހެއްޔެވެ. އެދުވަހު ޒާރާގެ ދެކަންފަތުން އަޑުއެހި ވާހަކަތައް ދެންމެ އަޑުއިވުނު އެއްޗެއްފަދައިން މިހާރުވެސް ގުގުމަމުން އެބަދެއެވެ. ވީއިރު ބައްޕަ އަނެއްކާވެސް ޒާރާއަށް ދޮގުހަދަން ގަސްދުކުރީ ހެއްޔެވެ. ޒާރާގެ ހިތުގައި އެތަކެއް ސުވާލެއް އުފެދި ސިނކުޑިތެރެ ހަލަބޮލި ކޮށްފިއެވެ.
''ބައްޕާ..... ކުރީދުވަހު މަންމަ ދެއްކި ވާހަކަ އަހަންނަށް އަޑުއިވުނޭ...... ދެން އަނެއްކާ ކީއްވެ ބައްޕަ އަހަންނަށް އޮޅުވާލަން ތިއުޅެނީ؟......'' ޒާރާ މިހުރިހާ ދުވަހު ނުބުނަންހުރި ވާހަކަ ބުނެވިއްޖެއެވެ. ހާމިދު އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޒާރާ އެބުނި އެއްޗެއް ހާމިދަށް ޤަބޫލު ނުކުރެވޭހެން ހީވާފަދަ ގޮތަކަށް ޒާރާއާ ދިމާލަށް ބަލަން އިނދެވުނީއެވެ. ޒާރާ އެބުނަނީ ތެދެއްކަން ޔަގީން ވާއިރުވެސް އެކަން ގަބޫލުކުރަން އޭނާގެ ޒަމީރު ދެކޮޅުހަދަނީއެވެ. ޒާރާ އޭނާދެކެ ހިތްހަމަ ނުޖެހިދާނެތީ ބިރުން އުޅުނުކަންތައް ފަޅާއަރައިފިއެވެ. ދެން އިތުރަށް ދޮގުހަދާ އޮޅުވާލުން އެއީ ހާމިދަށް ފަސޭހަ ކަމަކަށް ނުވާނެއެވެ.
ޒާރާއަށް ހަޤީގަތް ފޮރުވައިގެން ހާމިދަށް ސައުވީސް އަހަރުވަންދެން އުޅެވިއްޖެއެވެ. އޮތް ހަމައެކަނި ގޮތަކީ ހުރިހާ ވާހަކައެއް ޒާރާއަށް ކިޔައިދިނުމެވެ. ހާމިދު އެނދުގައި ހަމަޖެހިލިއެވެ. ޒާރާގެ މޫނަށް ބަލާލިއެވެ.
''މިއަދު ދަރިފުޅުގެ މަންމަ އަކީ ކާކުކަން ބުނެދޭން ބައްޕަ ބޭނުން......ބައްޕަ އުންމީދުކުރަން ބައްޕައަށް ދަރިފުޅު މާފުކުރާނެކަމަށް....'' ހާމިދުގެ އަޑުގައި ތުރުތުރެއް އެކުލެވިފައި ހުއްޓެވެ. ޒާރާ އޭނާގެ ލޯބިވާ ބައްޕަގެ އަތުގައި ހިފާލިއެވެ. ހާމިދު އޭނާގެ ޙަޔާތުގެ ސަފުޙާތައް ޒާރާގެ ކުރިމަތީގައި ހުޅުވާލިއެވެ. ދުވަހަކުވެސް ނުހުޅުވަން ލައްޕާލާފައިވާ އޭނާގެ މާޒީގެ ސަފުހާތަކެވެ. އެ ދުވަސްތައް ލޯކުރިމަތީގައި އިއްޔެ ވީކަމެއްހެން ފެންނަންފެށިކަހަލައެވެ.
*********************************
ހާމިދަކީ ފޮނަދޫ މީހެއްކަމުގައި ވިޔަސް އުޅެބޮޑުވީ މާލޭގައެވެ. ކުޑައިރު މައިންބަފައިން ނިޔާވެފައިވާތީ އުޅެންޖެހުނީ އަމިއްލައަށެވެ. ބޮޑުދައިތައެއްގެ ގާތުގައި ދުވަސްކޮޅަކު ރަށުގައި އުޅުމަށްފަހު ފުރާވަރަށް އެޅުމުން ހާމިދު މާލެ ބަދަލުވިއެވެ. ބައްޕަގެ ފަރާތުން ކުޑައިރުއްސުރެ ވަޑާމުގެ މަސައްކަތް ދަސްވެފައިވާތީ ވަޑާންގެއަކުން ވަޒީފާހޯދިއެވެ. އެތަނުގައި އުޅެމުން އިތުރަށް އެ މަސައްކަތް ދަސްކުރިއެވެ. ވިސްނުން ތޫނުކަމާއެކު ކުރަމުން ދިޔަ ހިތްވަރުގެ ނަތީޖާއަކަށްވީ ދެއަހަރުދުވަހުގެ ތެރޭގައި މޮޅު ވަޑިއަކަށް ހާމިދު ވުމެވެ. އޭނާއަށް އެތައް ކުންފުންޏަކުން ވަޒީފާގެ ފުރުސަތު އޮތީ ހުޅުވިފައެވެ. އެގޮތުން މާލެކައިރި ރިސޯޓުތަކާއި ސަފާރީތަކުގެ މަސައްކަތްތައް ހާމިދަށް އޮހެމުން ދާންފެށިއެވެ. ވަގުތުގެ ބޭނުން ރަނގަޅުގޮތުގައި ހިފާ، ހީވާގިކަމާއެކު މަސައްކަތްކުރީ ކައިވެންޏެއްކޮށް ދިރިއުޅުމެއް ފަށަންވާއިރަށް އަމިއްލަ ގެދޮރު ހަދާ، އަމިއްލަފައިމައްޗަށް ތެދުވުމުގެ މަގުސަދުގައެވެ. ހާމިދަކީ ބޭކާރު ޚަރަދު ކުރާމީހެއްނޫނެވެ. ސިނގިރޭޓް ބުއިމާ، މާގިނައިން ކޮފީތަކަށް ދިއުމަކީ އޭނާ ކުރާކަމެއް ނޫނެވެ.
ނާޒިމާއަކީ ހާމިދު ކުއްޔަށްހުރިގޭގައި ގެންގުޅޭ ރ. އަތޮޅު ރަސްމާދޫ ކުއްޖެކެވެ. ނިކަމެތި ކުއްޖެކެވެ. އާއިލާގައި އަޅާލާނެ މީހަކު ނެތް ކުއްޖެކެވެ. ކުޑައިރު މައިންބަފައިން ނިޔާވުމުގެ ސަބަބުން ބިކަވެފައިހުރި ޔަތީމު ކުއްޖެކެވެ. އެހެންނަމަވެސް އެ ގޭ މީހުންގެ ރަނގަޅުކަމުން ނާޒިމާއަށް ޓިއުޝަން ކުލާހަކުން ކިޔެވޭނެގޮތް ހަމަޖައްސައިދިނެވެ. ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރަމުން ނާޒިމާ ކިޔަވަން މަސައްކަތްކުރަމުން ދިޔައީ ހިތްވަރާއެކުގައެވެ. ނާޒިމާގެ ރީތިކަމާ މަޑުމައިތިރި ކަމުގެ ސަބަބުން ހާމިދުގެ ހިތުގައި ނާޒިމާގެ މައްޗަށް ލޯބި އުފެދުނެވެ. ގަޔާވެވުނެވެ. ދެ ޒުވާނުން އެކަކު އަނެކަކާ އަނގައިން ނުބުނި ނަމަވެސް ނާޒިމާވެސް ހާމިދާ ގަޔާވާކަމުގައި ހާމިދަށް ގަބޫލުކުރެވުނެވެ. ނާޒިމާ ބަލާލާގޮތުންނެވެ. އެ ލަދުރަކި ހިނިތުންވުމުންނެވެ. އަވަސް އަވަހަށް ހާމިދު ކުރިމަތިން ދުވެފިލާގޮތުންނެވެ. ދުވަސްތަކަކަށްފަހު ، އެއްދުވަހަކު ހިތްވަރުކޮށްފައި ނާޒިމާއަށް ހާމިދު ލޯބި ހުށައެޅިއެވެ. ހާމިދުގެ ލޯބި ނާޒިމާ ގަބޫލުކޮށް، ނާޒިމާ ވެސް ހާމިދުދެކެ ލޯބިވާ ވާހަކައާއި ކައިވެނި ކުރަން ބޭނުންވާ ވާހަކަ ބުނި ދުވަހު އުފަލުން ހާމިދަށް ރޮވުނެވެ. މާގިނަދުވަހެއް ނުކޮށް ނާޒިމާއާއި ހާމިދުގެ ކައިވެނި ކުރެވުނެވެ. ރަށުގައި ހަދަންފަށާފައިވާ ގެ ނިމެންދެން، ދެމަފިރިން އުޅެން ނިންމީ މާލޭގައެވެ. ކުއްޔަށް އުޅެން ޖެހުނު ނަމަވެސް އެއްވެސް ދަތިކަމެއްނެތި އުޅެވޭވަރަށް ހާމިދުއަތުގައި ފައިސާ ހުއްޓެވެ.
ދުވަސްތައް އުފާ ފާގަތިކަމާއެކު ވޭތިވަމުންގޮސް ކައިވެންޏަށް ހަމަސްވީދުވަހަކީ އިތުރު އުފާވެރިކަމެއް އެ ދެމަފިރިންނަށް ލިބުނު ދުވަހެކެވެ. ނާޒިމާ ބަލިވެއިންކަމުގެ އުފާވެރި ޚަބަރެވެ. ހާމިދަށް ލިބޭ ހުރިހާ ހުސްވަގުތެއް ވަގުފުކުރީ ނާޒިމާއަށްޓަކައެވެ. ދަރިފުޅަށް އަޅާލާންޖެހެނީ އެ ދަރިފުޅު ދުނިޔެއަށް އަންނަ ހިސާބުން ނޫންކަން އަބަދުވެސް ހާމިދު ހަނދާން ބެހެއްޓިއެވެ. ނާޒިމާއަށް ބޭނުންވާނެ ހުރިހާކަމެއް ކޮށްދެނީ އެއްވެސް ޝަކުވާއެއްނެތި އުފަލުންނެވެ. ބަދަލުގައި ނާޒިމާގެ ފަރާތުންވެސް ހާމިދަށް ލިބެނީ އިންތިހާ ލޯތްބާއި އޯގާތެރިކަމެވެ.
ދުވަސްތައް ގުނަމުންގޮސް ބަނޑަށް ހަތް މަސްފުރުނުއިރު، ތެދުވެއުޅެން ނާޒިމާއަށް އުނދަގޫ ވާންފެށިއެވެ. ދެފައި ދުޅަވިއެވެ. މޭގައި އާދަޔާ ޚިލާފަށް ރިއްސާ ނޭވާކުރުވާންފެށިއެވެ. ގިނައިން ހޮޑު ލެވި، ބޯއަނބުރާ، ގައިގާ އެއްވެސް ވަރެއް ނުހުރެއެވެ. ޑޮކްޓަރަށް ދެއްކުމުން ރާއްޖެއިން ބޭރަށް ދާން ޑޮކްޓަރު އިރުޝާދު ދިނެވެ. ރާއްޖެއިން ހެދެންނެތް ޓެސްޓުތަކެއް ވަގުތުން ހެދުމަށްޓަކައެވެ. ކޮންމެފަދަ ހާލަތެއް ކުރިމަތިވިޔަސް ނާޒިމާއާއި އެކުގައިވުމަށް ހާމިދު އަޒުމް ކަނޑައެޅިއެވެ. ނާޒިމާއަށް އެތަށްގޮތަކުން ވިސްނައިދީ ހިތްވަރުދީ ހެދިއެވެ.
ހަފުތާއެއްގެތެރޭގައި ދަތުރުގެ ހުރިހާކަމެއް ހާމިދު ހަމަޖެއްސިއެވެ. އެކުގައި ދާނެ އެއްވެސް މީހަކު ނެތުމުން ދެމަފިރިން އެކަނި ދާންޖެހުނު ނަމަވެސް ހިތްވަރު އެލުވައެއް ނުލައެވެ. ހޮސްޕިޓަލުން ހެދި ޓެސްޓްތަކަށްފަހު ޑޮކްޓަރުދިނީ ހިތާމަވެރި ޚަބަރެކެވެ. ނާޒިމާގެ ހިތުގެ އެއްފަޅި ރަނގަޅަށް މަސައްކަތް ނުކުރާކަމަށް ޑަކްޓަރުން ބުނިވަގުތު ހާމިދުގެ ހިތް ހުއްޓުނު ކަހަލައެވެ. ނާޒިމާގެ ހިތުގެ އެއްބައި ވަނީ މަރުވެފައެވެ. ގިނަދުވަސްވުމުގެ ސަބަބުން ދެންހުރިބައިގެ ސެލްތައް ސަލާމަތްކުރެވިދާނެކަމުގެ އުންމީދު ނުހަނު ކުޑަވާހަކައެވެ. ހާމިދުގެ ހިތް ކުދިކުދިވި ކަހަލައެވެ. އެހެންނަމަވެސް ﷲ އަށް ވަކީލުކުރީ އުންމީދު އާކުރަމުންނެވެ. ނާޒިމާއަށް އޭނާގެ ބައްޔާބެހޭ އެއްވެސް ކަމެއް ހާމިދު ނާންގައެވެ. އިތުރަށް ނާޒިމާގެ ހާލު ގޯސްވާން ހާމިދު ބޭނުންނުވާތީއެވެ. ފިރިއެއްގެ އޯގާތެރިކަމަކީ އަންހެނަކަށް ދުނިޔެމަތީގައި ލިބޭނެ އެންމެ އަގުބޮޑު އެއް ނިއުމަތެވެ. އެހާލުގައި ބަލިއެނދުގައި އޮތްނައިރު، ނާޒިމާގެ މޫނުމަތީން ފެންނަންހުންނަ އުފާވެރިކަމުގެ ފަހަތުގައިވާ ސިއްރަކީ އެފަދަ ފިރިއެއްގެ ފަރާތުން ލިބޭ ލޯތްބާއި އަޅާލުމާ އޯގާތެރިކަމެވެ.
ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނުތާ މަސްދުވަސް ފާއިތުވީއިރު، ނާޒިމާ ވިހަންބުނި ދުވަސް ޖެހެން ހަފުތާއެއް އޮތެވެ. އެކަމުގައި ނާޒިމާއަށް ކުރިމަތި ވެދާނެ ނުރައްކާތެރިކަން އޮޅުންފިލާފައި ނުވާހާލު، ބަނޑުގައި ރިއްސަން ފަށާނެ ވަގުތަކަށް ނާޒިމާ އިންތިޒާރު ކުރަމުންދިޔައެވެ. އެ ހިނދުކޮޅަށްޓަކައި ނާޒިމާ އިންތިޒާރުކުރާތާ އެތައްދުވަހެއް ވީއެވެ. އެހެންނަމަވެސް ހާމިދަށް އެނހިދުކޮޅުގެ ބިރުވެރިކަން އަންދާޒާކުރެވެއެވެ.
ބަނޑުން ރިހުން ނަގަމުން ދިޔަ ނަމަވެސް ނާޒިމާ ކެތްކުރަމުން ދިޔައީ، އެއީ ކޮންމެ މަންމައަކުވެސް ތަހައްމަލު ކުރާނެ ވޭނެއްކަން އަމިއްލަ ނަފުސަށް ވިސްނައިދެމުންނެވެ. އެ ހާލަތުގެ ނާޒުކުކަން ނާޒިމާގެ ސިނކުޑިއަށް ގެންނާނީވެސް ކިހިނެތްހެއްޔެވެ. ބަނޑާއި އުނަގަނޑުން ނަގަމުންދިޔަ ވޭން ހާމިދަށްވެސް ސިއްރުން ނާޒިމާއަށް ތަހައްމަލު ކުރެވުނީ ވަކި މިންވަރަކަށެވެ. ކުއްލިއަކަށް ރިހުން ގަދަވެއްޖެއެވެ. ހާމިދު ހާސްވެ ކަންބޮޑުވިއެވެ.
ވިހާކޮޓަރިއަށް ނާޒިމާވެއްދި އިރު ނޭވާ ނުލެވިގެން ތެޅިފޮޅެންފަށައިފިއެވެ. ހާމިދު ނާޒިމާއަށް ހިތްވަރުދިނުމަށްޓަކައި ގާތުގައި ހުންނަން ކިތަންމެ ބޭނުމަސް އެއަތުން ދޫކޮށްލަން މަޖުބޫރުވިއެވެ. ނާޒިމާގެ ހާލު ސީރިއަށްވީ ހިސާބުންނެވެ. އިމަޖެންސީގައި ނާޒިމާގެ އޮޕަރޭޝަންގެ ކަންކަން ހަމަޖެހެން ގިނައިރެއް ނުނެގިއެވެ. އޮޕަރޭޝަން ތިއޭޓަރަށް ނަޒިމާވަދެ ދޮރުލެއްޕެންދެން ކަރުނަވީ ލޮލަކުން ހާމިދަށް ބަލަން ހުރެވުނެވެ.
ﷲ އަށް ދުޢާކުރުމުގައި ވަގުތުތައް ގުނަމުންދިއުން ފިޔަވައި ހާމިދަށް ކުރެވޭނެ އެއްވެސްކަމެއް އެވަގުތުނެތެވެ. ތިއޭޓަރުގެ ބޭރުގައިހުރި ގޮނޑިބަރީން ގޮނޑިއެއްގައި ހާމިދު އިށީނދެލީ ކޮޅަށް ހުންނާނެ ހިތްވަރު ނެތިގެންނެވެ. ވަގުތުތަށް ގުނަމުން ދިޔައީ ކެއްތެރިކަން ކޮޅުންލާފައިވާ ހާލުގައެވެ.
ތިންގަޑިއިރަށް ދެމިގެންދިޔަ ދިގު އޮޕަރޭޝަނަސްފަހު ތިއޭޓަރުގެ ދޮރު ހުޅުވުނެވެ. ނަރުސްކުއްޖަކު ނިކުމެގެންއައީ ހާމިދާ ދިމާލަށެވެ. އެ ކުއްޖާގެ އަތުގައި ހުދު ސާލަކުން ފޮރުވާލެވިފައި އެއޮތީ ހާމިދުގެ ދަރިފުޅުކަން ޔަގީނެވެ. ހާމިދަށް ކޮޅަށް ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ. އެ ތުއްތު ދަރިފުޅު ހާމިދުގެ އަތަށް ފޯރުކޮށްލަމުން އެއީ އަންހެންކުއްޖެއްކަމުގައި ނަރުސްކުއްޖާ ބުންޏެވެ. އެ ތުއްތު ތުއްތު މޫނަށް ބަލާލެވުމާއެކު ލޯ ފުރިގެން ބަންޑުންވިއެވެ. ހާމިދު ބައްޕައަކަށް ވީއެވެ. ކުރަމުންއައި އުންމީދުތައް ފުރިހަމަވީއެވެ. ދަރިފުޅު މެޔާލާ ބޮޑިކޮށްލިއެވެ. ލޯތްބާ ކުލުނުން ހާމިދުގެ ހިތްފުރި އުތުރިގަތެވެ. ލޯބިލޯބިކޮށް ނިދާލާފައިއޮތް ދަރިފުޅުގެ ފިޔާތޮށިކުލައިގެ ކޯތާފަތުގައި ތުންފަތް ޖައްސާލީ ﷲ އަށް ޙަމްދު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް