ފޮޓޯ: ދިރާގު
ކުޑަކުދިންނާއި ޒުވާނުންނަށް ކަނޑުފަޅުގެ ދިރުންތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކަން އިތުރުކުރުމަށް ދިރާގާއި ސީޑް އިނީޝިއޭޓިވް ގުޅިގެން މަސައްކަތް ފަށައިފިއެވެ.
ސައިންސް އެކްސްޕްލޯ އެކްޓް އެންޑް ޑިސްކަވާ (ސީޑް) އިނީޝިއޭޓިވް އަކީ ތިމާވެށީގެ ރޮނގުން ތަޢުލީމާއި ޢަމަލީ ތަޖުރިބާ ހޯދައިދިނުމުގެ މަޤުޞަދުގައި ޙަރަކާތްތެރިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން ސިޓިޒެން ސައިންސް މެދުވެރިކޮށް ކަނޑާ ބެހޭ ޑޭޓާ އެއްކުރުމާއި ގުދުރަތީ މާޙައުލު ޙިމާޔަތްކޮށް ދެމެހެއްޓުމަށް ތަފާތު ޕްރޮގްރާމްތައް ހިންގައެވެ.
މި ޕާޓްނާޝިޕްގެ ދަށުން ސީޑް އިނީޝިއޭޓިވްގެ ހުޅުމާލެ އާބަން ހަބަށާއި ރަށްރަށުގެ ޙަރަކާތްތަކަށް ދިރާގުން ކަނެކްޓިވިޓީގެ ސަޕޯޓު ފޯރުކޮށްދޭނެއެވެ. އެ ޖަމިއްޔާގެ "އިކޯ ގާޑިއަން" ޕްރޮގްރާމް ހުޅުމާލެ ކ. ކާށިދޫ އަދި ބ. ގޮއިދޫގައި ކުރިއަށް ގެންދާ ގޮތަށް ވަނީ ރާވައިފައެވެ.
އެ ޕްރޮގްރާމުގައި ކަނޑުފަޅާ ގުޅޭ ޚާއްޞަ ސެޝަންތަކެއް ބާއްވައި މޫދުގައި ޢަމަލީ ހަރަކާތްތައް ކުރިއަށް ގެންދިއުން ހިމެނެއެވެ. ކަނޑުގެ ދިރުންތަކުގެ ނިޒާމާއި މޫދުވިނަ އާއި ޗަސްބިންތަކާއި ދެމެހެއްޓެނިވި އުސޫލުތަކާ ބެހޭ މަޢުލޫމާތު މެރިން ބައޮލޮޖިސްޓުންނާއި ދާއިރާގެ މާހިރުންގެ އެހީގައި ބައިވެރީންނަށް ފޯރުކޮށްދޭން ވެސް ވަނީ ނިންމައިފައެވެ.
ޒުވާނުންނަށް ކަނޑުފަޅާ ބެހޭ ޢިލްމު ފޯރުކޮށްދީ ސީދާ އެ މާޙައުލު ތަޖުރިބާކުރުމުގެ ފުރުޞަތު ހުޅުވައިލުމަކީ ކަނޑުތަކާ މެދު އޮންނަ ގުޅުން ބަދަހިވެގެންދާނެ ކަމެއް ކަމަށް ދިރާގުން ބުނެފައިވެއެވެ.
ތިމާވެށި ރައްކާތެރިކުރުމާއި ކަނޑުފަޅު ޙިމާޔަތްކުރުމަށް މުޖުތަމަޢު ބާރުވެރިކުރުވުމަށް ދިރާގުން ޚާއްޞަ އިސްކަމެއް ދޭ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް