އިނގިރޭސި ކުލަބް އެވަޓަންއަށް ކުޅެމުން އައި އިޓަލީގެ ފޯވާޑް މޮއިސް ކީން ލޯނު އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވެއްޖެއެވެ.
އިޓަލީގެ ޔުވެންޓަސްއަށް ވެސް ކުޅުނު ކީން އެވަޓަންއަށް ބަދަލުވީ ފަސް އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުން 27.5 މިލިއަން ޔޫރޯއަށެވެ. ނަމަވެސް އެ ޓީމުގައި އޭނާއަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. އެއާއެކު އެ ޓީމުން ނިންމީ އޭނާ ލޯނު އުސޫލުން ދޫކޮށްލާށެވެ.
ޕީއެސްޖީއާ ގުޅުމަށްފަހު މީޑިއާތަކާއި ވާހަކަދައްކަމުން މޮއިސް ބުނީ ޕީއެސްޖީއާއި ގުޅުމަކީ ދެކެމުން ދިޔަ ބޮޑު ހުވަފެނެއް ކަމަށާއި އެކަމާ ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ.
މީގެ އިތުރުން ކީން ބުނީ ޕީއެސްޖީ އަކީ ވަރުގަދަ ޓީމެއް ކަމަށާއި އެކަން އެންމެ ފަހުން ނިމުނު ޗެމްޕިއަންސް ލީގުގައި ސާބިތު ވެގެނަ ގޮސްފައިވާ ކަމަށެވެ. އެހެން ކަމުން ބޭނުންވަނީ ރަނގަޅު ކެރިއަރެއް ޕީއެސްޖީގައި ބިނާކުރުމަށް ކަމަށްވެސް ކީން ބުންޏެވެ.
ޔުވެންޓަސްގައި ކުޅުނު ދުވަސްވަރު ކީން ވަނީ ކުޅުނު 21 މެޗުގައި 8 ގޯލު ޖަހައިދީފައެވެ. އަދި އޭނާ ވަނީ ޔުވެންޓަސްއާއެކު އިޓާލިއަން ލީގު ދެ ފަހަރު އަދި އިޓާލިއަން ކަޕް ހޯދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް