އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް ސޯޝަލް މީޑިއާގައި ހިއްސާކުރުމަކީ މިހާރު އަޅުގަނޑުމެންގެ ދިވެހިންގެ ތެރޭގައިވެސް ވަރަށް އާއްމުވަމުން އަންނަ ކަމެކެވެ.
ޚާއްޞަ ގޮތެއްގައި ތިމާމެންގެ ޅަދަރިންގެ ތުއްތު ދިރިއުޅުމުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޙިއްސާކުރުމަކީ މިހާރުވަރަށް އާންމު ވެފައިވާ ކަމެކެވެ.
މީގެ އަހަރުތަކެއް ކުރިޔަށް ބަލާއިރު އަޅުގަނޑުމެން ނަގާ ތުއްތު ކުދިންގެ ފޮޓޯތަކަކީ ހަނދާނަކަށް އަލްބަމްގައި ރައްކާކޮށް ބޮޑު އަލަމާރީގައި ރައްކާކުރާއެއްޗެކެވެ. އެހެން ނަމަވެސް މިހާރު އެހެންނަކުން ނޫނެވެ. އެ އެފޮޓޯތައް އަޅުގަނޑުމެން މިވަނީ އެތަކެއް މިލިޔަން މީހުން ބޭނުންކުރަމުން އަންނަ ސޯޝަލް މީޑިއާ މެދުވެރިކޮށް މުޅި ދުނިޔެއަށް ހުޅުވާލާފައެވެ. މިއީ އެކުދިން ބޮޑުވުމަށްފަހު އެކަމަށް ތަޢުރީފު ކުރާނެ ކަމެއްތޯ އެކަން ކުރުމުގެ ކުރިން ކޮންމެ ބެލެނިބެރިޔަކުވެސް ވިސްނާލާށެވެ.
އަޅުގަނޑުމެންގެ ތެރެއިން ގިނަ ބެލެނިވެރިން ޤަބޫލުކުރާ ގޮތުގައި އެބައިމީހުންގެ ޅަދަރިންގެ ތުއްތު ދިރިއުޅުމުގެ ކަންތައް ފޮޓޯ ނަގާ ސޯޝަލް މީޑިއާގައި ހިއްސާ ކުރުމަކީ ތަރައްޤީއެވެ. އެފަދަ ބެލެނިބެރިންނަށް މިކަން ކުރަމުން ގެންދަނީ އެމީހުންނަށް ލިބޭ ހިއްހަމަޖެހުމާއި އުފަލަކަށް ހަދައިގެންނެވެ.
މިއަދުގެ ޒުވާނުންނަކީ ސޯޝަލް މިޑިއާއާ ގުޅުންބޮޑު ބަޔަކަށްވާއިރު މިގޮތަށް ދައުރުވާ ކުދިންގެ ފޮޓޯތަކުގެ ނޭދެވޭ އަސަރު އެކުދިންނަށް ކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެފަދަ ފޮޓޯތަކުގެ ރައްކާތެރިކަން ސޯސަލް މީޑިއާގައި އޮންނަ މިންވަރު އެއީ ކަންބޮޑުވާން ޖެހޭކަމެކެވެ. މިސާލަކަށް އެގޮތަށް ދައުރުވަމުންދާ ދަރިފުޅު ތުއްތު އިރުގެ ފޮޓޯތަކާއި މަޢުލޫމާތުތައް ބޭނުން ކޮށްގެން އެކުއްޖާ ބުލީކުރުމަށް ފުރުޞަތު އެބައޮތެވެ.
ދިރާސާތަކުން ދައްކާ ގޮތުން ކުދިންގެ ފޮޓޯއާއި މަޢުލޫމާތު ސޯޝަލްމީޑިއާގައި ބެލެނިވެރިން ހިއްސާ ކޮށްފައިވާ ގޮތާމެދު، ޢުމުރުން 10 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން ހަޤީގަތުގައިވެސް ކަންބޮޑުވުން ފާޅުކުރެއެވެ.
ހަޤީޤަތުގައި އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ބެލެނިވެރިޔަކުވެސް އެކަން ކުރަމުން ގެންދަނީ ވިސްނާ ލުމެއް ނެތިއެވެ. ނަމަވެސް ވިސްނާލަން ޖެހޭ ހަޤީޤަތަކީ ތިމާގެ ދަރިއެއް ނަމަވެސް އެއީ މުޅިން އެހެންމީހެއްކަމާއި އެހެން އިންސާނެއްކަމެވެ. އެހެން ކަމުން މިކަން ކުރުމަކީ ބެލެނިވެރިންނަށް ލިބިގެން ވާ ހައްޤެއް ކަމަކަށް ނުބެލެވެއެވެ.
މިފަދަ ބެލެނިވެރިންނަށް އޮތް އެންމެ ރަނގަޅު ގޮތަކީ ކުއްޖާގެ ފޮޓޯތަކާމެދު ކުއްޖާއާ މަޝްވަރާކޮށް ގޮތެއްނިންމޭވަރަށް އެކުދިން ބޮޑުވާންދެން އެކުދިންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ސޯޝަލް މީޑިއާގައި ޙިއްސާ ނުކުރުމެވެ. އެއީ ފަހަރުގައި ބެލެނިވެރިން ނިންމަންޖެހޭ ވަރަށް އުދަނގޫ ނިންމުމެއްކަމަށްވެސް ވެދާނެއެވެ. ނަމަވެސް މިއީ ކަންކުރަން އެންމެ ބުއްދިވެރި ގޮތެވެ.
ކޮންމެ ބެލެނިވެެރިޔަކު ވެސް ދަރިންގެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކުރުމުގެ ކުރިން އެއީ ކާކަށް ކީއްކުރަން ހިއްސާކުރާ ފޮޓޯއެއްތޯ ނުވަތަ މަޢުލޫމާތެއްތޯ ވިސްނާލަންޖެހެއެވެ. އަދި އެމަޢުލޫމާތެއް އެންމެންނާ ޙިއްސާކުރުމުން ނިކުމެދާނެ ނަތީޖާއަކަށް ވެސް ވިސްނަންޖެހޭނެއެވެ.
ސޯޝަލްމީޑިއާގެ ރަޙްމަތްތެރިންގެ ލިސްޓްގައި ފަންސާހަކަށް މީހުން ތިބޭއިރު ތުއްތު ދަރިފުޅުގެ ދިރިއުޅުމުގެ ކަންކަން ނުވަތަ ފޮޓޯ ހިއްސާކުރާނީ ކޮންބަޔަކާއެކުގައިތޯ ބެލެނިވެރިން ރަނގަޅަށް ވިސްނަންޖެހެއެވެ.
ބައެއް ދިރާސާތަކުން ދައްކާގޮތުގައި ރަހްމަތްތެރިންގެ ލިސްޓްގައި ތިބި ފަންސާހަކަށް މީހުންނަށް އެއްފޮޓޯއެއް ހިއްސާކުރާނަމަ އެމީހުން ރަޙްމަތްތެރިންނަށް އެފޮޓޯ ނުވަތަ މަޢުލޫމާތު ހިއްސާކޮށް ފަންސާހުގެ ބަދަލުގައި އެމަޢުލޫމާތެއް 500 އެއްހާ މީހުންނަށް ޙިއްސާވެގެންދެއެވެ.
ކުދިންގެ ރުހުމާއި ނުލާ އެކުދިންގެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްފިނަމަ ދުނިޔޭގެ ބައެއް ގައުމުތަކުގައި އަދަބުތަކެއް ކަނޑައެޅިފައިވެއެވެ.
އެގޮތުން ސޯޝަލް މީޑިއާގައި ކުޑަކުދިންގެ ފޮޓޯ އެކުދިންގެ ރުހުމަކާ ނުލައި ސާއިޢުކޮށްފިނަމަ، ފަރަންސޭސި ވިލާތުގައި ބެލެނިވެރިންނަށް 35،000 ޕައުންޑުގެ ބޮޑު ޖުރިމަނާއަކާ ކުރިމަތި ލާން ޖެހެއެވެ. އަދި މީގެ އިތުރުން އެއް އަހަރުގެ ޖަލު ޙުކުމަކާ ކުރިމަތިލާން ވެސް ޖެހެއެވެ.
ކަން މިހެން ހުރި އިރު، އަޅުގަނޑުމެންގެ ތުއްތު ކުދިންގެ ދިރިއުޅުމުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކޮށް އެކުއްޖާގެ މުސްތަޤްބަލު ބަނަކޮށްލާ ބަޔަކަށް އަޅުގަނޑުމެން ބެލެނިވެރިން ނުވަމާތޯއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް