އަމިއްލަ ފަރުދުންނަށް ދޫކުރި ކްރެޑިޓް ކާޑާއި ލުއި ލޯނުގެ އަދަދު 9.2 ބިލިއަނަށް އަރައިފި

ރާއްޖޭގެ ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލުއި ލޯނާއި ކްރެޑިޓް ކާޑުގެ ޖުމްލަ އަދަދު މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް 9.2 ބިލިއަން ރުފިޔާއަށް އަރައިފި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓ...

06 Sep 2026 | 09:27
އެމްއެމްއޭ -- ދުވަސް ފޮޓޯ: އަޒްމީ އަލީ

އެމްއެމްއޭ -- ދުވަސް ފޮޓޯ: އަޒްމީ އަލީ

ރާއްޖޭގެ ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލުއި ލޯނާއި ކްރެޑިޓް ކާޑުގެ ޖުމްލަ އަދަދު މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް 9.2 ބިލިއަން ރުފިޔާއަށް އަރައިފި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިއީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅައިބަލާއިރު 15 އިންސައްތައިގެ ކުރިއެރުމެކެވެ.

މިއަހަރު ފެށުނުއިރު އެ ޢަދަދު 8.7 ބިލިއަން ރުފިޔާގައި ހުރިއިރު ހަ މަސް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 450 މިލިއަން ރުފިޔާގެ އިތުރުވުމެއް ވަނީ ފެނިފައެވެ.

ފާއިތުވި ފަސް އަހަރަށް ބަލާއިރު މި ދާއިރާގެ ދަރަނި ދެ ގުނައަށް އިތުރުވެފައިވެއެވެ. 2022 ވަނަ އަހަރު 4.5 ބިލިއަން ރުފިޔާގައި ހުރި ޢަދަދު 2023 ގައި 5.6 ބިލިއަނަށް 2024 ގައި 7.2 ބިލިއަނަށް އަދި 2025 ނިމުނުއިރު 8.5 ބިލިއަން ރުފިޔާއަށް ވަނީ މައްޗަށް ޖެހިފައެވެ.

އެ މުއްދަތުގައި ދޫކުރި ލޯނު އެންމެ ބޮޑަށް އިތުރުވީ 2023 އިން 2024 އަށެވެ. އެގޮތުން އެ އެއް އަހަރު ދުވަހުގެ ތެރޭ 2.1 ބިލިއަން ރުފިޔާ އިތުރުވެފައިވެއެވެ. އެވެރެޖްކޮށް ބަލާއިރު ކޮންމެ އަހަރަކު ބިލިއަން ރުފިޔާއަށްވުރެ ބޮޑު ޢަދަދެއް ކްރެޑިޓް ކާޑާއި ލުއި ލޯނުތަކަށް އިތުރުވެފައިވެއެވެ.

ހަމައެހެންމެ ލުއި ލޯނާއި ކްރެޑިޓް ކާޑު ފިޔަވައި އެހެނިހެން ބޭނުންތަކަށް ބޭންކުތަކުން ދޫކުރި ލޯނުގެ ޖުމްލަ ޢަދަދު ވެސް ވަނީ 16 އިންސައްތައިގެ ކުރިއެރުމާ އެކު 41.3 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މިދިޔަ އަހަރުގެ ޖުލައި މަހު އެ ޢަދަދު ހުރީ 35.6 ބިލިއަން ރުފިޔާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް